ދެކުނު ކޮރެއާގެ އަމާޒަކީ މި އަހަރު ހާޑް އިމިއުނިޓީ ހާސިލު ކުރުން: ބޮޑުވަޒީރު

ދެކުނު ކޮރެއާގެ ބޮޑުވަޒީރު ޗަންގް ސޭ-ކިޔުން ވަނީ އެގައުމުން އަމާޒު ކުރަނީ މިއަހަރު ހާޑް އިމިއުނިޓީ ހާސިލް ކުރަން ކަމަށް ވިދާޅުވެފަ -- ފޮޓޯ: ބީބީސީ

ސޯލް (ފެބްރުއަރީ 23): ދެކުނު ކޮރެއާގެ އަމާޒަކީ މި އަހަރު ކޮވިޑް-19 ވެކްސިން ޖަހައިގެން ހާޑް އިމިއުނިޓީ ހާސިލު ކުރުން ކަމަށް އެގައުމުގެ ބޮޑުވަޒީރު ޗަންގް ސޭ-ކިޔުން ވިދާޅުވެއްޖެ އެވެ.

ދެކުނު ކޮރެއާއިން ކޮވިޑް-19 ވެކްސިން ޖަހަން ފަށާނީ އަންނަ ހުކުރު ދުވަހު އެވެ. އެގޮތުން އެގައުމުން ދޭނީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން ގުޅިގެން އުފައްދާފައިވާ ވެކްސިން އާއި ފައިޒާ އާއި ބަޔޯއެންޓެކްއިން ގުޅިގެން އުފެއްދި ވެކްސިނެވެ.

ބޮޑުވަޒީރު ޗަންގް ވިދާޅުވި ގޮތުގައި ދެކުނު ކޮރެއާއިން އުއްމީދު ކުރަނީ އަހަރުގެ ތިން ވަނަ ކުއާޓަރު ނިމެންވާ އިރަށް އެގައުމުގެ 51 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 70 ޕަސެންޓު މީހުންނަށް ވެކްސިން ޖަހާ ނިމޭނެ ކަމަށެވެ. އަދި ވެކްސިން އުފެއްދި ފަރާތްތަކުން ބުނި މިންވަރަށް ވެކްސިން ކާމިޔާބު ނަމަ ހާޑް އިމިއުނިޓީއަށް ވާސިލުވެވި، އާއްމު ދިރިއުޅުމަށް ރުޖޫއަ ވުމަށް މަގުފަހި ވާނެ އެވެ.

ހާޑް އިމިއުނިޓީ އަކީ ވެކްސިން ޖެހުމުގެ ސަބަބުން ނުވަތަ ބައްޔަށް ކުރިން ހުށަހެޅިފައިވުމުގެ ސަބަބުން އެ ބަލި ޖައްސާ ވައިރަހަށް އާބާދީގެ ބޮޑު ޕަަސެންޓޭޖެއް ހޭނި، އެ ބައްޔަކުން ރައްކާތެރިކަން ލިބިފައިވުމެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ސެޕްޓެމްބަރު މަހު ތިން ވަނަ ކުއާޓަރު ނިމޭ އިރަށް އާބާދީގެ 70 ޕަސެންޓަށް ވެކްސިންގެ ފުރަތަމަ ސެޓު ޖަހާ ނިންމުން. އަޅުގަނޑަށް ހީވަނީ އެކަން ވާނެހެން. އަދި ވެކްސިން [ކުންފުނިތަކުން] ބުނެފައިވާ ވަރަށް ވެކްސިން ކާމިޔާބު ނަމަ އަދި 70 ޕަސެންޓު މީހުންނަށް ވެކްސިން ޖެހުމުން ހާޑް އިމިއުނިޓީއަށް ވާސިލުވެއްޖެ ނަަމަ އޯޓަމް މޫސުމަށް އާއްމު ދިރިއުޅުމަށް ރުޖޫއަވެވިދާނެ،" ޗަންގް ވިދާޅުވި އެވެ.

ދެކުނު ކޮރެއާއިން ވަނީ މުޅި ގައުމު ފުރަބަންދު ކުރުމަކާ ނުލައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކޮށްފަ އެވެ. ނަމަވެސް ބައެއް ފަހަރު ފިޔަވަޅުތައް ލުއި ކުރުމުން އެގައުމުގައި ވައިރަހުގެ ތިން ރާޅެއް ފެތުރިފައިވެ އެވެ.

އެގައުމުގައި މިދިޔަ ޑިސެމްބަރު މަހު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރެސްޓޯރެންޓުތަކާއި ކުދި ވިޔަފާރިތައް ބަންދު ކުރަން ޖެހޭ ގަޑިތައް އަވަސް ކުރުމާއި ހަތަރު މީހުންނަށް ވުރެ ގިނަ މީހުންގެ ގްރޫޕުތަށް އެއްވެ އުޅުން މަނާ ކުރުން ހިމެނެ އެވެ.

ޗަންގް ވިދާޅުވި ގޮތުގައި ގައިދުރުކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ގެއްލުން ލިބިފައިވާ ކުދި އަދި އަމިއްލަ ވިޔަފާރިތަކަށް ލުއި ދިނުމުގެ ގޮތުން އަންނަ މަހު އެ ފިޔަވަޅުތަކަށް ބަދަލު ގެންނާނެ އެވެ.

ދެކުނު ކޮރެއާގައި މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ 87,324 މީހުންނަށެވެ. އަދި ބަލި ޖެހިގެން މަރުވެފައި ވަނީ 1،562 މީހުންނެވެ.

comment ކޮމެންޓް