ބޮޑެތި އަލާމާތްތައް ނެތަސް، ބައެއް މީހުންގެ ހާލު ކުއްލިއަކަށް ދެރަވޭ: ޑރ. މުރާދު

މާރިޗް 21، 2020: މީގެ ކުރިން ކޮވިޑް19 އާބެހޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މޫސާ މުރާދު - ސަން ފޮޓޯ/ އަހްމަދު ސައީދު

ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބައެއް މީހުންގެ ކުދިކުދި އަލާމާތްތައް ހުއްޓަސް ކުއްލިއަކަށް ހާލު ދެރަވާކަން ފާހަގަކުރެވޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ބުނެފި އެވެ.

އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ޓީމްގެ ފަރާތުން ޑރ. މޫސާ މުރާދު ވިދާޅުވީ، ކުދިކުދި އަލާމާތްތައް ހުންނަ މީހުންވެސް، ކުއްލިއަކަށް ހާލު ދެރަވާކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ވަރަށް ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ އެހާ ބޮޑެތި އަލާމާތްތަކެއް ފެންނަން ނެތް ކަމުގައި ވިޔަސް ކުއްލިއަކަށް ހާލު ދެރަވާ މީހުންވެސް ވަރަށް ގިނައިން އަޅުގަނޑުމެންނަށް އެބަ ފާހަގަ ކުރެވޭ. މިއީ ހަގީގަތުގައި ވަރަށް ކަންބޮޑުވާ ކަންތައްތަކެއް ސިއްހީ އެހީތެރިންގެ ނަޒަރުން ވިސްނާ އިރުގައި،" ޑރ. މުރާދު ވިދާޅުވި އެވެ.

ކުއްލިއަކަށް ބައެއް މީހުން ހާލު ދެރަވާތީ، ގޭގައި އައިސޮލޭޓުވާ ބަލި މީހުންވެސް ކުރިން ފާހަގަ ނުވާ ކަމެއް، ނުވަތަ ކުރިން ނެތް އަލާމާތެއް ކުއްލިއަކަށް ފެންނަންޏާ ވީހާވެސް އަވަހަށް އެޗްޕީއޭއަށް އަންގުމަށް އޭނާ އެދިވަޑައިގަތެވެ.

މިރޭ ޑރ. މުރާދު އިތުރަށް ވިދާޅުވީ، ކުރިއާ އަޅާ ބަލާއިރު އެޑްމިޓްކޮށްގެން ފަރުދޭ މީހުންގެ ތެރޭގައި ޅަ އުމުރުގެ މީހުން މިހާރު ގިނަކަން ފާހަގަ ކުރެވޭ ކަމަށެވެ. ނަމަވެސް، ސީދާ ސަބަބެއް ބުނަން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތަށް، ބޮޑަށް ބަލި ވަނީ ހަކުރު ބަލި ފަދަ އެހެން ސިއްހީ މައްސަލަތައް ހުންނަ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއާ އަޅާ ބަލާއިރު، މިފަހަރު އަޅުގަނޑުމެންނަށް ތަފާތު ކަމަކަށް އަޅުގަނޑުމެންނަށް ފާހަގަ ކުރެވެނީ މިފަހަރު ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ހޮސްޕިޓަލުތަކުގައި ނުވަތަ ސެންޓަރުތަކުގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އުމުރުފުރާ ތަންކޮޅެއް ޅަ ކަން ފާހަގަ ކުރެވޭ. ހާއްސަކޮށް މެދު އުމުރުގެ މީހުން ތަންކޮޅެއް ގިނައިން އަޅުގަނޑުމެންނަށް މި ފަހަރު އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ،" ޑރ. މުރާދު ވިދާޅުވި އެވެ.

ހުޅުމާލޭ ފެސިލިޓީގައިވެސް ކުރިން އެޑްމިޓްކޮށްގެން ފަރުވާ ދިން އުމުރަށް ވުރެ ޅަ އުމުރުގެ މީހުން ބޮޑަށް ބަލިވެ، އެ މީހުންނަށް ދިގު މުއްދަތަކަށް ފަރުވާ ދޭން ޖެހޭ ކަމަށް ޑރ. މުރާދު ވިދާޅުވި އެވެ.

އޭނާ މިރޭވެސް އެދިވަޑައިގަތީ، ސިއްހީ ނިޒާމަށް ބުރަވެގެންދާތީ، ޕޮޒިޓިވްވާ މީހުންގެ އަދަދު މަދު ކުރަން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަދިވެސް އަޅަމުން ގެންދިޔުމަށެވެ.

ވެކްސިން ޖެހިޔަސް ވަގުތުން ވަގުތަށް ފުރިހަމަ ރައްކާތެރިކަން ނުލިބޭކަން އޭނާ ފާހަަގަކުރެއްވި އެވެ. އަދި ވެކްސިންއިން ލިއްބައިދޭ ރައްކާތެރިކަމަކީ 100 ޕަސެންޓު ރައްކާތެރިކަމެއް ނޫންކަން ފާހަގަކޮށް، ވެކްސިން ޖެހިޔަސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅެން އޭނާ އެދިވަޑައިގަތެވެ.

comment ކޮމެންޓް