ޑިމޮކްރެޓިކް މަގަށް ރުޖޫއަވުމަށް މިސަރުކާރަށް ނަސޭހަތްތެރިވުމަށް އިންޑިއާގެ ކިބައިން އިދިކޮޅުން އެދިއްޖެ

ޕީޕީއެމް/ޕީއެންސީގެ ވެރިން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން —

ރާއްޖޭގައި ދާޚިލީ ހަމަޖެހުން ދެމިއޮތުމަކީ އިންޑިއާއަށް މުހިންމުވާނެ ކަމެއްން ޔަގީންވާ ކަމަށާއި އެހެންވެ މި ސަރުކާރުގެ ހަރުކަށި އަމަލުތަކާއި މެދު ގާތުން ފާރަވެރިވެ ޑިމޮކްރެޓިކް މަގަށް ރުޖޫއަވުމަށް މިސަރުކާރަށް ނަސޭހަތްތެރިވުމަށް އިންޑިއާއިން ރާއްޖެ ޒިޔާރަތްކުރި ވަފުދާ ބައްދަލުކޮށް އިދިކޮޅު ޕީޕީއެމް ޕީއެންސީއިން އެދެފި އެވެ.

ރާއްޖޭގައި އިންޑިއާ ސަރުކާރުގެ ލޯނު އެހީ އަދި ބައެއް ހިލޭ އެހީގެ ދަށުން ހިންގަން ނިންމާފައިވާ ޕްރޮޖެކްޓްތަކެއްގައި ސޮއިކުުރެއްވުމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ އެސް ސުބްރަމާނިއަމް މިހާރު ދަނީ ރާއްޖެއަށް ދެ ދުވަހުގެ ދަތުރުފުޅެއް ކުރައްވަމުންނެވެ. އެ ދަތުރުފުޅުގައި މިއަދު ސުބްރާމަނިއަމް ވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ކޯލިޝަނުގެ ވެރިންނާ ބައްދަލުކޮށްފަ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގައި ބޭއްވި އެ ބައްދަލުވުމަށް ފަހު ޕީޕީއެމް/ޕީއެންސީ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ގާއިމް ކުރެވުނު ޑިމޮކްރެޓިކް ނިޒާމު މި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ދުވަހެއް ދުވަހަކަށް ބަލިކަށި ވަމުން އަންނަ ކަމުގެ ވާހަކަ އިންޑިއާގެ އެކްސްޓާނަލް އެފެެއާޒް މިނިސްޓަރާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

"ރާއްޖޭގެ ދާޚިލީ ހަމަޖެހުން އޮތުމަކީ އިންޑިއާއަށް މުހިންމުވާނެ ކަމެއްކަން ޔަގީންވާ ކަމުގައިވެސް ވަފުދުގެ ބޭފުޅުން ވިދާޅުވި. އެގޮތުން މި ސަރުކާރުގެ ހަރުކަށި އަމަލުތަކާމެދު ގާތުން ފާރަވެރިވުމަށާއި ޑިމޮކްރެސީގެ މަގަށް އަވަހަށް އަލުން ރުޖޫއަވުމަށް ސަރުކާރަށް ނަސޭހަތްތެރިވުމަށް އިންޑިއާއިން ބާރުއެޅުމުގެ މުހިންމު ކަމުގެ މައްޗަށްވެސް އަލިއަޅުވާލެވުނު." ޕީޕީއެމް/ޕީއެންސީ ގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ސަރުކާރުގެ އަތް ދަށުން ވޭތުވެދިޔަ 15 މަސްދުވަހު އަނިޔާ ލިބެމުންދާ ވާދަވެރި ކޯލިޝަނުގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަސާސީ އެތައްހައްގެއް ނިގުޅައިގެންފައިވާ ވާ ވާހަކަ އިންޑިއާގެ ވަފުދާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި ހިއްސާ ކުރެއްވި ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެބައްދަލު ކުރެއްވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެޕާޓީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު އާއި މާވަށު ދާއިރާގެ މެމްބަރު މުހަައްމަދު ސައީދު އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރުގެ އިތުރުން ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނުވެސް ބައިވެރިވެ ވަޑައިގަތެވެ.

comment ކޮމެންޓް