ކޮވިޑް19 ވެކްސިން ގްލޯބަލް އެކްސެސް (ކޮވެކްސް)އިން ރާއްޖެއަށް 100،000 ސިރިންޖު ދީފި އެވެ.
އެޗްޕީއޭއިން ބުނީ ވެކްސިން ޖަހަން ބޭނުންވާ 100،000 ސިރިންޖު ކޮވެކްސްގެ ފަރާތުން މިއަދު ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއަދު އިތުރު ވެކްސިންތަކެއް ނުލިބޭ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ރާއްޖޭގައި ކޮވިޑް19ގެ ވެކްސިން ދޭން ފަށާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުގަ އެވެ.
މިހާތަނަށް އައިއިރު 75،000އަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ.
ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ މީހާއަށް ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުންނެވެ.
ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު ކޮވިޝީލްޑުގެ އިތުރު އެއްލައްކަ ޑޯޒުވެސް އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.
ޗައިނާއިންވެސް ވަނީ ރާއްޖެއަށް ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް ހަދިޔަ ކުރަން ނިންމައިފައެވެ. މިހާރު ރާއްޖޭގައި ހުރި ސައިނޯފާމް ވެކްސިން ދޭން އަދި ފަށާފައި ނުވަނީ އެއަށް ހުއްދަ ނުލިބޭތީ އެވެ.
އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން އަންނަ މާޗު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެއިން މިހާތަނަށް 18،930 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެފައިވާއިރު، އެ ބަލީގައި 60 މީހުން ވަނީ މަރުވެފަ އެވެ.