ދިފާއުގައި ހެކި ހުށަހަޅަން އާތިފަށް ފަސް ދުވަސް ދީފި

މަނީ ލޯންޑަރިންގެ ގާނޫނާ ހިލާފުވުމުގެ ދައުވާ ކުރާ އެފްއައިޔޫގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ، އިބްރާހިމް އާތިފް ޝަކޫރު --

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ، އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ގާނޫނާ ހިލާފުވުމުގެ ދައުވާއިން ދިފާއުވުމަށް ހެކި ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް އޭނާއަށް ދީފި އެވެ.

އާތިފްގެ މައްޗަށް ދައުލަތުން ދައުވާ ކުރީ، އެފްއައިޔޫގެ އިސްވެރިޔާގެ މަގާމުގައި އޭނާ ހުންނެވި އިރު އެމްއެމްޕީއާރްސީގެ ޗެކަކުން އެސްއޯފް ކުންފުނީގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާ ކުރި ޝައްކު ކުރެވޭ މުއާމަލާތެއް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ނުކުރާ ކަމަށް ބުނެ އެވެ.

އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ހެކި ހާމަކޮށްފަ އެވެ. އަދި މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ދިފާއީ ހެކި ލިޔުމުން ހުށަހެޅުމަށް އާތިފަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމަވައިފަ އެވެ

އާތިފްގެ ފަރާތުން ހެކި ހުށަހަޅުމުން ދެން އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ މަރުހަލާ އެވެ. އެ މަރުހަލާގައި މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް ގާޒީ ނިންމަވައިފި ނަމަ ޝަރީއަތުގެ މަރުހަލާ ފެށޭނެ އެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި އާތިފް ވަނީ އޭނާގެ މައްޗަށް ކުރި ދައުވާއަށް އިންކާރުކުރައްވައިފަ އެވެ.

އާތިފްގެ މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް އަންނާނެ އަދަބަކީ 10،000 ރުފިޔާ އާއި 500،000 ދެމެދުގެ އަދަދަކުން ޖޫރިމާނާ ކުރުން، ނުވަތަ އެއް އަހަރާ 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން، ނުވަތަ ޖޫރިމާނާ ކުރުމާއެކު ޖަަލަށް ލުމެވެ.

އާތިފްގެ މައްޗަށް ދައުވާ ކުރީ، ނޮވެމްބަރު 25، 2014ގައި ކުރި އެސްއޯއެފްގެ އެކައުންޓަށް 59.45 މިލިއަން ރުފިޔާ ޖަމާ ކުރި މުއާމަލާތެއް ރިޕޯޓު ނުކުރާ ކަމަށް ބުނެ އެވެ.

އެ މުއާމަލާތަކާ ގުޅިގެން، ބީއެމްއެލްއިން ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓެއް (އެސްޓީއާރް)އެއް އެފްއައިޔޫއަށް ފޮނުވުމުން، އެ މުއާމަލާތް ބަލައި، އެ މުއާމަލާތުގައި މަނީ ލޯންޑަރިންއަށް ޝައްކު ކުރެވޭ ކަންކަން ހުރި ކަމަށް ބެލެވޭކަން އެފްއައިޔޫއަށް އެނގެން އޮއްވާ، އެ ޔުނިޓުން އެކުލަވާލި ރިޕޯޓުގައިވާ މައުލޫމާތު ތަހުގީގު ކުރާ އިދާރާއަކަށް ފޮނުވާފައި ނުވާ ކަމަށް ދައުލަތުން ބުނެ އެވެ.

comment ކޮމެންޓް