ހޫނު ފެނުން ފެންވެރީމަ ނިދަން ފަސޭހަވޭ

ހޫނު ފެނުން ފެންވެރުމުން ނިދަން ފަސޭހަވޭ--

ނިދަން ކިތަންމެ ބޭނުންވިއަސް ނިދި ނައިސްގެން ދެކޮޅަށް ފުރޮޅިލަ ފުރޮޅިލާ ގިނަ ރޭރޭ އޮންނަންޖެހޭ މީހުން މަދެއް ނޫން ދޯ އެވެ. އޭސީ ޖައްސައިން ނުވަތަ ފަންކާ ކިތަންމެ ބާރުކޮށްގެން އޮތަސް، ބޭނުންވާ އަރާމު ފިނިކަމެއް ހައްޓަށް ނުލިބެ އެވެ. މާ ގިނަ ކަންކަމާއި ވިސްނަން ނޯވެ، ހޫނު ފެންފޮދަކުން ފެންވަރާލާށެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ރޭގަނޑު ނިދުމުގެ ކުރިން ހޫނު ފެނުން ފެންވެރުމަކީ އަވަހަށް އަދި ފަސޭހައިން ނިދުމަށް މަގުފަހިވާ ކަމެކެވެ.

ގުދުރަތީ ގޮތުން އަހަރެމެންގެ ހަށިގަނޑުވަނީ އެކި ކަންކަމަށް ވަރަށް ބޮޑަށް ތައްޔާރުކުރެވި ހޭނިފަ އެވެ. މިގޮތުން ނިދުމާއި ހޭލުމުގެ ކަންކަން އިތުރު އެހެން ކަންކަމާއި އެކު ކޮންޓްރޯލް ކުރާ ސުކީޑިއަން ރިދަމްއަކީ ހަށިގަނޑުގެ ފިނިހޫނުމިނާއިވެސް ވަރަށް ބޮޑަށް ގުޅިފައިވާ ފަންކްޝަންއެކެވެ.

ހަށިގަނޑުގެ ކޮންމެ ކަމަކީ ވެސް ސިކުނޑިން ފޮނުވާ މެސެޖަކުން ހިނގާ ކަންކަމަށްވާ އިރު، ނިދުމަށް ސިކުނޑި ތައްޔާރުކޮށްދޭ އެއްކަމަކީ ހަށިގަނޑުގެ ފިނިހޫނުމިނެވެ. މިގޮތުން ރޭގަނޑު ފިނިހޫނުމިން ދަށްކޮށް މެލަޓޯނިން ހޯމޯން ސިކުނޑިން ނެރެލަ އެވެ. އަދި ހަށިގަނޑުގެ ޓެމްޕަރޭޗާ އެންމެ ދަށްކޮށް ހުރެފައި އަލުން މަތިވަނީ ހެނދުނު ހޭލާ ގަޑީގައިކަމަށްވެސް ސައިންސްވެރިން ބުނެ އެވެ.

ނިދުމުގެ ކުރިން ރޭގަނޑު ހޫނު ފެނުން ފެންވަރާލުމުން ނިދަން ފަސޭހަވަނީ މި ގުދުރަތީ ނިޒާމަށް އެއިން އިތުރު އެހީއެއް ލިބިގެން ދާތީ އެވެ. މިގޮތުން ހޫނު ފެނުން ފެންވަރާލައިގެން ނުކުތުމުން އެ ހޫނުކަން ހަށިގަނޑުން ނުކުމެ، މުޅި ހަށިގަނޑަށް ފިނިކަމެއް ލިބި އަރާމުވެއެއް ނޫންހެއްޔެވެ. މިއިން ސިކުނޑިއަށް އަންގައިދެނީ ނިދަން ތައްޔާރުވާންވީ ކަމެވެ.

އަދި މި ނޫނަސް، މުޅި ހަށިގަނޑުގެ ލޭ ދައުރުވުން ރަނގަޅުކޮށްދީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް މީހާގެ ސްޓްރެސްތައް ދުރުކޮށް ހިތްހަމަޖެހުން ގެނުވައިދޭ ކަމަކަށް މިކަންވާއިރު މިއީވެސް ނިދުމަށް ވަރަށް މުހިންމު ކަމެކެވެ. އަދި ސާފުތާހިރުކަމާއި ތާޒާ ކަމާއި އެކު އެދުގައި އޮށޯތުމަކީ ވެސް ސިއްޚަތަށް ފައިދާހުރި ކަމެކެވެ.

ހޫނު ފެނުގެ ބަދަލުގައި ފިނިފެނުން ފެންވެރުމުން ހަށިގަނޑު ވަރުޖައްސައިދީ ހަަކަތަ އިތުރުކޮށްދެ އެވެ. އަދި އަރާމާއި ރިލެކްސް ކުރުވުމުގެ ބަދަލުގައި ތައްޔާރުކޮށްދެނީ މަސައްކަތަށެވެ. އެހެންކަމުން މިގޮތަށް ފެންވެރުން އެންމެ ރަނގަޅީ ހެނދުނެވެ.

ސްލީޕް މެޑިސިން ރިވިއުސްގައި ޝާއިރުކޮށްފައިވާ މި ދިރާސާގައިވާ ގޮތުން، މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ނިދުމުގެ 2-1 ގަޑިއިރުގެ ކުރިން ފެންވެރުމުންނެވެ. އަދި ފެންވަރާއިރު 10 މިނިޓަށް ވުރެ ގިނައިން ކޮންމެހެން ފެންވަރާނެކަމެއް ވެސް ނެތެވެ.

comment ކޮމެންޓް