ޓީއެމްއޭގެ އޮޕަރޭޝަންސް ފުޅާކޮށް އެތެރޭގެ އުދުހުން ފަށަނީ

ޓީއެމްއޭ އިން ވަނީ އޭޓީއާރު މަރުކާގެ ބޯޓެއް ގެނެސް އެތެރޭގެ އުދުހުންތައް ފަށަން ތައްޔާރުވެފައި --- ފޮޓޯ: ޓީއެމްއޭ

ޓްރާންސް މޯލްޑިވިއަން އެއާވޭސް، (ޓީއެމްއޭ)ގެ އޮޕަރޭޝަންތައް ފުޅާކޮށް ވީލް ބޭސްޑް އޮޕަރޭޝަންތައް ފަށަން ތައްޔާރުވެއްޖެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭގެ ފްލީޓުގައި 56 ސީޕްލޭން މިހާރު އޮތްްއިރު، މިއަހަރުގެ ތިންވަނަ ކުއާޓަރާއި ހަމައަށް އިތުރު ހަތަރު ބޯޓު ގެނެސް މި އަދަދު 60 އަށް އިތުރު ކުރަން ވަނީ ނިންމައިފައެވެ.

ޓީއެމްއޭ އިން ބުނީ ސީޕްލޭން އޮޕަރޭޝަންސް ފުޅާ ކުރުމުގެ އިތުރުން ވީލް ބޭސްޑް އޮޕަރޭޝަންތައް ފެށުމަށް ނިންމައި އޭޓީއާރު މަރުކާގެ މަތިންދާބޯޓެއް ގެނައުމަށްވެސް ނިންމާފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންތަކަށް އެ އެއާލައިނުގެ ބޭސްއެއްގެ ގޮތުގައި ޅ. މަޑިވަރު އެއާޕޯޓު ބޭނުން ކުރަން ނިންމާފައިވާއިރު، ވީލް ޕްލޭން ހެނގަރެއް އެ އެއާޕޯޓުގައި ގާއިމް ކުރާނެއެވެ.

މަޑިވަރު އެއާޕޯޓަކީ ކުރެއްދޫ ހޯލްޑިންގްސް އިން ތަރައްގީކުރާ އެއާޕޯޓެކެވެ.

ޓީއެމްއޭގެ ސީ ޕްލޭނެއް: --- ފޮޓޯ: ޓީއެމްއޭ

ފަތުރުވެރިންނަށް ރާއްޖޭގެ ގުދުރަތީ ރީތިކަން މަތިން ބަލާލުމަށް އޮތް އެންމެ އެކަށޭނަ، އަދި ފުރިހަމަ ގޮތަކީ ސީޕްލޭން ދަތުރުތައް ނަމަވެސް ވީލް ބޭސްޑް އޮޕަރޭޝަންސް ފަށަން ނިންމީ އެ އެއާލައިނުގެ އޮޕަރޭޝަންތައް 24 ގަޑިއިރު ބޭއްވުުމަށް ކަމަށް ޓީއެމްއޭ އިން ވަނީ ބުނެފައެވެ.

ސީޕްލޭން ދަތުރުތައް ރޭގަނޑު ނުބޭއްވޭއިރު، އޭޓީއާރު މަރުކާގެ ބޯޓާއެކު، ރިސޯޓު ޓްރާންސްފާތައް 24 ގަޑިއިރު ކުރިއަށް ގެންދެވޭނެ ކަމަށް ޓީއެމްއޭ އިން ވަނީ ބުނެފައެވެ.

ޓީއެމްއޭ އިން ރާއްޖޭގައި އޮޕަރޭޓު ކުރާތާ 30 އަހަރު ވެފައިވާއިރު އެ އެއާލައިނުން އެންމެ ފުރަތަމަ އޮޕަރޭޝަންތައް ފެށީ 1989 ވަނަ އަހަރު "ހަމިންބާޑް އައިލެންޑް ހެލިކޮޕްޓާސް" ގެ ނަމުގައި ހެލިކޮޕްޓަރ ފްލީޓަކާ އެކުއެވެ. އޭގެ ފަހުން ހަމިން ބާޑް އައިލެންޑް އެއާވޭސް އަށް ނަން ބަދަލު ކުރިއެވެ. 1997 ވަނަ އަހަރުން ފެށިގެން ސީޕްލޭންގެ އޮޕަރޭޝަންސް ފަށައި ރާއްޖެ އަންނަ ޓޫރިސްޓުން ރިސޯޓުތަކަށް އުފުލުމުގައި އެންމެ ފުޅާ އޮޕަރޭޝަން ކުރިއަށް ގެންދާ އެއާލައިނަކަށް ޓީއެމްއޭ ވަނީ ވެފައެވެ.

ޓީއެމްއޭ އިން 80 ރިސޯޓަކަށް ދަތުރުތައް ބާއްވައެވެ. ދުވާލެއްގެ މައްޗަށް 150 ފްލައިޓު ޓީއެމްއޭ އިން އެވްރެޖުކޮށް ބާއްވާއިރު މިއީ ރާއްޖޭގެ މައި އެއާޕޯޓާއި ރިސޯޓުތައް ގުޅާލުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއާލައިނެވެ.

ވޯލްޑްސް ޓްރެވަލް އެވޯޑްސްގައި ލީޑިން ސީޕްލޭން އޮޕަރޭޓަރ 2020 ގެ އެވޯޑު ޓީއެމްއޭ އަށް ވަނީ ލިބިފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭ އިން ވީލް ބޭސްޑް އޮޕަރޭޝަންތައް ފަށަން ތައްޔާރުވިއިރު، ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ފޯރުކޮށްދޭ މަންޓާ އެއާ އާއި ގައުމީ އެއާލައިން މޯލްޑިވިއަން އިން ވެސް ސީޕްލޭން އަދި ވީލް ބޭސްޑް އޮޕަރޭޝަންތައް ކުރިއަށް ގެންދެއެެވެ.

comment ކޮމެންޓް