އިތުރު 124 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޖެނުއަރީ 25، 2021: މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން އިތުރު 124 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ހިސާބުތަކަށް ބަލާއިރު މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭ ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 94 މީހެއްގެ އިތުރުން ރަށްރަށުން ޕޮޒިޓިވްވި ފަސް މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހެއްގެ އިތުރުން ލިވަބޯޑުތަކުން ޕޮޒިޓިވްވި މީހަކާއި އިންޑަސްޓްރިއަލް ރަށްރަށުން ނުވަ މީހެކެވެ.

މިއާއެކު ރާއްޖެއިންް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 19،162 އަށް އަރައިފައެވެ.

މިވަގުތު 2،449 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދާއިރު، އޭގެ ތެރެއިން 162 މީހުން ތިބީ ހޮސްޕިޓަލުގައެވެ.

ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ 16،646 އަށް އަރާފައިވާއިރު މިދިޔަ 24 ގަޑިއރު ތެރޭ 104 މީހުން ބަލިން ރަނގަޅު ވެފައިވެއެވެ.

މި ބަލީގައި ރާއްޖޭގައި 60 މީހަކު މަރުވެފައިވެއެވެ.

ކޮވިޑު 19 އިން ރައްކާތެރިވުމަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވާއިރު މިއަދާއި ހަމައަށް 90،865 މީހުންނަށް ވަނީ ވެކްސިން ދީފައެވެ. އޭގެ ތެރޭ މާލެ ސަރަހައްދުން ވެކްސިން ދިން 64،900 މީހުންނާއިއަތޮޅު ތެރޭގައި ވެކްސިން ދިން 25،965 މީހުން ހިމެނެއެވެ.

މއަދު ރާއްޖެގައި 5،755 މީހުންނަށްވެކްސިން ދިން އިރު މާލެ ސަރަހައްދުގަައި 3،123 މީހަކަށް އަދި އަތޮޅު ތެރޭގައި 2،632 މީހަކަށް ވެކްސިން ދީފައި ވެއެވެ.

ރާއްޖޭގައި އުޅޭ އުމުރުން 25 އަހަރުން މަތީގެ މީހުންނަށް މިހާރު ވެކްސިން ޖަހާއިރު ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާ އިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިން އެވެ.

އިންޑިއާ އިން ފުރަތަމަ ހަދިޔާކުރި އެއްލައްކަ ޑޯޒްގެ އިތުރުން އިތުރު އެއްލައްކަ ޑޯޒްގެ ވެކްސިން ވަނީ ރާއްޖެ އަށް ހަދިޔާ ކޮށްފަ އެވެ.

comment ކޮމެންޓް