އިންޑިއާ އެއްބަސްވުންތަކުގެ ތަފްސީލް ހާމަކުރަން ގޮވާލައި ކުއްލި މައްސަލައެއް

އުތުރުތިލަފަޅު އެއްބަސްވުމުގައި ސޮއިކުރުން --

އިންޑިއާ އިން ނަގާފައިވާ ލޯނުތަކުގެ ތަފްސީލާއި، އުތުރުތިލަފަޅުގައި ކޯސްޓްގާޑުގެ ޑޮކްޔާޑާއި ބަނދަރު ތަރައްގީކުރަން އިންޑިއާ އާއެކު ރާއްޖެއިން ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރަން ގޮވާލައި ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އެވެ.

މައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވެފައި ވަނީ އުތުރުތިލަފަޅުގައި ޑޮކްޔާޑަކާއި ހާބަރެއް އެޅުމުގެ ނަމުގައި އިންޑިއާ ސިފައިންނަށް ގާއިމުވެ ތިބެވޭނެ ގޮތަށް އެއްބަސްބުން ފަރުމާކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމަކީ ރާއްޖޭގެ ސިޔާދަތާއި ގައުމީ ސަލާމަތާ ގުޅުންހުރި ކަމެއް ކަމަށާއި، ނަމަވެސް އެއްބަސްވުން އެކުލަވާލީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ރުހުމެއް ހޯދުމަކާ ނުލާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ އުތުރުތިލަފަޅު ތަރައްގީކުރުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވިސްނުންފުޅެއް ކަމަށާއި އަދި އިންޑިއާ އާއެކު މަޝްވަރާތަކެއް ވެސް ކުރީ ސަރުކާރުން ކުރި ކަމަށެވެ.

ނަމަވެސް އިންޑިއާ ސަރުކާރުން ހުށަހެޅި ޝަރުތުތަކަކީ ރާއްޖޭގެ ގައުމީ މަސްލަހަތަށް ރަނގަޅު ޝަރުތުތަކެއް ކަމަށް ގަބޫލުނުކުރެވޭތީ އެކަމުގައި ރާއްޖެއާ އިންޑިއާއާ ދެމެދުގައި އެ ވެރިކަމުގައި އެއްބަސްވުމެއް ގާއިމުކޮށްފައި ނުވާކަމަށެވެ.

ހަމައެއާއެކު އޭރު އިންޑިއާއިން ހުށަހެޅި ޝަރުތުތަކާ އެއްގޮތަށް އެއްބަސްވުން އެކުލަވާލުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ފުށޫއަރާނެ ކަމެއް ކަމަށް ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި ލަފާދޭ ކޮމިޓީން އޭރު ލަފާވެސް ދީފައިވާ ކަމަށެވެ.

ޝިޔާމް ތުހުމަތުކުރެއްވީ ސަރުކާރުން އިއްޔެ އިންޑިއާއެކު އެއްބަސްވުން އެކުލަވާލީ ހާބަރާއި ޑޮކްޔާޑުގެ މަސައްކަތްތައް ބެލެހެއްޓުމުގެ ނަމުގައި އިންޑިއާ ސިފައިންނަށް ގާއިމުވެ ތިބެވޭނެ ގޮތަށް އެއްބަސްވުން ފަރުމާކޮށްފައިވާ ކަމަށެވެ.

އެގޮތުން މިލިޓަރީ ޕާސަނަލްގެ ބަދަލުގައި އޮފިޝަލުން ނުވަތަ ޓެކްނީޝަނުން ފަދަ ލަފްޒުތައް ހިމަނައިގެން އެތަނުގައި ސިފައިން ތިބެވޭނެ ގޮތަށް އެއްބަސްވުން އެކުލަވާފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް -- ފޮޓޯ/ މަޖިލިސް

ރާއްޖެ-އިންޑިއާ ލޯނު އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލައްވައި ޝިޔާމް ވިދާޅުވީ މިދިޔަ ނޮވެމްބަރުމަހުގެ ނިޔަލަށް ބޭރު ގައުމުތަކުން 6.45 ބިލިއަން ޑޮލަރުގެ ލޯނު ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން ބޮޑު ބަޔަކީ އިންޑިއާ އިން ނަގާފައިވަ ލޯނު ކަމަށެވެ. އިގްތިސޯދު ވެސް މިހާ ނާޒުކު ދަނޑިވަޅެއްގައި އެއް ގައުމަކަށް ބަރޯސާވުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ޝިޔާމް މައްސަލަ ހުށަހަޅުއްވަމުން ގެންދަވަނިކޮށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ނުޖެހޭ ކަމަށް ވިދާޅުވެ، މަޖިލީހުގެ ތަޅުމުގައި އެ މަޝްވަރާ ކުރެވޭނެކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ކަނޑައެޅިގެން ކުއްލި މައްސަލައިގައި އެ ބުނަނީ ސަރުކާރުން ހާމަކުރަން ދެކޮޅު ހަދާކަމަށް. ހައިކޯޓުގަ އެބަ އޮތް ނިންމުމެއް ނިންމާފައި ހާމަކުރަން ނުޖެހޭނެ ކަމަށް ސާފުކޮށް. އަޅުގަނޑުމެންނަށް މި މަޖިލީހުގައި މި ތަޅުމުގައި މި މަޝްވަރާ ނުކުރެވޭނެ އެއް ސަބަބެއް ކަމަށް އާޅުގަނޑު ދެކެނީ މިކަމާ ހުރެ،" އާޒިމް ވިދާޅުވި އެވެ.

ނަމަވެސް މަޖިލިސް ރައީސް ވިދާޅުވީ މަޝްވަރާ ކުރެވޭނެތޯ ނުވަތަ ނޫންތޯ ނިންމާނީ މެމްބަރުން ކަމަށެވެ. އަދި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުންގެ އިއްތިފާގުން އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ވަނީ ފަށައިފަ އެވެ.

އިންޑިއާއިން ތަރައްގީކޮށްދޭ ކޯސްޓްގާޑުގެ ބަނދަރުގައި އެގައުމުގެ އަސްކަރިއްޔާގެ އެއްވެސް މީހަކު ނުތިބޭނެކަމަށް އެމްއެންޑީއެފް އިން އިއްޔެ ވަނީ ބުނެފަ އެވެ.

ސޮއިކުރީ ބަނދަރާއި ޑޮކްޔާޑު ތަރައްގީކުރުމަށް ކަމަށް ވާއިރު، އިންޑިއާގެ ފަންނީ މީހުން އައިސް އެތަނުގައި ހަދާ އިމާރާތްތަކާއި އެހެނިހެން އިންފްރާސްޓްރަކްޗާއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް އެމްއެންޑީއެފް އިން ބުންނެވެ.

އެ އެއްބަސްވުމުގެ ދަށުން އުތުރުތިލަފަޅުގައި ތަރައްގީކުރާނީ ޒަމާނީ، ނޭވަލް ބަދަރެކެވެ. އެ މަޝްރޫއު ބަހާލާފައި ވަނީ ދެ މަރުހަލާ އަކަށެވެ. ފުރަތަމަ ތިން އަހަރުގެ ތެރޭގައި ތަން ތަރައްގީކޮށް، ނިންމައި ބަނދަރާއި ޑޮކްޔާޑު ހުޅުވަން ވަނީ އެއްބަސްވެފަ އެވެ. އެއަށް ފަހު ޓެކްނިކަލް ސަޕޯޓު ބޭނުންވެއްޖެ ނަމަ، ބޭނުންވާ މިންވަރަކަށް ބޭނުންވާ ވަގުތެއްގައި ލިބޭނެ ކަމަށް އެއްބަސްވުމުގައިވެ އެވެ.

comment ކޮމެންޓް