އިންޑިއާގެ ދަނޑުވެރިންގެ މުޒާހަރާތަކާ ގުޅިގެން ހައްޔަރު ކުރި އެކްޓިވިސްޓު ދޫކޮށްލައިފި

ދިއްލީގެ ކޯޓަކުން ވަނީ ކްލައިމެޓް އެކްޓިވިސްޓު ދިޝާ ރަވީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ -- ފޮޓޯ: ރޮއިޓާސް

ދިއްލީ (ފެބްރުއަރީ 23): އިންޑިއާގައި މުޒާހަރާ ކުރަމުންދާ ދަނޑުވެރިންނަށް އެހީވުމަށް ބޭނުންވާ މައުލޫމާތު ހިމަނާފައިވާ ލިޔުމަކާ ގުޅިިގެން ހައްޔަރު ކުރި 22 އަހަރުގެ އެކްޓިވިސްޓު، ދިޝާ ރަވީ ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ފިޔަވަޅު އެޅުމަށް ގޮވާލާ ބައިނަލްއަގުވާމީ ހަރަކާތެއްގެ އިންޑިއާގެ ބްރާންޗު އުފެއްދުމުގައި އިސް ދައުރެއް އަދާ ކުރި ރަވީ ހައްޔަރު ކުރީ މި މަހުގެ 13ގަ އެވެ. އެއީ ސްވިޑެންގެ ކްލައިމެޓް އެކްޓިވިސްޓު ގްރެޓާ ތުންބާގް، ދަނޑުވެރިންގެ މުޒާހަރާތަކާ ބެހޭ ގޮތުން މިމަހުގެ ހަތަރެއްގައި ޓުވީޓު ކުރި "ޓޫލްކިޓް" ލިޔުމާ ގުޅިގެންނެވެ. އެ ލިޔުމުގައި ވަނީ އެ މުޒާހަރާތަކަށް އެއްބާރުލުން ދޭނެ ގޮތްތަކާ ބެހޭ މައުލޫމާތެވެ.

އެ މައްސަލައާ ބެހޭ ގޮތުން އިއްޔެ ދިއްލީގެ ކޯޓަކުން ވަނީ އެ ޓޫލްކިޓުގައި ހަމަނުޖެހުމަށް ހިތްވަރު ދީފައި ނުވާ ކަމަށާއި ދައުލަތުގެ ސިޔާސަތުތަކާ ހިޔާލު ތަފާތުވުމަކީ ޖަލަށް ލާން ޖެހޭ ސަބަބެއް ނޫން ކަމަށް ބުނެފަ އެވެ. އަދި ރަވީ ކަފާލާތުގެ ދަށުން ދޫކޮށްލަން އަންގައިފަ އެވެ.

ދިއްލީގެ ފުލުހުން ބުނާ ގޮތުގައި އެ ޓޫލްކިޓަކީ އިންޑިއާގެ އަގު ވައްޓާލާ، ހަމަނުޖެހުން އުފެއްދުމަށް އާއްމު ކުރި މައުލޫމާތުތަކެވެ. އަދި މިދިޔަ މަހުގެ 27ގައި ދަނޑުވެރިންގެ މުޒާހަރާއެއްގައި ހިނގި ހަމަނުޖެހުންތަކާއި އެ ލިޔުމާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށްފަ އެވެ. އެދުވަހުގެ މުޒާހަރާގައި ބައިވެރިވި މީހުން އެގައުމުގެ އާސާރީ ރެޑް ފޯޓްއަށް ވަދެ، އެ ދަނޑުވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގި އެވެ. އަދި އެކަކު މަރުވެ، 80 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ރަވީގެ މައްޗަށް ފިތުނަ އުފެއްދުމާއި ގާނޫނާ ހިލާފު އަމަލެއް ކުރުމަށް، ސިއްރު ރޭވުމެއްގައި ބައިވެރިވި ކަމުގެ ތުހުމަތުކޮށްފަ އެވެ. ނަމަވެސް އޭނާ ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

އިންޑިއާގެ ދަނޑުވެރިން މުޒާހަރާ ކުރަމުން ދަނީ އެގައުމުން މިދިޔަ ސެޕްޓެމްބަރު މަހު ފާސް ކުރި ދަނޑުވެރިކަމާ ބެހޭ ތިން ގާނޫނަކާ ގުޅިގެންނެވެ. އޭގެ ތެރެއިން ދަނޑުވެރިން އެންމެ ބޮޑަށް ނުރުހުން ފާޅު ކުރަނީ 'ފާމާސް އެގްރީމެންޓް އޮފް ޕްރައިސް އެޝުއަރެންސް އެންޑް ފާމް ސާވިސެސް' ކިޔާ ބިލަކާ ބެހޭ ގޮތުންނެވެ. އެއީ ދަނޑުވެރިންނަށް އެ ދާއިރާއާ ގުޅުން ހުރި ބޮޑެތި އެކްސްޕޯޓް، ހޯލްސޭލް އަދި ރީޓެއިލް ކުންފުނިތަކާ އެކު ކޮންޓްރެކްޓުތައް ހެދުމަށް މަގުފަހި ކުރާ ބިލެކެވެ.

މީގެ ކުރިން 1964ގައި އިންޑިއާއިން ފާސްކުރި ގާނޫނެއްގައި ވަނީ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް، ސްޓޭޓްތަކުގެ ސަރުކާރުން ބަލަހައްޓާ ބާޒާރުތަކުގައި ވިއްކަން މަޖުބޫރުކޮށްފަ އެވެ. އަދި އެ އުފެއްދުންތައް ދައުލަތުގެ ކުންފުނިތަކަށް ނުވަތަ ޕްރައިވެޓް ފަރާތްތަކަށް ވިއްކަން އެހީތެރި ވަނީ އެ ބާޒާރުތަކުގައި ތިބޭ މީހުންނެވެ.

އިންޑިއާގެ ސަރުކާރުން ބުނާ ގޮތުގައި އާ ގާނޫނުގެ ސަބަބުން ދަނޑުވެރިންނަށް ބޮޑެތި ކުންފުނިތަކާ އެކު އެއްބަސްވުންތައް ހަދާ އިރު މެދުވެރިން ބޭނުން ކުރަން ނުޖެހި، ފުރިހަމަ ފައިދާ ލިބޭ ގޮތް ވާނެ އެވެ. އަދި ދަނޑުވެރިންނަށް ޒަމާނީ ޓެކްނޮލޮޖީ ހޯދުން ފަސޭހަ ވާނެ އެވެ.

ނަމަވެސް އިދިކޮޅު ޕާޓީތަކުން ބުނާ ގޮތުގައި އެ ބިލުތަކުގެ ސަބަބުން، ދަނޑުވެރިން ބޮޑެތި ކުންފުނިތަކާ އެކު މަޝްވަރާ ކުރާ އިރު ދަނޑުވެރިންގެ މައްޗަށް އެ ކުންފުނިތަކުގެ ބާރު އޮންނަ މިންވަރު މާ ބޮޑުވާނެ އެވެ. އަދި ދަނޑުވެރިންނަށް ހަމަހަމަކޮށް ގަވާއިދުން އަގު ދައްކާ ސްޓޭޓް ބާޒާރުތައް ގެއްލި، ދަނޑުވެރިންނަށާއި ސްޓޭޓުތަކުގެ މުޅި އިގުތިސާދަށް ވެސް ގެއްލުން ލިބޭނެ ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް