ޖަޔާލަލީތާގެ އުފަންދުވަހާ ދިމާކޮށް "ތަލައިވީ" ރިލީޒްކުރާ ދުވަސް އިއުލާންކޮށްފި

ފިލްމުގެ ޕޯސްޓަރެއް---

ބަތަލާ ކަންގަނާ ރަނައުތު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ތަލައިވީ" ރިލީޒްކުރާ ދުވަސް އިއުލާންކޮށްފި އެވެ.

މި ފިލްމަކީ ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖޭ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. ޖޭ ޖަޔާލަލީތާގެ އުފަންދުވަހު ފިލްމު ރިލީޒްކުރާ ދުވަސް އިއުލާން ކުރަމުން ކަންގަނާ ކުރި ޓްވީޓެއްގައި ބުނީ ލެޖެންޑެއްގެ ވާހަކަ ކިޔައިދޭ މި ފިލްމު ރިލީޒްކުރާނީ އަންނަ އޭޕްރިލް މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. ޖަޔާގެ އުފަން ދުވަހަކީ 24 ފެބްރުއަރީ އެވެ.

އެ ފިލްމުގައި ޖޭ ޖަޔާލަލީތާ އިންޑިއާގެ ނުފޫޒު ގަދަ ސިޔާސީ ލީޑަރަކަށްވެގެން ދިޔަ ގޮތް ދައްކުވައިދޭނެ އެވެ. އެ ފިލްމު ހިންދީ ބަހުންނާއި ތަމިލް ބަހުން ރިލީޒް ކުރުމަށް ހަމަޖެހިފައިވެ އެވެ. އަލް ވިޖޭ ޑައިރެކްޓްކުރާ އެ ފިލްމުގައި ކަންގަނާގެ އިތުރުން ދެން ފެނިގެންދާނީ ޕްރަކާޝް ރާޖް، އަރްވިންދް ސްވާމީ އަދި ބަގްޔާޝްރީ އެވެ.

ތަލައިވީ ކުޅެން ކަންގަނާ 20 ކިލޯ ބަރުކުރި އިރު މި ޕްރޮޖެކްޓް އޭނާ ސިފަކުރަނީ އެންމެ އުންމީދީ ޕްރޮޖެކްޓްގެ ގޮތުގަ އެވެ. ބަތަލާ ކަންގަނާ ވަނީ މިހާރު "ތޭޖާސް"ގެ މަސައްކަތް ފަށާފައެވެ. އެ ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ބައިވެރިވާންޖެހޭ ވޯކްޝޮޕްތަކުގައި ކަންގަނާ މިހާރު އަންނަނީ ބައިވެރިވަމުންނެވެ. އަަންނަ މަހު ޝޫޓިން ފަށާ ތޭޖާސް ގައި ބަތަލާ ކުޅޭނީ އެއާފޯސް ޕައިލެޓެއްގެ ރޯލެވެ.

comment ކޮމެންޓް