ރެސްޓޯރެންޓެއްގައި ބޭއްވި އުފަން ދުވަހުގެ ޕާޓީއެއް ފުލުހުން ގޮސް ހުއްޓުވައިފި

ގްރާންޑޭ ވިއު ރެސްޓޯރެންޓު: އެތަނުގައި ބޭއްވި އުފަން ދުވަހުގެ ޕާޓީއެއް ފުލުހުން ވަނީ ހުއްޓުވާފައި --

އެޗްޕީއޭގެ އެންގުމާ ހިލާފަށް މިރޭ ރެސްޓޯރެންޓެއްގައި ބޭއްވި އުފަން ދުވަހުގެ ޕާޓީއެއް ހުއްޓުވައި އެ ޕާޓީ ބޭއްވި ރެސްޓޯރެންޓު ޖޫރިމަނާކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިރޭ ދުވާ ޓްރެކް ކައިރީގައި ހުންނަ ގްރާންޑޭ ވިއު ރެސްޓޯރެންޓުގައި ބޭއްވި އުފަން ދުވަހުގެ ޕާޓީއަކަށް ފުލުހުން ގޮސް އެ ޕާޓީ ހުއްޓުވާފައިވާ ކަމަށެވެ.

އަދި އެ ޕާޓީ ބޭއްވުމުން އެ ރެސްޓޯރެންޓު 5000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތަކާ ހިލާފުވާ ގާނޫނީ ޝަހްސުތަކަށް ފުރަތަމަ ފަހަރު ކުރާ ޖޫރިމަނާގެ އަދަދެވެ.

މިއަދު ފުލުހުން ވަނީ ސޯލްޓް ކެފޭގައި ބޭއްވި ކައިވެނި ޕާޓީއެއްވެސް ހުއްޓުވާފަ އެވެ. އަދި އެކަމާ ގުޅިގެން ސޯލްޓް ކެފޭވެސް 5000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެ އެވެ.

މާލޭގައި ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް އިތުރުވެފައިވާއިރު، އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން ޕާޓީތަކާއި އެހެނިހެން އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. އޭގެ އިތުރުން، މާލޭގައި ކޮންމެ ދުވަހަކު ހަވީރު 6:00އަށް ފަހު އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާއިރު، ރޭގަނޑު 11:00އިން ފެށިގެން ކާފިއު ހިންގަ އެވެ.

މިއަދު ކައިވެނި ޕާޓީއެއްގެ އިތުރުން އުފަން ދުވަހުގެ ޕާޓީއެއް ހުއްޓުވާފައި ވާއިރު، މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު މާލޭގައި ބޭއްވި ކައިވެނި ޕާޓީއަކަށް ދިޔަ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެ، އެ ޕާޓީއިން ކޮވިޑް-19ގެ ބޮޑު ކްލަސްޓާއެއް އުފެދިފައިވެ އެވެ.

comment ކޮމެންޓް