ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި 1700 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅާއިފި އެވެ.
ވޯޓާސްލިޓު އާންމު ކުރުމަށް ފަހު ޝާކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލީ ރަށްވެހިވެފައިވާ ރަށް ބަދަލުވެފައިވާ ފަރާތްތަކަށާއި މިހާރު ދުނިޔޭގައި ނެތް ފަރާތްތަކުގެ ނަން ލިސްޓުގައި ހިމެނޭ ނަމަ އެ ނަންތައް އުނިކުރަން ހުށަހެޅުން ފަދަ ފުރުސަތެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެފުރުސަތު އިއްޔެގެ ނިޔަލަށް ބަންދުވީއިރު 1758 ޝަކުވާއެއް ވޯޓާސް ލިސްޓަށް ހުށަހަޅާފައިވާ ކަމަށެވެ. ދެން ވޯޓާސް ލިސްޓު އިއުލާނު ކުރާނީ އެ ޝަކުވާތައް އިސްލާހު ކުރުމަށް ފަހު އެވެ. ދެން ހުޅުވާލާނީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް އެދޭނަމަ ރި ރެޖިސްޓްރީ ވުމުގެ ފުރުސަތެވެ.
ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ތާރީހަކީ އެޕްރީލް 10 ވަނަ ދުވަހެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިގޮތުން ވޯޓު ކަރުދާސް ޕްރިންޓު ކުރުމަށް މިއަދު ހަވާލު ކުރާނެ އެވެ.