ބިގް ބޮސް 14 ކާމިޔާބު ކުރީ ރުބީނާ!

ބިގް ބޮސް 14 ކާމިޔާބު ކުރި ރުބީނާ އަދި ދެވަނަ އަށް ދިޔަ ރާހުލް --

ކަލާސް ޓީވީގެ ކާމިޔާބު ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ސީޒަން 14 ރުބީނާ ދިލައިކް ކާމިޔާބު ކޮށްފި އެވެ. އާދިއްތަ ދުވަހު ތިން ގަޑިއިރަށް ދިގު ދެމިގެންދިޔަ ބިގް ބޮސް ފިނާލޭގައި އެކަން އިއުލާނު ކުރިއިރު، ރުބީނާއާ އެންމެ ކައިރިން ވާދަ ކޮށްފައިވަނީ ރާހުލް ވައިދިއާ އެވެ.

މި ތަރިންގެ އިތުރަށް މި ސީޒަންގެ ޓޮޕް ފަހެއްގައި ހިމެނިފައިވަނީ، އަލީ ގޯނީ، ނިކީ ޓަމްބޮލީ އަދި ރާކީ ސާވަންޓް އެވެ.

ހަތަރު މަހަށްވުރެ ގިނަ ދުވަހަށް ދިގު ދެމިގެންދިޔަ މިފަހަރުގެ ސީޒަންގައި ރުބީނާއާ އެކު އޭނާގެ ފިރިމީހާ އަބިނަވް ޝުކްލާ ވެސް ބައިވެރިވި އެވެ. އެހެންނަމަވެސް މީގެ ދެ ހަފްތާ ކުރިން އޭނާ ވަނީ ކަޓާފަ އެވެ.

މި ސީޒަންގެ ފެށުމުގައިވެސް ރުބީނާ ފާހަގަކުރެވުނީ އެހެން ބައިވެރިންނަށްވުރެ ވަރުގަދަކޮށެވެ. ޗޯޓީ ބަހޫ އައި އަދި ޒީ ޓީވީގެ މަޝްހޫރު ޑްރާމާ "ޝާކްޓީ - އަސްޓީޓިވާ ކޭ އެހްސާސްކީ" ގެ ލީޑް ރޯލުން ފެނިިގެންދިޔަ ރުބީނާގެ ފޭނުންގެ ތަރުހީބު ވަރަށް ބޮޑަށްވެސް އޭނާ އަށް ދިޔައީ ލިބެމުންނެވެ.

އެހެންނަމަވެސް ޝޯގެ އެހެން ބައިވެރިންގެ ފަރާތުން ބައެއް ފަހަރު އޭނާއަކީ، މާ ނުފޫޒުގަދަވެގެން އުޅޭ، ޒީލަގަދަ މީހެއްގެ ގޮތުގައި ސިފަކުރެވުނެވެ. އަދި އޭނާ އާއި ފިރިމީހާ އަބިނާވްގެ ގުޅުމުގެ ބައެއް ވާހަކަތައް ޝޯގެ ތެރޭގައި ދެއްކުމުންވެސް ގިނަ ބައިވެެރިންގެ ނުރުހުން އޭނާއަށް އަމާޒުވެފައި ވެއެވެ.

ރުބީނާގެ ފިރިމީހާ އަބީނާވް މީގެކުރިން ބުނެފައިވާގޮތުގައި މިދިޔަ އަހަރު ޝޯ ފެށުމާއި ހަމައަށް ދެތަރިންގެ ކައިވެނީގެ ކުރިމަގާއި މެދު އޮތީ ސުވާލު އުފެދިފަ އެވެ. ނަމަވެސް ޝޯ އިން އޭނާ ވަކިވިއިރު، ދެމީހުންގެ ކައިވެނި ސަލާމަތްކުރެވިފައިވާކަމަށް އޭނާ ބުންޏެވެ.

ފައިނަލިސްޓުންގެ ތެރޭގައި ވާދަކުރި ނިކީ އަކީ މި ފަހަރުގެ ސީޒަންގެ އޮރިޖިނަލް ބައިވެރިންގެ ތެރެއިން ކަޓައިގެން ގޮސްފައި ވަނިކޮށް ދެވަނަ ފުރުސަތެއް ލިބުނު ބައިވެރިއެކެވެ.

އޮރިޖިނަލް ބައިވެރިންގެ ތެރެއިން ރާހުލް އަކީ އަމިއްލަ އަށް ޝޯ ދޫކޮށްލުމަށް ފަހު، އަނެއްކާ އަމިއްލަ އަށް އެދިގެން ޝޯއިން ފުރުސަތު ހޯދި ބައިވެރިއެކެވެ. އަލީ އަކީ ވައިލްޑް ކާޑްގެ ދަށުން ފުރުސަތު ލިބިފައި ވަނިކޮށް ފަހުން ކަޓައިގެން ދިއުމުން ކުރިން ޝޯގައި ވާދަކުރި ޖޭސްމީން ބަސީން ތާއީދުކޮށްދޭ ބައިވެރިއެއްގެ ގޮތުގައި ގެއަށް ވަދެ، ފައި ވިއްދާލި ބައިވެރިއެކެވެ.

ރާކީ އަކީ މި ފަހަރުގެ ސީޒަނުން ޗެލެންޖާޒްގެ ގޮތުގައި ފުރުސަތު ލިބުނު ހަ ބައިވެރިންގެ ތެރެއިން ގަދަ 5 އާ ހަމައަށް ދަތުރުކުރި ހަމައެކަނި ބައިވެރިޔާ އެވެ. އޭނާ އަށް ވަނީ 14 ލައްކަ ރުޕީސް ޝޯ އިން ލިބިފަ އެވެ.

ރުބީނާއަކީ ބިގް ބޮސް ކާމިޔާބު ކުރި ހަވަނަ އަންހެން ބައިވެރިޔާއަށް ވާއިރު، ޓީވީ އެކްޓްރެސްއެއްގެ ގޮތުގައި މި ޝޯ ކާމިޔާބު ކުރި ފަސްވަނަ ބައިވެރިޔާ އެވެ. ބިގް ބޮސް ޓްރޮފީއާ އެކު އޭނާއަށްވަނީ 36 ލައްކަ އިންޑިއަން ރުޕީސް ލިބިފަ އެވެ.

comment ކޮމެންޓް