ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅުކުރަން ދަނީ މަސައްކަތް ކުރަމުން: މިނިސްޓަރު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންމެ ފަހުގެ ޔުނިވާސަލް ޕީރިއަޑިކް ރިވިއުގައި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށް ގައުމުތަކުން ދީފައިވާ ރެކޮމެންޑޭޝަންތައް ތަންފީޒުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 46 ވަނަ ދައުރުގެ ހައި-ލެވެލް ސެގްމަންޓްގައި މިނިސްޓަރު ޝާހިދު ދެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ އިގްތިސޯދީ، އިޖްތިމާއީ އަދި ސަގާފީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލް ރާއްޖެއިން ތަންފީޒުކޮށްފައިވާ ކަމަށެވެ. އަދި އދގެ ސްޕެޝަލް ޕްރިސީޖަސް މެންޑޭޓް ހޯލްޑަރުން ރާއްޖެއަށް ޒިޔާރަތްކުރުމަށް ދީފައިވާ ހުޅުވާލެވިފައިވާ ދައުވަތަށް ބަދަލެއް ނާންނަކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެބޭފުޅުންގެ ޒިޔާރަތްތަކަށް ރާއްޖެއިން މަރުހަބާ ކިޔާކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ހައި-ލެވެލް ސެގްމަންޓަކީ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މިއަހަރުގެ ސެޝަންގެ ފުރަތަމަ ސެގްމަންޓެވެ. ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާއެކު މި އަހަރުގެ ކައުންސިލްގެ ބައްދަލުވުންތައް ކުރިއަށްދާނީ ޖެނީވާގައި ބާއްވާ ބައިތަކުގެ އިތުރުން ވާޗުއަލް އިވެންޓްތަކެއްގެ ގޮތުގައެވެ.

މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި އިންސާނީ ހައްގުތަކުގެ ދާއިރާގައި ރާއްޖެއަށް ހޯދުނު ކާމިޔާބުތަކަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ހާރިޖީ ސިޔާސަތާއި ތަރައްގީގެ ފްރޭމްވޯކްގެ ކާމިޔާބުކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ފާހަގަކުރެވޭ އިންސާނީ ހައްގުތަކުގެ މައްސަލަތައް ހައްލުކުރުމަށް ރާއްޖެއިން ކުރަމުންދާ ކަމަށާއި އެގޮތުން އިންސާނީ ވަގުވިޔަފާރި ހުއްޓުވުމާއި، ގަނޫނުގެ ވެރިކަން ނެގެހެއްޓުމާއި އިންތިގާލީ އިންސާފު ގާއިމްކުރުމުގެ އިތުރުން ނުރައްކަލައް ހުށަހެޅިފައިވާ މުޖްތަމައުގެ ފަރުދުންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރު ވަނީ ވާހަކަ ދައްކަވައިފައެވެ.

މީގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއާއި ކުދި ޖަޒީރާ ގައުމުތަކަށް އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި ދިމާވާ އިތުރު ގޮންޖެހުންތަކާ ބެހޭ ގޮތުން މިނިސްޓަރު ވަނީ ވާހަކަ ދައްކަވައިފައެވެ.

ކޮވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން، މިނިސްޓަރު ޝާހިދު ވަނީ އެ ގޮންޖެހުންތަކުން އަރައިގަތުމުގައި އދގެ ޗާޓަރުގައި ކަށަވަރުކޮށްދޭ އިންސާނީ ހައްގުތަކަށް ސަމާލުވުމަށް ގޮވާލައްވައިފައެވެ. އަދި ގޮންޖެހުންތަކުން އަރައިގަތުމަށް މިކުރެވޭ މަސައްކަތަކީ އެއްވެސް މީހަކު ބާކީ ވިޔަނުދޭނެ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތް ފުރުސަތެއްކަމަށް ވިދާޅުވިއެވެ.

އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 46 ވަނަ ބައްދަލުވުން ކުރިއަށްދާނީ 22 ފެބްރުއަރީ އިން 23 މާރޗް އަށެވެ.

އެކިއެކި އެޖެންޑާ އައިޓަމްތަކުގެ ދަށުން ރާއްޖެއިން 13 އިންޓަވެންޝަނެއް މިފަހަރުގެ ސެޝަންގައި ހަދާނެއެވެ. އަދި އދގެ ސްޕެޝަލް ރެޕަޓުއަ އޮން ޓޯޗައެން ޑް އަދަރ ކްރުއެލް، އިންހިއުމޭން އޮރ ޑީގްރޭޑިން ޓްރީޓްމަންޓް އޮރ ޕަނިޝްމަންޓް 2019 ވަނަ އަހަރު ދިވެހިރާއްޖެއަށް ކުރެއްވި ޒިޔާރަތާ ބެހޭ ރިޕޯޓް އޭނާ މި ސެޝަނަށް ހުށަހަޅުއްވާނެއެވެ. އަދި ދިވެހިރާއްޖެއާ ގުޅޭ ޔޫޕީއާރް އައުޓްކަމް ރިޕޯޓް އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މިފަހަރުގެ ސެޝަންގައި އެޑޮޕްޓް ކުރާނެއެވެ.

comment ކޮމެންޓް