އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ ސީލައިފްގެ ވެރިޔާ ހައްޔަރުކޮށްފި

ސީލައިފްގެ އެމްޑީ މުހައްމަދު އަހުމަދު މޫސާ -- ފޮޓޯ/ އިންޓަޕޯލް

ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ހަދައި ވިއްކާނެ ކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނެގި، ސީލައިފް ގްލޯބަލްގެ އެމްޑީ މުހައްމަދު އަހުމަދު މޫސާ، އައްމަޓީ ހައްޔަރުކޮށްފި އެވެ.

އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރެފައިވާ އައްމަޓީ ހައްޔަރުކޮށްފައިވަނީ ލަންކާގަ އެވެ.

އޭނާ ހައްޔަރުކޮށްފައިވާކަން ދިވެހި ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައްމަޓީ ހައްޔަރުކޮށްފައިވާކަން އިންޓަޕޯލް އިން ފުލުހުންނަށް މިހާރު އަންގާފައިވާ ކަމަށެވެ.

އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަން އިންޓަޕޯލް އާ ގުޅިގެން ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އައްމަޓީ ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ވެސް ނެރުނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރި އެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް 280 މީހަކު، ކޮންމެ މީހަކު ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން އެ ކުންފުންޏަށް ވަނީ ފައިސާ ނަގައިފަ އެވެ.

އެހެން ނަމަވެސް އެކި މައްސަލަތަކާ ހުރެ ޕްރޮޖެކްޓް ހުއްޓި މަސައްކަތް ވެސް ކުރިއަށް ނުގޮސް، ފައިސާ ދެއްކި މީހުންނަށް އަނބުރާ ފައިސާ ނުލިބި ހާލުގައި ޖެހުނެވެ.

އެ މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ފައިސާ ދެއްކި ބައެއް މީހުން ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފައެވެ. އެ މައްސަލަ ހައްލު ކުރުމަށް އެ ފަރާތްތަކާއެކު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އަދި ސަރުކާރުން ވަނީ އެއްބަސްވުމެއް ހަދައިފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން ސީލައިފުން އަޅަން ނިންމި ހައުސިން ޔުނިޓުތައް ގަތުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް، ބަދަލުގެ ގޮތުގައި 45 މިލިއަން ދޭން ކަނޑައަޅައި އަދި ގެއްލުން ލިބުނު ފަރާތްތަކަށް އެކަމުގެ ބަދަލެއްގެ ގޮތުން ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ހައުސިން ޔުނިޓު ދޭންވެސް ވަނީ އެއްބަސްވެފަ އެވެ.

ސީލައިފް ގްލޯބަލްއަށް ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން ބިން ދޫކުރީ، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވ. ތިނަދޫގައި ލަގްޒަރީ ވިލާތަކެއް އަޅަން އެ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުން ފަހުން ބާތިލްކޮށްފައި ވާތީ، އޭގެ ބަދަލެއްގެ ގޮތުން އެވެ. އަދި ސީލައިފްއަށް ހުޅުމާލެއިން ބިމެއް ދީ ފްލެޓް އެެޅުމުގެ މަޝްރޫއު ފެށީ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލްއިން ހުއްދަ ދީގެން 2014 ވަނަ އަހަރުގެ ތެރޭގަ އެވެ.

comment ކޮމެންޓް