ފްލެޓް ގެއްލިފައި ހުރިއްޔާ ފެނޭތޯ ބަލަން ބޭނުން: މަޖިލިސް ރައީސް

2021 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ މަޖިލިސް

ކުރީ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ދަށުން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް ދިނުމަށް ހާއްސަކުރި އެއް ކޮޓަރީގެ ފުލެޓުތައް ގެއްލިފައި ވާނަމަ ފެނޭތޯ ބަލަން ބޭނުންވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެއް ކޮޓަރީގެ ފްލެޓުތަކަށް މި ސަރުކާރުގައި ހެދި ގޮތް ސާފު ކޮށްދޭން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް، މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.

ކުރީ ސަރުކާރުން އެއް ކޮޓަރީގެ ފްލެޓުތައް ދޭން ނިންމީ، ސަރުކާރު ކުންފުނިތަކުން ހިޔާ މަޝްރޫއުގެ ދަށުން އަޅާ ޓަވަރުތަކުގެ ފުރަތަމަ ހަތަރު ފްލޯއިންނެވެ. ހަމަޖެހިފައި އޮތީ އެ އެޕާޓްމެންޓުތައް އެ ކުންފުނިތަކުން އެޗްޑީސީއާ ހަވާލު ކުރުމުން އެޗްޑީސީއިން ހިޔާ މަޝްރޫއުގެ ދަށުން އެ އެޕާޓްމެންޓުތައް ދޫކުރާށެވެ.

ނަމަވެސް، ބޭނުންވާ ވަރަށް އެއް ކޮޓަރީގެ ފުލެޓު ނެތް ކަމަށް ބުނެ، އެ ފުލެޓުތަކުގެ ހައްގުވެރިންގެ ލިސްޓުތައް މި ސަރުކާރުންވަނީ ބާތިލުކޮށްފަ އެވެ.

ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަނީ އަޅާފައި ހުރި ފްލެޓުތަކެއް ނެތް ކަމަށް މި ސަރުކާރުން ބުނާ ސަބަބު ރައްޔިތުންނަށް ސާފުވާން ޖެހޭނެ ކަމަށެވެ.

ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި، އެއް ކޮޓަރީގެ ފްލެޓުތައް ވުޖޫގައި ނެތް ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރިން ވިދާޅުވި ނަމަވެސް ފަހުން އެ ފްލެޓުތައް ނިންމީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ހަމައެކަނި އެމްޑަބްލިއުއެސްސީއިން ކަމަށާއި، ލިބެން ހުރީ 36 ފްލެޓު ކަމަށް ވިދާޅުވިކަން ފާހަގަކުރައްވާފައި ވެއެވެ.

ޝިޔާމް މައްސަލަ ހުށަހަޅުއްވަމުން ގެންދަވަނިކޮށް މަޖިލިސް ރައީސް ވަނީ މިނިސްޓަރު އަސްލަމް އެހެން ވިދާޅުވީ ކޮން ތަނަކުތޯ ސާފުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. މަޖިލިސް ރައީށް ވިދާޅުވީ މިނިސްޓަރު އެހެން ވިދާޅުވި ތަނެއް ހޯއްދަވަން އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ވަޒީރު ތިޔަހެން ވިދާޅުވީ ކޮންތަނެއްގައިތޯ އަޅުގަނޑަށް ކުޑަކުޑަކޮށް ސާފުކޮށްލަ ދެވިދާނެތޯ. އަޅުގަނޑު މި އުޅެނީ ވަޒީރު ތިހެން ވިދާޅުވެފަ އޮތް ތަނެއް ހޯދަން. އަޅުގަނޑު ވެސް ތިޔަ ފްލެޓް ގެއްލިފަ ހުރިއްޔާ ފެނޭތޯ ބަލަން ބޭނުން،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދޭން އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓްތައް ކުރީ ސަރުކާރުން އަޅަން ފަށާފައި ނުވާކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަވަނަ ދުވަހު އެވެ.

އެ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އަސްލަމް ވިދާޅުވީ 18-40 އަހަރާ ދެމެދުގެ އުމުރު ފުރާ އާއި މާލެ ރަށްވެހިންނާއި، ދަފުތަރުގައި ތިބި މީހުންނާއި އަލަތު ކައިވެނި ކުރާ ފަރާތްތައް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭން އިއުލާން ކުރި އެއް ކޮޓަރީގެ ފްލެޓްތަކުގެ މަސައްކަތް ފަށާފައި ނުވާ ކަމަށެވެ.

"އެއް ކޮޓަރީގެ ފްލެޓްތައް ހަދަން ފަށާފައެއް ނެތް. އިއުލާން ކުރި ނަމަވެސް ހަދަން ފަށާފައެއް ވެސް ނެތް،" މިނިސްޓަރު އަސްލަމް އެދުވަހު ވިދާޅުވި އެވެ.

ނަމަވެސް ފަހުން 36 ފްލެޓެއް ނިމިފައިވާކަމަށް އަސްލަމް ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި ފްލެޓުތަކަށް ހެދިގޮތެއް ސާފުކޮށްދޭން ގޮވާލާ އަޑުވަނީ ގަދަވެފަ އެވެ.

comment ކޮމެންޓް