ސެމްސަންގް ފަހަތަށް ޖައްސާ، ސްމާޓް ފޯނު މާކެޓުގެ އެއްވަނަ އަނެއްކާވެސް އެޕަލް އަށް

2016 ގެ ފަހުން އެޕަލް އިން ވަނީ ސްމާޓް ފޯނު މާކެޓުގެ އެއްވަނަ އަށް އަނެއްކާވެސް އަރާފައި --

ސްމާޓް ފޯނުގެ މާކެޓުގައި ސެމްސަންގު ފަހަތަށް ޖައްސާލާ އެ މާކެޓުގެ ރަސްކަން އަނެއްކާ ވެސް އެޕަލް އިން ހޯދައިފި އެވެ.

މާކެޓުގައި އެންމެ ވާދަވެރި ސެމްސަންގް އާ އަޅާބަލާ އިރު މިދިޔަ އަހަރު އެޕަލްގެ ވިޔަފާރި ވަނީ ކުރިއަރައިފަ އެވެ. އެގޮތުން އެއްވެސް ކުންފުންޏަކަށް ވުރެ ގިނަ ފޯނު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެޕަލް އިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޝިޕްކޮށްފައިވާ ކަމަށް މާކެޓް ރިސާޗު މައުލޫމާތުތައް ދައްކަ އެވެ.

އެގޮތުން ގާތްގަނޑަކަށް 80 މިލިއަން ފޯނު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެޕަލް އިން ވިއްކާފައިވެ އެވެ. މިއީ 2016ގެ ފަހުން ސެމްސަންގް ފަހަތަށް ޖައްސާލާ މާލެޓުގެ ކުރި، އެޕަލް އަށް ލިބުނު ފުރަތަމަ ފަހަރެވެ.

އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯން 12 އަށް ވަނީ މާކެޓުގައި ރަނގަޅު ތަރުހީބެއް ލިބިފަ އެވެ. ކޮވިޑްގެ ބަލިމަޑުކަމާއެކުވެސް އެޕަލް އިން ވާދަވެރިންނަށްވުރެ ބޮޑު ފައިދާ އަކާއި ސޭލްސް އެއް ހޯދާފައިވެ އެވެ.

އެޕަލް އިން ބުނީ 2020 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އައިފޯނުގެ ވިޔަފާރި 17 ޕަސެންޓު ކުރިއަށް ޖެހުނު ކަމަށެވެ.

ކޮވިޑާ އެކު ދުނިޔޭގެ ސްމާޓްފޯނު މާކެޓަށް 5.4 ޕަސެންޓުގެ ވެއްޓުމެއް އައިނަމަވެސް ބަލިމަޑުކަމުގައި އެޕަލްގެ ވިޔަފާރިއަށް 3.3 ޕަސެންޓުގެ ކުރިއެރުން އައިސްފައިވެ އެވެ.

ފަހު ކުއާޓަރުގައި އެޕަލް އިން ގިނަ ފޯނު ވިއްކިނަމަވެސް އަހަރު އެއްކޮށް ބަލާއިރު އެންމެ ގިނަ ފޯނު ވިއްކީ ސެމްސަންގުންނެވެ. ނަމަވެސް އެ ކުންފުނީގެ ސޭލްސް އަށް އެޕަލް އާއި އަޅާބަލާއިރު ފަހު ކުއާޓަރުގައި 14 ޕަސެންޓުގެ ދަށްވުމެއް މިދިޔަ އަހަރު އައިސްފައިވާކަމަށް މާކެޓް ރިސާޗަރުން ރިޕޯޓުކޮށްފައިވެެ އެވެ.

މިދިޔަ އަހަރު އެއްކޮށްވެސް އެއްވަރެއްގައި މާކެޓުގައި ހިފަހައްޓާލެވުނީ ޝޯމީ އަށެވެ.

ސްމާޓްފޯނު މާކެޓުގައި އެންމެ ބޮޑު ވެއްޓުމެެއް އައި ވާވޭ އަށެވެ. ޗައިނާ އާއި އެމެރިކާގެ ތަޅާފޮޅުމާއެކު ވާވޭ ގެ ސޭލްސް ވަނީ 24.1 ޕަަސެންޓު ދަށްވެފައެވެ.

comment ކޮމެންޓް