10 މާޗު އާ ހަމައަށް ޖޫރިމަނާއަކާ ނުލައި ވޯކް ޕާމިޓް ފީ ބަލައިގަންނަނީ

މެއި 26، 2020: ބިދޭސީ ބަޔަކު އެ މީހުން ދިރިއުޅޭ ތަނުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާޗު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް، ޖޫރިމަނާއަކާނުލައި ވޯކް ޕާމިޓް ފީ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އަލަށް އެކުލަވާލާފައިވާ، ރާއްޖޭގައި ބިދޭސިން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދުގެ ދަށުން ވޯކް ޕާމިޓް ދޫކުރަން ފެށީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

އަލުން ވޯކް ޕާމިޓް ދޫކުރަން ފަށާފައި ވަނީ އެ ގަވާއިދު ހަރުކަށި ކުރުމަށްފަހު އެވެ. އެ ގަވައިދުގެ ދަށުން ވޯކް ޕާމިޓު ދޫކުރާނީ، މިނިސްޓްރީން ބިދޭސީންގެ ވެރިފިކޭޝަނެއް ފުރިހަމަ ކުރުމަށް ފަހު އެވެ.

އެ ވެރިފިފިކޭޝަން ފުރިހަމަކުރުމުގެ ކަންކަން ކުރުމަށް ހަމަޖެހިފައި ވަނީ އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ ގަވާއިދަށް ގެނައި ބަދަލާއެކު އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ވޯކް ޕާމިޓް ފީ ދެއްކުމުގައި ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، 10 މާޗް 2021 ދުވަހުގެ ނިޔަލަށް، ޖޫރިމަނާއަކާނުލައި ވޯކް ޕާމިޓް ފީ ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވައިދު ބުނާގޮތުން ބިދޭސީންނަށް ރާއްޖޭގައި ވަޒީފާ އަދާކުރެވޭނީ އެކަމަށް ބޭނުންވާ ވޯކް ޕާމިޓު ހޯދުމަށް ފަހުއެވެ. އަދި ޕާމިޓު ދޫކުރާނީ، ވަޒީފާ އަދާކުރާ ބިދޭސީ މީހާ، ރާއްޖެ އައުމުގެ ކުރިން އަދި ރާއްޖެ އައުމަށްފަހު ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުންނެވެ.

ވޯކް ޕާމިޓް އެންޓްރީގެ ދަށުން ބިދޭސީންް ރާއްޖެ އެތެރެވާ ތާރީހުން ފެށިގެން 15 ދުވަސް ތެރޭ، ވޯކް ޕާމިޓާއި ވޯކް ވިސާ ހޯދަން ޖެހެއެވެ. އަދި އެ މުއްދަތުގައި ވޯކް ޕާމިޓް ނުހައްދައިފިނަމަ ޖޫރިމަނާ އާއެކު ވޯކް ޕާމިޓް ފީގެ ގޮތުގައި މަހަކު 350 ރުފިޔާ ދައްކަން ޖެހޭއިރު، އާ ގަވައިދުގެ ދަށުން ވޯކް ވިސާ ދޫކުރަނީ ތިން ކެޓަގަރީ އަކަށެވެ.

އެއީ،

1. ޕްރޮފެޝަނަލް އެންޑް މެނޭޖީރިއަލް ކެޓަގަރީ: އެމްކިޔުއޭ އިން ކަނޑައަޅާފައިވާ ސެޓްފިކެޓު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ލެވެލް އަކަށް ތައުލީމު ހާސިލުކޮށްފައިވާ ފަރާތްތަކުން މަސައްކަތްކުރާ މަގާމުތައް.

2. ނަން ޕްރޮފެޝަނަލް ކެޓަގަރީ: ސެކަންޑަރީ އެޑިއުކޭޝަނުން
ފެށިގެން އެމްކިޔުއޭ އިން ކަނޑައަޅާފައިވާ ސެޓްފިކެޓް ލެވެލް 6 ހިމެނޭ ގޮތަށް އެ ލެވެލް އާ ހަމައަށް ތައުލީމު ހާސިލުކޮށް ނުވަތަ އެ ފެންވަރުގެ މަސައްކަތުގެ ތަޖުރިބާ ހުރި ނުވަތަ އެންމެ އާދައިގެ، އެއްވެސް ހުނަރެއްނެތި ކުރެވިދާނެ މަސައްކަތްތައް ހިމެނޭ މަގާމުތަކާއި، މެނުއަލްތަކުގައިވާ އިރުޝާދުތައް ކިޔަން އެނގޭ ފަރާތްތަކާއި އަދި މަސައްކަތުގެ ތަޖުރިބާއިން މަސައްކަތުގެ ބޭސިކް ހުނަރު ދަސްވެފައިވާ ފަރާތްތަކުން މަސައްކަތްކުރާ މަގާމުތައް

3. ޑޮމެސްޓިކް ކެޓަގަރީ: ގެވެށި މަސައްކަތްކުރާ މަގާމުތައް

ރާއްޖޭގައި ވޯކް ޕާމިންޓް ނެތި މަސައްކަތްކުރާ ބިދޭސިންގެ އަދަދު ގިނައިރު، އެފަރާތްތައް ރެގިއުލަރައިޒްކޮށް ގަވައިދަށް ފެއްތުމުގެ މަސައްކަތްވެސް އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދެ އެވެ. އަދި އޭގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުން ފަރާތްތައް ގައުމަށް ފޮނުވާލުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެ އެވެ.

comment ކޮމެންޓް