ރިޔާސީ ބަޔާނަށް ރައްދު: ސަރުކާރު ފާސިގުވެއްޖެ، ޔާމީންއާއެކު މަޝްވަރާތައް ފަށާ

އިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް، ރިޔާސީ ބަޔާނަށް ޖަވާބުދެއްވަނީ -- ފޮޓޯ/ މަޖިލިސް

މި ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ކަމަށާއި ގައުމު ހަމަ މަގަށް އެޅުވުމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު މަޝްވަރާތައް ފެށުމަށް ގޮވާލަމުން އިދިކޮޅުން ރިޔާސީ ބަޔާނަށް މަޖިލީހުގައި ރައްދު ދީފި އެވެ.

ރިޔާސީ ބަޔާނަަށް މިއަދު ޖަވާބު ދެއްވަމުން ޕީޕީއެމް ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، އޭދަފުށީ ދާއިރާ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވި، މި ސަރުކާރުން ވެރިކަމަށް އައުމަށް ވީ ވައުދުތައް ނުފުއްދޭ ކަމަށާއި ރައްޔިތުންގެ އިތުބާރު ގެއްލިިފައިވާ ކަމަށެވެ. އަދި މި ސަރުކާރަށް ސަލީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކާވަފަ އެވެ.

"މި ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަން ފާހަގަކުރަމުން ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަކޮށްފައިވާ ރައީސް ޔާމީންއާއެކު ގައުމު ހަމަމަގަށް އެޅުވުމުގެ މަޝްވަރާތައް ފެއްޓެވުމަށް މި ސަރުކާރަށް ގޮވާލަން،" މަޖިލީހުގެ މައިނޯރިޓީ ލީޑަރު ސަލީމް ވިދާޅުވި އެވެ.

މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް، ރިޔާސީ ބަޔާނަށް ޖަވާބުދެއްވަނީ -- ފޮޓޯ/ މަޖިލިސް

ސަލީމްގެ ރިޔާސީ ބަޔާނުގެ ޖަވާބުގައި މަނީލޯންޑަރިންގެ ކުށް ސާބިތުވެ، ޖަލަށް ހުކުމްކޮށްފައިވާ ރައީސް ޔާމީން މިނިވަން ކުރުމަށްވެސް އޭނާ ގޮވާލެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ވާދަވެރި އިދިކޮޅު ލީޑަރު ޖަލަށްލާފައިވަނީ ނުހައްގުންނެވެ. އަދި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގައި ސަރުކާރު ޖަވާބުދާރީ ކުރުމަށް އިދިކޮޅު ސިޔާސީ ޕާޓީގެ ލީޑަރަކީ ހުރިހާގޮތަކުންވެސް ރައްޔިތުންނާއެކުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އިސްވެ ޙަރަކާތްތެރިވާންޖެހޭ ލީޑަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި މިހާރު ވެރިކަން ކުރަމުންދަނީ އިދިކޮޅު ސިޔާސީ ލިޑަރު ނުހަގުން ޖަލުގައި ބަންދުކޮށްގެން. އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށް ލައިގެން ވެރިކަން ކުރުމަކީ ހުދުމުހުތާރުކަމާ އަނިޔާވެރިކަމުގެ ސިފައެއް. ޑިމޮކްރަސީއާ ބީރައްޓެހި ސިފައެއް،" ސަލީމް ވިދާޅުވި އެވެ.

ކޮވިޑް ބަލިމަޑުކަމުގައި ކުރީ ވައްކަން!

މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ ސަލީމް، ރިޔާސީ ބަޔާނަށް ޖަވާބުދެއްވަނީ -- ފޮޓޯ/ މަޖިލިސް

ސަލީމް ވަނީ ކޮވިޑާ ގުޅިގެން ތަކެތި ހޯދުމަށް ސަރުކާރުން ހިންގި ކޮރަޕްްޝަންތަކަށްވެސް ރިޔާސީ ބަޔާނުގެ ޖަވާބުގައި އަލިއަޅުވާލާފަ އެވެ. ކޮވިޑްގެ ވަބާގެ ބޭނުން ނަހަމަގޮތުގައި ހިފައި، ސަރުކާރުން ކޮރަޕްޝަންގެ އެކިއެކި އަމަލުތައް ހިންގާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އެގޮތުން ވެންޓިލޭޓަރު ހޯދުމުގައި ހިންގި ހިޔާނާތް އޭނާ ފާހަގަ ކުރެއްވި އެވެ.

"ކޮވިޑްގެ ބަލިމަޑުކަމުގެތެރޭގާ ރައްޔިތުން ބިރުން ތިއްބާ، ފާޅުކަން ބޮޑުގޮތެއްގާ ފެނިގެން ދިޔައީ، ގިނަ ވުޒާރާތައް ގުޅިގެން، ވެންޓިލޭޓަރާއި އެހެނިހެން ބައެއް ތަކެތި ހޯދުމުގެ ނަމުގާ ކޮރަޕްޝަންގެ ވަރަށް ބޮޑެތި ހިޔާނާތްތަކެއް ހިންގިތަން،" ސަލީމް ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން އެތައް ކޮރަޕްޝަނެއް ހިންގަމުން ދިޔައިރުވެސް އެއިން އެއްވެސް ކަމެއް ނުހުއްޓުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ވައްކަންތައް ތަހުގީގު ނުކުރެވި، އެފަރާތްތަކަށް އަދަބު ނުދެވުވަމީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށާއި އެއީ ސަރުކާރުގެ ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސްގެ ސިޔާސަތު ފެއިލްވެފައިވާކަން ހާމަކޮށްދޭކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިންގި ކޮރަޕްޝަންގެ އަމަލުތަކަށް ބީރު ކަންފަތެއް ދިނުމަކީ މިސަރުކާރު ފާސިގުވެފައިވާ މިންވަރު އަންގައިދޭ ކަމެއް،" ސަލީމް ވިދޅާުވި އެވެ.

ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް އަޅުއްވާނެކަމަށް ރިޔާސީ ބަޔާނުގައި ވިދާޅުނުވުމަކީ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް ފެއިލްވެފައިވާ ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިޔާނާތުގެ ފައިސާ ސަރުކާރުގެ އަތުގައިވެސް ހޭކިފައި"

އެމްއެމްޕިއާރުސީގެ 3.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ހަގީގަތް ހޯދައި، އެ ފައިސާ ހޯދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ދެ އަހަރުވެގެން ދިޔަ އިރު، އެ ވައުދު ނުފުއްދިފައިވާތީ އެކަމަށްވެސް ސަލީމް ފާޑުވިދާޅުވި އެވެ.

އެ ފައިސާގެ ޖެހުނު ކަމަށް ތުހުމަތުވާ ބައެއް ފަރާތްތައް އެއްވެސް ފިޔަވަޅެއް ނޭޅި ރާއްޖެއިން ބޭރުގައި ތިބުމަކީ، މި ސަރުކާރުގެ އިސްފަރާތްތައްވެސް ހިޔާނާތުގެ ފައިސާ ބޭނުންކޮށްފައިވުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ކޮރަޕްޝަން ހިންގި މީހުންނަށް އެއްވެސް ފިޔަވަޅެއްނާޅާ ރާއްޖޭން ބޭރުގައި ބޭތިއްބުމަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ސަރުކާރުގައި މިހާރު ތިބި މީހުންގެ އަތުގައި ހޭކިފައިވާކަން ދޭހަކޮށްދޭ ކަމެއް. ރިޔާސީ ބަޔާނުގައި މިއިން އެއްވެސް ކަމަކަށް އަލިއަޅުވައިލައްވާފައެއް ނުވޭ،" ސަލީމް ވިދާޅުވި އެވެ.

އެ ހިޔާނާތުގެ އަޑި ހޯދުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން އެތަކެއް ހަރަދުތަކެއް ކޮށްގެންވެސް ނަތީޖާއެއް ފެނިފައިވާކަންވެސް ސަލީމް ފާހަގަ ކުރެއްވިއެވެ. ކޮމިޝަން އުވާލަންވެސް އޭނާ ގޮވާލެއްވި އެވެ.

"ގެއްލުނު ފައިސާގެ އެއްވެސް މިންވަރެއް ހޯދިދާނެކަމުގެ އުންމީދެއް ނެތްއިރު، އެ ކޮމިޝަން ހިންގަނީ ކީއްވެތޯ ސުވާލު އުފެދޭ. މިފަދަ ބޭކާރު ކޮމިޝަންތައް އުވާލުމަށް ސަރުކާރަށް ގޮވާލަން،" ސަލީމް ވިދާޅުވި އެވެެ.

މަރުތަކަށް އިންސާފު ނުހޯދުނު، މަސައްކަތުން ދުރެވޭ!

ޔާމީން ރަޝީދާއި ރިލްވާނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ކުރިއަށް ދިޔަ މުޒާހަރާގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ: ސަލީމް ވިދާޅުވީ، މަރުތަކަށް އިންސާފު ނުހޯދުނު ކަމަށް --- ފައިލް ފޮޓޯ/ އެމްޑީޕީ

ވިނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި ހަގީގަތް ނުހޯދި ހުރި މަރުތަކަށް އިންސާފު ހޯދައިނުމަކީވެސް މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެ ވައުދުވެސް ފުއްދިފައި ނުވާތީ އެކަމަށް ސަލީމް ފާޑުވިދާޅުވި އެވެ.

އެމްޑީޕީ އިން ވެރިކަމަށް އަންނަން ކެންޕެއިން ކުރިއިރު ރައްޔިތުންނަށް ވިއްކީ އިންސާފު ހޯދައިދިނުން. ރައްޔިތުން އުންމީދު ކުރި އިންސާފެއް ރައްޔިތުންނަކަށް ނުލިބުނު،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަރުތަކަށް އިންސާފު ހޯދުމަށް އުފެއްދެވި ރިޔާސީ ކޮމިޝަން ސަރުކާރުން ސިޔާސީކޮށްފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން އެއްވެސް ނަތީޖާއެއް ނުނެރެވޭ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ސަރުކާރުގެ ނުފޫޒު ވަދެ، ކޮމިޝަންގެ މަސައްކަތް ވަނީ ޚަރާބުވެފާ، އެ ކޮމިޝަންވެސް މިހާރު ވަނީ ވީނުވީއެއް ނޭގޭގޮތަށް މަރުވެފާ. އެއްވެސް ނަތީޖާއެއް ނުނެރެވި، މިފަދަ ދިރުމެއްނެތް ކޮމިޝަނަކަށް ބޭކާރު ބޮޑު ޚަރަދުތަކެއް ހިނގާ،" ސަލީމް ވިދާޅުވި އެވެ.

ދީނީ އިލްމުވެރިޔާ ޑރ. އަފުރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިޟްވާން އަދި ބްލޮގާ ޔާމީން ރަޝީދު ފަދަ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދޭނެކަމުގެ ވާހަކައަކީ "ވޯޓު ހޯދުމަށް ޖަހާ ސިޔާސީ ދަންމަޅިއެއް" ކަމަށް އެ އާއިލާތަކުން މިހާރު ބުނާކަމަށް ސަލީމް ވިދާޅުވި އެވެ.

"މަރުތަކަށް އިންސާފު ހޯދައިނުދެވުނީމާ، ރައްޔިތުންގެ ކިބައިން މަޢާފަށް އެދުމަށްފަހު މަސައްކަތުން ތަނާޒުލުވުމަކީ ޤައުމަށް އެންމެ ފައިދާހުރިގޮތް،" ސަލީމް ވިދާޅުވި އެވެ.

ޝަރުއީ ނިޒާމް ގަނޑުބަޑުވެފައި، ޖޭއެސްސީ ބަދަލު ކުރޭ!

ޖެއެސްސީގެ ޖަލްސާއެއްގެ ތެރެއިން: ސަލީމް ވިދާޅުވީ، ޖޭއެސްސީ ސިޔާސީ ނުފޫޒުން ސަލާމަތް ކުރަން ޖެހޭ ކަމަށް --- ފޮޓޯ/ ޖޭއެސްސީ

ޝަރުއީ ނިޒާމަށްވެސް ސަލީމް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން ސަރުކާރާއި މަޖިލީހުން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ވަނީ އިންތިހާއަށް ނުފޫޒު ފޯރުވާ، މުޅި ޝަރުޢީ ނިޒާމު ގަޑުބަޑު ކޮށްފައިި... މީގެ ކުރިން ދުވަހަކުވެސް ރައްޔިތުން ޝަރުއީ ނިޒާމަށް ތުހުމަތު ނުކުރާ މިންވަރަށް މިހާރު ރައްޔިތުން ސަރުކާރަށް ތުހުމަތުކުރޭ،" ސަލީމް ވިދާޅުވި އެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބަލައ، ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީވެސް މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެކަން ނުކުރެ، ލަސްވާތީވެސް ސަލީމް ފާޑު ވިދާޅުވި އެވެ.

"ރައްޔިތުންގެ ހިތްތަކުގައި ޝަރުޢީ ނިޒާމަކަށް އެއްވެސް އިތުބާރެއް ނެތް. ސަރުކާރުން ބޭނުންވާގޮތަކަށް ހުކުމްތައް ނުކުރާ ފަނޑިޔާރުން ވަނީ ހައިޖެކް ކުރެވިފައި. މިފަދަ ދަށުދަރަޖައިގެ އަމަލުތައް ހުއްޓާލާ. އަދި މިނިވަންކަމާއެކު ހުކުމް ކުރުމުގެ ފުރުސަތު ފަނޑިޔާރުން ނަށް ދިނުމަށް،" ސަލީމް އިލްތިސް ކުރެއްވި އެވެ.

ސަލީމް ވިދާޅުވީ، ޖޭއެސްސީގައި ސިޔާސި މީހުން ތިބޭހާ ދުވަހަކު ޝަރުއީ ނިޒާމް ސިޔާސީ ނުފޫޒުން ސަލާމަތެއް ނުކުރެވޭނެ ކަމަށެވެ. އެހެން ކަމުން ޖޭއެސްސީގެ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ސަލީމް ސަރުކާރަށް ގޮވާލެއްވި އެވެ.

"[ކޮމްޕޮޒިޝަން ބަދަލު ކުރަން] ވައުދުވެގެން ވެރިކަމަށް އައި ބަޔަކު، މިހާރު އެކަން ނުކުރަން އުޅުމަކީ ސަރުކާރުގެ އިހްލާސްތެރިކަމެއް ނެތްކަން ހާމަވާ ކަމެއް. ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް ބަހަނާ ނުދެއްކެވުން އެދެން،" ސަލީމް ވިދާޅުވި އެވެ.

ހާރިޖީ ސިޔާސަތުގެ ހަމަހަމަކަން ގެއްލިފައި!

މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް، ރިޔާސީ ބަޔާނަށް ޖަވާބުދެއްވަނީ -- ފޮޓޯ/ މަޖިލިސް

ސަލީމްގެ ވާހަކައިގައި މި ސަރުކާރުގެ ހާރިޖީ ސިޔާސަތަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. އެގޮތުން ސަރުކާރުގެ ހާރިޖީ ސިޔާތުގައި ހަމަހަމަކަން ގެއްލި، ގައުމުގެ ސިޔާދަތައް އަސަރު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ބެލެންސް ގެއްލި، ދިވެހިންގެ މިނިވަންކަމާ ސިޔާދަތީ ބާރުތައް އެއް ދުވަހުން އަނެއް ދުވަހަށް މިދަނީ ގެއްލެމުން. ރާއްޖޭގެ ސިޔާދަތީ ބާރުތައް އެއްކޮށް ގެއްލިއްޖެނަމަ، ދިވެހިރާއްޖެ އަޅުވެތިވެދާނެ. ދިވެހިންގެ މި ކަނޑުގައި ދިވެހި ކާބަފައިން ވާރުތަކޮށްދިން ބާރުވެރިކަން ދިވެހިންގެ އަތަކު މިއަދަކު ނެތް،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖެގެ ކަންކަމުގައި އެންމެ އިހުބަސްވެސް އަދި ފަހުބަސްވެސް ބުނަން ޖެހޭނީ ދިވެހިންނެވެ.

"ދިވެހި ގައުމުގެ ކަންކަން ނިންމުމުގައި އެހެންބަޔަކު އިހުބަސްބުނުމަކީ ގައުމުގެ ސިޔާދަތު ގެއްލިފައިވާކަން ހާމަވާ، ބިރުވެރިކަމެއް،" ސަލީމް ވިދާޅުވި އެވެ.

މި ސަރުކާރުން ހާރިޖީ ސިޔާސަތުގައި އެންމެ އިސްކަންދެނީ އަވައްޓެރި އިންޑިއާއަށެވެ. ސަލީމްގެ ވާހަކައިގައި އިންޑިއާގެ ނަން ވިދާޅުނުވެ، ރާއްޖޭގެ މިނިވަންކަމަށް ގެއްލުންވާގޮތަށް އިންޑިއާއާ ގާތްގުޅުން ބާއްވާތީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރެއްވި އެވެ.

"ދިވެހި ކަނޑުތަކުގެ ވަތުބަތާނަ އެހެން ބަޔަކަށް ދެއްކުމަކީ އަމިއްލައަށް އޮރިޔާންވުންފަދަ ކަމެއް. ދިވެހި ގައުމުގެ މިނިވަންކަމަށް ނޭދެވޭ އަސަރުކުރާނެ އަދި، ދިވެހި ކަނޑުތަކުގެ މުއްސަނދިކަމާ މުޅިކަނޑުގެ ހަޒާނާ ބޭރު ބަޔަކަށް ދިނުން،" ސަލީމް ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ ވައުދު، މިސްރާބެއް ނެތި ބިލާހަކަށް!

ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ރާވަމުން ދަނީ، އެއްވެސް ރޭވުންތެރިކަމެއް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވަންވެގެން ކަމަށް ސަލީމް ވިދާޅުުވި އެވެ. އޭނާ ވިދާޅުވީ، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ހާއްސަކޮށް، މާލޭގެ ރައްޔިތުންނަށް އޮޅުވާލަން ކުރާ ކަމެއް ކަމަށެވެ.

"މިހާތަނަށް ސަރުކާރުން އެންމެ ގާބުރިއެއްވެސް ނުބާއްވާތީ، އެ ޕްލޭންތަކަށް އަމަލީ ސިފަ ނާންނާތީ، އެ ޕްލޭންތަކުގާ ކުލަޖެހެމުންނުދާތީ، ރައްޔިތުން ސަރުކާރަކަށް އިތުބާރެއް ނުކުރޭ، ރައްޔިތުން ތިބީ ވަރަށް ބޮޑަށް މަޔޫސްވެފައި، ބަދަލަކަށް ބޭނުންވެފައި،" ސަލީމް ވިދާޅުވި އެވެ.

މަރުކަޒީ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމަކީ މުޅި ރާއްޖެއަށް، ހާއްސަކޮށް މާލެއަށް އޭގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަމެއްގެ ގޮތުގައި ސަލީމް ފާހަގަ ކުރެއްވި އެވެ.

"މާލޭގެ ވިޔަފާރި ބަދަރު ގުޅިފަޅަށް ބަދަލު ކުރުމުގެ ބަދަލުގާ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމަކީ ވިޔަފާރި ބަނދަރު އިތުރަށް ތަރައްޤީ ކުރެވި، ބޯހިޔާވަހިކަމަށް ގުޅީފަޅު ސަލާމަތްކުރެވޭނެ ކަމެއް،"ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ، ބޯހިޔާވަހިކަން ނެތުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް މިހާތަނަށް އެންމެ ބޮޑު މަޝްރޫއެއް ހިންގެވީ ރައީސް ޔާމީން ކަމަށެވެ. އެ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ފްލެޓްތައް މަދުކޮށް، ފްލެޓް ލުބުނު މީހުންގެ ލިސްޓައް ބަދަލު ގެނައުމުން އެކަންވެސް އޭނާ ކުރެއްވެރި ކުރެއްވި އެވެ.

"ހިޔާ މަޝްރޫޢުގެ 7000 ފްލެޓް، އޭގެ ހައްގުވެރިންގެ އަތުން ނިގުޅައިގަނެ، އެހެން ބަޔަކަށް ދިނުމަކީ ވަރަށް ބޮޑު ބޭއިންސާފެއް، ރައްޔިތުންނަށް ސަރުކާރުންދިން އަނިޔާއެއް. މި މައްސަލަ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން،"ސަލީމް ވިދާޅުވި އެވެ.

ފްލެޓްތައް އަތުލި ފަރާތްތަކަށް އެފުލެޓްތައް ވަގުތުން ދިނުމަށް ސަރުކާރަށް އޭނާ ގޮވާލެއްވި އެވެ. އަދި އެއީ "އެންމެބޮޑެތި އަނިޔާވެރި މުޖްރިމުންވެސް ނުކުރާޒާތުގެ ކަންކަން"މުގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

މި ސަރުކާރު ވެރިކަމަށް އައީ މަތިބަރު ސަރުކާރެއް ނުހިންގާނެ ކަމުގެ ވައުދާއެކު އެވެ. އަދި ސިޔާސީ މަގާމުތައް ގިނަ ނުވާނެ ކަމަށްވެސް އޭރު ރިޔާސީ ކެމްޕެއިންގައި ވިދާޅުވެފައިވެ އެވެ. އެހެން ނަމަވެސް ސަރުކާރުގެ ސިޔާސީ މަގާމުތައް ގިނަވާތީވެ، އެކަމަށްވެސް ސަލީމް ފާޑު ވިދާޅުވި އެވެ.

"ސަރުކާރުން ހަރަދުތައް ކުޑަކޮށްގެން ރައްޔިތުންނަށް ހިދުމަތް ދެމުންދާކަމަށް ބުނިނަމަވެސް، މީގެކުރިން ދުވަހަކުވެސް ސިޔާސީ މަގާމުތައް އިތުރުނުކުރާ މިންވަރަށް މި ސަރުކާރުން ސިޔާސީ މީހުންނަށް ވަޒީފާ ދީފައިވާކަން ފާހަގަ ކުރަން،" ސަލީމް ވިދާޅުވި އެވެ.

ސަރުކާރުގެ ކުންފުނިތަކުން ގިނަ މީހުންތަކެއް ވަޒީފާއިން ވަކިކުރަމުންދާއިރު ހަމައެތަންތަނަށް ސިޔާސީ މަގާމުތައް އިތުރުކޮށްފައިވާކަމަަށް ސަލީމް ވިދާޅުވި އެވެ.

"ޑިމޮކްރަސީގެ ބަދަލުގައި އާއިލީ ވެރިކަމެއް ކުރަމުންދާތީ އާއި އިދިކޮޅު ލީޑަރު ނުހައްގުން ޖަލަށްލާފައިވާތީ އާއި ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް ހުރަސްއަޅަމުންދާތީއާއި މަރުކަތަކަށް އިންސާފު ހޯދިފައި ނުވާތީއާއި އަދުލު އިންސާފުގެ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާތީއާއި ކޮރަޕްޝަން މަދުކުރުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅު ނާޅާތީ އާއި އަންހެނުންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތައް ހިމާޔަތް ކުރަމުންދާތީ،" ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް