މަތީ ތައުލީމުގެ ލޯނު ދޫކުރާނީ ކޮންމެ ރަށަކަށް ވަކިވަރެއް: ރައީސް

އެމްޑީޕީ އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހު —

މަތީ ތައުލީމަށް ދޫކުރާ ލޯނު ދޫކުރާއިރު މިފަހަރު ކޮންމެ ރަށަކަށް ވަކިވަރެއް ކަނޑައަޅަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކައުންސިލަށް ކުރިމަތިލާފައިވާ ބައެއް ރަށްރަށުގެ ކެންޑިޑޭޓުންނާއެކު މިރޭ އެމްޑީޕީ އޮފީހުގައި ވާޗުއަލްކޮށް ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ގއ އަތޮޅު ކައުންސިލުގެ ކެންޑިޑޭޓް ވަނީ ސުޓޫޑެންޓް ލޯނުގައި ބައެއް ރަށްރަށުގެ ކުދިން ލައްވާ ނުލާތީ އެކަމުގެ ޝަކުވާ އަންނަ ކަމަށް ބުނެފަ އެވެ. އެކަމާ ގުޅިގެން ރައީސް ވިދާޅުވީ މިހާރު އޮންނާނީ ވަކި ރަށަކަށް ވަކިވަރެއް ކަނޑައަޅަން ނިންމާފައި ކަމަށެވެ.

"ސުޓޫޑެންޓް ލޯނު މިފަހަރު އަޅުގަނޑުމެން ނިންމާފައި އޮންނާނީ ކޮންމެ ރަށަކަށް ވަކި ވަރެއް ކަނޑައަޅަން. އެހެންވީމާ ހަޔަ އެޑިއުކޭޝަން މިނިސްޓްރީއިން މިފަހަރު ލޯނު ދޫކުރާއިރުގައި ކޮންމެ ރަށަކަށް ވަކި ވަރެއް، ކޮންމެ އަތޮޅަަކަށް ވަކި ވަރެއް އަދި ދާއިރާތައްވެސް ކަނޑައެޅިފައި އޮންނާނީ." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖެ އާއި ރާއްޖެ އިން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމަށް ލޯނަށް އެދުމުގެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހު ވަނީ ހުޅުވާލާފަ އެވެ. އޭގެތެރޭގައި ހިމެނެނީ 770 ފުރުސަތެވެ. އެއީ މިހާރު ކިޔަވާ ދަރިވަރުންނާ 471 ފުރުސަތާއި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 290 ފުރުސަތެވެ.

ލޯނަށް ކުރިމަތިލުމަށް ދީފައިވަނީ ތިން ހަފްތާގެ މުއްދަތެވެ.

comment ކޮމެންޓް