އިއްޔެއަކީ އަނެއްކާވެސް ރާއްޖޭގެ ޓޫރިޒަމްގައި އާ ރެކޯޑެއް ގާއިމްކުރ ދުވަހެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް އަލުން ހުޅުވާލިފަހުން ދުނިޔޭގެ ޓޫރިޒަމުގައި ރާއްޖޭގެ މަގުބޫލުކަން އަންނަނީ އިތުރުވަމުންނެވެ. މީގެ ކުރިން ރާއްޖޭގެ ޓޫރިޒަމްގައި މާ އަޑުގަދަ ނޫން މާކެޓުތައް މިހާރު ވަނީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ މާކެޓުތަކަށް ވެފައެވެ.
ޓޫރިޒަމް މިނިސްޓްރީން ރޭ ބުނީ އިއްޔެ އަކީ މިއަހަރުގެ ތެރޭ އެންމެ ގިނަ ޓޫރިސްޓުން އައި ދުވަސް ކަމަށާއި އިއްޔެ އައި ޓޫރިސްޓުންގެ އަދަދު 5،100 ފަހަނަ އަޅާފައިވާ ކަމަށެވެ. އެއާއެކު މިއީ ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަަ ޓޫރިސްޓުން އައި ދުވަހެވެ.
މި ކާމިޔާބީ އާއެކު މިނިސްޓްރީން ވަނީ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
މީގެ އިތުރުން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުންނަށްވެސް މިނިސްޓްރީން ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
އިއްޔެ 5،000 ޓޫރިސްޓުން އައި އިރު މިއީ ކޮވިޑުގެ ކުރިން އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް ޓޫރިސްޓުން އަންނަ އަދަދެވެ. ބޯޑަރު ހުޅުވާލިފަހުން މި މަހުގެ ތެރޭ އެވްރެޖުކޮށް ޓޫރިސްޓުން އަންނަ އަދަދު އުޅެނީ ދުވާލަކަށް 3،000 ގައެވެ.
މި ފެބްރުއަރީ މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް 159،126 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ އިންޑިއާ އިންނެވެ.
ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކަށް ރަޝިއާ ވެފައިވާއިރު ދެން އެންމެ ގިނަ ޓޫރިސްޓުން އަންނަނީޔޫކްރެއިން، ކަޒަކިސްތާން އަދި ރޯމޭނިއާ އިންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އަމާޒަކީ މި އަހަރު ތެރޭ 1.5 މިލިއަން ޓޫރިސްޓުން ގެނައުން ކަމަށެވެ.
މިވަގުތު 646 ޓޫރިސްޓު ފެސިލިޓީ އޮޕަރޭޝަނުގައި އޮތްއިރު އެއީ 44،277 އެނދެވެ.