އެއް ކޮޓަރީގެ ފްލެޓުތަކަށް ހެދި ގޮތް ސާފު ކުރަން ޝިޔާމް މައްސަލައެއް ހުށަހަޅުއްވައިފި

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް -- ފޮޓޯ/ މަޖިލިސް

ކުރީ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ދަށުން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް ދިނުމަށް ހާއްސަކުރި އެއް ކޮޓަރީގެ ފުލެޓުތަކަށް މި ސަރުކާރުގައި ހެދި ގޮތް ސާފު ކޮށްދޭން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް، މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ކުރީ ސަރުކާރުން އެއް ކޮޓަރީގެ ފްލެޓުތައް ދޭން ނިންމީ، ސަރުކާރު ކުންފުނިތަކުން ހިޔާ މަޝްރޫއުގެ ދަށުން އަޅާ ޓަވަރުތަކުގެ ފުރަތަމަ ހަތަރު ފްލޯއިންނެވެ. ހަމަޖެހިފައި އޮތީ އެ އެޕާޓްމެންޓުތައް އެ ކުންފުނިތަކުން އެޗްޑީސީއާ ހަވާލު ކުރުމުން އެޗްޑީސީއިން ހިޔާ މަޝްރޫއުގެ ދަށުން އެ އެޕާޓްމެންޓުތައް ދޫކުރާށެވެ.

ނަމަވެސް، ބޭނުންވާ ވަރަށް އެއް ކޮޓަރީގެ ފުލެޓު ނެތް ކަމަށް ބުނެ، އެ ފުލެޓުތަކުގެ ހައްގުވެރިންގެ ލިސްޓުތައް މި ސަރުކާރުންވަނީ ބާތިލުކޮށްފަ އެވެ.

އެ ފްލެޓުތަކަށް ހެދި ގޮތެއް ސާފު ކުރަން ގޮވާލައި، މެމްބަރު ޝިޔާމް މިހާރު ވަނީ މަޖިލީހަށް މައްސަލައެއް ވައްދާފަ އެވެ. އެ މައްސަލަ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި ލިޔުއްވާފައި ވަނީ، އެއް ކޮޓަރީގެ ފްލެޓުތައް ވުޖޫގައި ނެތް ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރިން ވިދާޅުވެފައިވާ ކަމަށެވެ. އަދި ފަހުން އެ ފްލެޓުތައް ނިންމީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ހަމައެކަނި އެމްޑަބްލިއުއެސްސީއިން ކަމަށާއި، ލިބެން ހުރީ 36 ފްލެޓު ކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށް ޝިޔާމް ލިޔުއްވާފައިވެ އެވެ. އަދި އެކި ދުވަހު ސަރުކާރުން ބުނެފައި ވަނީ އެކި ގޮތަށް ކަމަށް ލިޔުއްވި އެވެ.

ޝިޔާމް ލިޔުއްވާފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު 12 ޓަވަރު ފެންނަން ހުރި އިރު އެ ޓަވަރުތަކުގެ ފުރަތަމަ ހަތަރު ފްލޯގެ ފްލެޓުތަކުގެ ގޮތުގައި 900 ފްލެޓަށް ވުރެ ގިނައިން ފްލެޓު ހުންނާނެ ކަަމަށެވެ. އެ ފްލެޓުތައް ވުޖޫދުގައި ނެތް ކަމަށް ބުނެ، މި ސަރުކާރުގައި އުފެއްދި ފަހި ދިިރިއުޅުން ކޯޕަރޭޝަނުގެ ދަށުން ބޮޑު އަގުގައި އެ ފްލެޓުތައް ވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް އޭނާ ލިޔުއްވާފައިވެ އެވެ.

"އެ ފުލެޓުތައް ވުޖޫދުގައި ނެތްކަމަށް ވިދާޅުވެ، އެޗްޑީސީއާއެކު ކުންފުނިތަކުން ހެދި އެއްބަސްވުން މި ސަރުކާރުން އުފައްދާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ބަދަލުކޮށް، އެ ފުލެޓުތައް ވިޔަފާރި އުސޫލުން ފައިދާއެއް ލައިގެން، ވިއްކަން ކުރިން ކަނޑައެޅި އަގަށްވުރެ ބޮޑު އަގުގައި ވިއްކަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ،" ޝިޔާމް ހުށަހެޅުއްވި މައްސަލައިގައިވެ އެވެ.

އެ ކަމަކީ ދިވެހި ޒުވާނުންގެ އުންމީދާ ގުޅިފައިވާ މައްސަލައެއް ކަމަށް ޝިޔާމްގެ ލިޔުއްވި އެވެ. އަދި އެ ފުލެޓުތަކާމެދު މިހާރުގެ ސަރުކާރުން ކަންކުރި ގޮތަކީ ދިވެހި ރައްޔިތުން އެކަމާމެދު އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށް ވިދާޅުވެ، އެކަމުގައި ސަރުކާރުން ކަން ކުރި ގޮތް ސާފުކޮށް ލިޔުމުން ބަޔާންކުރަން ގޮވާލެއްވި އެވެ.

ޝިޔާމް ވިދާޅުވެފައިވާ، ގޮތުން ކުރީ ސަރުކާރުން އެއް ކޮޓަރީގެ ފްލެޓުތައް ދޫކުރަން ނިންމީ ދެ އުސޫލަކަށެވެ. ފުރަތަމަ އުސޫލަކީ ސަރުކާރަށް އެ އެޕާޓުމެންޓުތައް ގަތުމަށްފަހު 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އަގު ދައްކާ ގޮތަށް ފްލެޓު ދޫކުރުން ކަމަށާއި ދެވަނަ އުސޫލަކީ އެމްއެމްއޭއާ މަޝްވަރާކޮށްގެން، ބޭންކުތަކުން ތައާރަފުކުރި އެފޯޑަބަލް ހައުސިން ލޯނުތައް ދޫކޮށްގެން އެ ޔުނިޓުތައް ވިއްކުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެެ.

އެއިން ކޮންމެ ގޮތަކަށް ވިއްކިޔަސް ޔުނިޓެއް ސަރުކާރަށް ގަންނަ އަގެއްގެ ގޮތުގައި އެއްބަސްވުމުގައި ހިމަނާފައިވަނީ 600،000 ދިވެހި ރުފިޔާއަށްވުރެ ކުޑަ އަގެއް ކަމަށާއި އެހެންކަމުން މަހެއްގެ މައްޗަށް ކުލީގެ ގޮތުގައި ދައްކަންޖެހޭނީ 3000 ރުފިޔާއާއި 4000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށް ޝިޔާމް ހުށަހެޅުއްވި މައްސަލައިގައިވެ އެވެ.

ސަރުކާރުން ބުނެފައި ވަނީ، ލިބެންހުރި އެއް ކޮޓަރީގެ 36 ފްލެޓު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ ކެޓަގަރީއަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެއަށް ފަހު ބާކީވާ ފްލެޓްތައް، މާލޭ ރަށްވެހިންނަށް ހާއްސަ ކެޓަގަރީއަށް ދިނުމަށް ވެސް ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.

އަލަތު ކައިވެނީގެ ކެޓަގަރީން ފްލެޓް ނުދޭން ނިންމައި ފޯމުތައް ބާތިލްކޮށްފި

comment ކޮމެންޓް