ޕޮލެންޑުގެ ލޮޓް ޕޮލިޝް އެއާލައިނުގެ ސީދާ ދަތުރުތަކެއް ރާއްޖެއަށް ފަށައިފި

ޕޮލެންޑުގެ ގައުމީ އެއާލައިން ކަމަށްވާ ލޮޓް ޕޮލިޝް އެއާލައިނުގެ ސީދާ ދަތުރުތަކެއް ރާއްޖެއަސް ފަށައިފި އެވެ.

ޗާޓާޑު ޝެޑިއުލް ފަސް ދަތުރެއް ކުރުމަށް އެ އެއާލައިނުން މިހާރު ނިންމާފައިވާއިރު އެންމެ ފުރަތަމަ ދަތުރުކޮށްފައިވަނީ މިފިއަ ހުކުރު ދުވަހު ހެނދުނު އެވެ. އެއީ 294 ފަސިންޖަރުންނާ އެކު އެވެ.

އެ ދަތުރުތަކަކީ މޯލްޑިވިއަން ޓްރެވަލް އެޖެންސީ ސަން އޯޝަންއިން ފްލައިޓް ޗާޓަރުކޮށްގެން ކުރާ ދަތުރުތަކެއް ކަމަށް އެމްއޭސީއެލްއިން ބުންޏެވެ. އެމްއޭސީއެލްއިން ބުނީ އެ ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އާ މާކެޓެއް ހުޅުވިގެންދާނެ ކަމަށެވެ.

ސަން އޯޝަންގެ ސޭލްސް ޑިރެކްޓަރު ރަޝީދު އަބްދުﷲ ވިދާޅުވީ އެ ދަތުރުތަކުގެ ސަބަބުން މަހެއްގެ 1150 ގާތްކުރާ އަދަދަކަށް ޓުއަރިސްޓުން ރާއްޖެ އަންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އެ ދަތުރު ތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރި ކަމުގެ ބާޒާރު އިތުރަށް ފުޅާވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޓުއަރިސްޓުން އިތުރުވާނަމަ 2022 ވަނަ އަހަރާ ހަމައަށް ޗާޓަރު ފްލައިޓުތައް ކުރިއަށް ގެންދިމުގެ ވިސްނުން ހުރި ކަމަށް ރަޝީދު ވިދާޅުވި އެވެ.

ކޮވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅިވާލީ ޖުލައި 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް ދަނީ އިތުރުވަމުންނެވެ.

comment ކޮމެންޓް