އަންނަ މަހު ހުރިހާ ރަށަކަށް މޯބައިލް ލެބޯޓްރީގެ ހިދުމަތް ދޭން ފެށޭނެ: ނަސީމް

ހެލްތް މިނިސްޓަރު އަހުމަދު ނަސީމް — ސަންފޮޓޯ/ ފަޔާޒު މޫސާ

މިޙާރު ލެބޯޓްރީގެ ހިދުމަތް ނުލިބޭ ހުރިހާ ރަށަކަށް މާޗު މަސްތެރޭގައި މޯބައިލް ލެބޯޓްރީގެ ހިދުމަތް ދޭން ފަށާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ނަސީމް އެހެން ވިދާޅުވީ ރޭ އެމްޑީޕީ އޮފީހުގައި ބޭއްވި ރަށްވެހިފަތިސް ކެމްޕެއިން ބައްދަލުވުމެއްގަ އެވެ. މާޗުގެ ނިޔަލަށް ހުރިހާ ރަށަކަށް ލެބޯޓްރީގެ ހިދުމަތް ލިބޭނެ ކަމުގެ ޔަގީންކަން ނަސީމް ވަނީ ދެއްވާފަ އެވެ.

މޯބައިލް ލެބޯޓްރީގެ ހިދުމަތަކީ މި ސަރުކާރުން ފެށި ހިދުމަތެކެވެ. އެންމެ ފުރަތަމަ އެ ހިދުމަތް ދޭން ފެށީ ލ އަތޮޅުގަ އެވެ. އަދި މުޅި ރާއްޖެއަށް އެ ހިދުމަތް ފުޅާކުރަން ސަރުކާރުން ވައުދު ވި އެވެ.

ސިއްހީ ދާއިރާގައި ކުރިއަސް ހުރި ކަންކަމުގެ ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ އެމްބިއުލެންސް ގެނައުމަށް އެސްޓީއޯއާ މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ. 96 އެމްބިއުލެންސް އެޕްރީލް މަހުގެ ނިޔަލަށް އައުމުން ހުރިހާ ރަށަކަށް އެމްބިއުލެންސް ފޮނުވޭނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

އޭގެ އިތުރުން ހޮސްޕިޓަލްތަކަށް މަދުވާ ޑޮކްޓަރުންނާއި ނަރުހުންގެ ކަންކަންވެސް މިހާރު ހަމަޖައްސާފައިވާ ކަމަށް ނަސީމް ވިދާޅުވި އެވެ.

"ބަޖެޓުގެ ތެރެއިން 61 މިލިއަން ރުފިޔާ މިހާރު އަޅުގަނޑުމެން އެލޮކޭޓް ކޮށްފައި މިވަނީ. އެމީހުން ގެންނަން. އެހެންވީމާ މިއަހަރުގެ މެދަށް އައުމުގެ ކުރިން އަޅުގަނޑު އުންމީދު ކުރަނީ ހުރިހާ ރަށެއްގައިވެސް އަޅުގަނޑުމެން ކަނޑައަޅާފައިހުރި ކެޓަގަރީތަކާ އެއްގޮތަށް ޑޮކްޓަރުންނާއި ނަރުހުން ތިބޭނެ ކަމަށް." ނަސީމް ވިދާޅުވި އެވެ.

އޭގެ އިތުރުން ސިއްހީ ހިދުމަތަށް 12 ލޯންޗެއް ލިބޭނެ ގޮތް ހަމަޖެހިފައިވާ ކަމަށާއި އެ ލިބުމުން އެކަހެރިވެފައި ހުރި ރަށްރަށަށް އެމަޖެންސީކޮށް ބޭނުންވާ ހިދުމަތް ދޭން ފަސޭހަވެގެން ދާނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

comment ކޮމެންޓް