އަލަތު ކައިވެނި ފްލެޓްތައް "ގެއްލުނު" މައްސަލައިގައި މަޖިލިސް ހޫނު ބަހުސަކަށް

-- ސަން ފޮޓޯ/ އަހްމަދުަ ސައީދު

ކުރީ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ދަށުން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް ދިނުމަށް ހާއްސަކުރި އެއް ކޮޓަރީގެ ފުލެޓުތަކަށް މި ސަރުކާރުގައި ހެދި ގޮތް ސާފު ކޮށްދޭން ގޮވާލައި ހުށަހެޅި ގަރާރު ބަލައިގަނެ ބަހުސް ފަށައިފި އެވެ.

އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަތީ، ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 43 މެމްބަރުންގެ ވޯޓާ އެކު އެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.

ކުރީ ސަރުކާރުން އެއް ކޮޓަރީގެ ފްލެޓުތައް ދޭން ނިންމީ، ސަރުކާރު ކުންފުނިތަކުން ހިޔާ މަޝްރޫއުގެ ދަށުން އަޅާ ޓަވަރުތަކުގެ ފުރަތަމަ ހަތަރު ފްލޯއިންނެވެ. ހަމަޖެހިފައި އޮތީ އެ އެޕާޓްމެންޓުތައް އެ ކުންފުނިތަކުން އެޗްޑީސީއާ ހަވާލު ކުރުމުން އެޗްޑީސީއިން ހިޔާ މަޝްރޫއުގެ ދަށުން އެ އެޕާޓްމެންޓުތައް ދޫކުރާށެވެ.

ނަމަވެސް، ބޭނުންވާ ވަރަށް އެއް ކޮޓަރީގެ ފުލެޓު ނެތް ކަމަށް ބުނެ، އެ ފުލެޓުތަކުގެ ހައްގުވެރިންގެ ލިސްޓުތައް މި ސަރުކާރުންވަނީ ބާތިލުކޮށްފަ އެވެ.

ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަނީ އަޅާފައި ހުރި ފްލެޓުތަކެއް ނެތް ކަމަށް މި ސަރުކާރުން ބުނާ ސަބަބު ރައްޔިތުންނަށް ސާފުވާން ޖެހޭނެ ކަމަށެވެ.

ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި، އެއް ކޮޓަރީގެ ފްލެޓުތައް ވުޖޫގައި ނެތް ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރިން ވިދާޅުވި ނަމަވެސް ފަހުން އެ ފްލެޓުތައް ނިންމީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ހަމައެކަނި އެމްޑަބްލިއުއެސްސީއިން ކަމަށާއި، ލިބެން ހުރީ 36 ފްލެޓު ކަމަށް ވިދާޅުވިކަން ފާހަގަކުރައްވާފައި ވެއެވެ.

ޝިޔާމް ލިޔުއްވާފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު 12 ޓަވަރު ފެންނަން ހުރި އިރު އެ ޓަވަރުތަކުގެ ފުރަތަމަ ހަތަރު ފްލޯގެ ފްލެޓުތަކުގެ ގޮތުގައި 900 ފްލެޓަށް ވުރެ ގިނައިން ފްލެޓު ހުންނާނެ ކަަމަށެވެ. އެ ފްލެޓުތައް ވުޖޫދުގައި ނެތް ކަމަށް ބުނެ، މި ސަރުކާރުގައި އުފެއްދި ފަހި ދިިރިއުޅުން ކޯޕަރޭޝަނުގެ ދަށުން ބޮޑު އަގުގައި އެ ފްލެޓުތައް ވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް އޭނާ ލިޔުއްވާފައި ވެއެވެ.

"އެ ފުލެޓުތައް ވުޖޫދުގައި ނެތްކަމަށް ވިދާޅުވެ، އެޗްޑީސީއާއެކު ކުންފުނިތަކުން ހެދި އެއްބަސްވުން މި ސަރުކާރުން އުފައްދާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ބަދަލުކޮށް، އެ ފުލެޓުތައް ވިޔަފާރި އުސޫލުން ފައިދާއެއް ލައިގެން، ވިއްކަން ކުރިން ކަނޑައެޅި އަގަށްވުރެ ބޮޑު އަގުގައި ވިއްކަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ،" ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި ވެއެވެ.

އެ ކަމަކީ ދިވެހި ޒުވާނުންގެ އުންމީދާ ގުޅިފައިވާ މައްސަލައެއް ކަމަށް ޝިޔާމްގެ މައްސަލައިގައި ވެއެވެ. އަދި އެ ފުލެޓުތަކާމެދު މިހާރުގެ ސަރުކާރުން ކަންކުރި ގޮތަކީ ދިވެހި ރައްޔިތުން އެކަމާމެދު އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށް ވިދާޅުވެ، އެކަމުގައި ސަރުކާރުން ކަން ކުރި ގޮތް ސާފުކޮށް ލިޔުމުން ބަޔާންކުރަން ގޮވާލެއް ވިއެވެ.

ޝިޔާމް ވިދާޅުވެފައިވާ، ގޮތުން ކުރީ ސަރުކާރުން އެއް ކޮޓަރީގެ ފްލެޓުތައް ދޫކުރަން ނިންމީ ދެ އުސޫލަކަށެވެ. ފުރަތަމަ އުސޫލަކީ ސަރުކާރަށް އެ އެޕާޓުމެންޓުތައް ގަތުމަށްފަހު 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އަގު ދައްކާ ގޮތަށް ފްލެޓު ދޫކުރުން ކަމަށާއި ދެވަނަ އުސޫލަކީ އެމްއެމްއޭއާ މަޝްވަރާކޮށްގެން، ބޭންކުތަކުން ތައާރަފުކުރި އެފޯޑަބަލް ހައުސިން ލޯނުތައް ދޫކޮށްގެން އެ ޔުނިޓުތައް ވިއްކުން ކަމަށް އޭނާ ވިދާޅުވެފައި ވެއެވެެ.

އެއިން ކޮންމެ ގޮތަކަށް ވިއްކިޔަސް ޔުނިޓެއް ސަރުކާރަށް ގަންނަ އަގެއްގެ ގޮތުގައި އެއްބަސްވުމުގައި ހިމަނާފައިވަނީ 600،000 ދިވެހި ރުފިޔާއަށްވުރެ ކުޑަ އަގެއް ކަމަށާއި އެހެންކަމުން މަހެއްގެ މައްޗަށް ކުލީގެ ގޮތުގައި ދައްކަންޖެހޭނީ 3000 ރުފިޔާއާއި 4000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށް ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި ވެއެވެ.

އެ މައްސަލައިގައި ބަހުސް ކުރެއްވާ އެމްޑީޕީ މެންބަރުން ގެންދަވަނީ ރައީސް ޔާމީން އާއި އެމަނިކުފާނުގެ ސަރުކާރުން ފްލެޓްތައް ދިނުމުގައި އަމަލުކުރި ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ސަރުކާރުން ބުނެފައި ވަނީ، ލިބެންހުރި އެއް ކޮޓަރީގެ 36 ފްލެޓު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ ކެޓަގަރީއަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެއަށް ފަހު ބާކީވާ ފްލެޓްތައް، މާލޭ ރަށްވެހިންނަށް ހާއްސަ ކެޓަގަރީއަށް ދިނުމަށް ވެސް ނިންމާފައިވާ ކަމަށް ބުނެފައި ވެއެވެ.

comment ކޮމެންޓް