އެޑްވަޓޯރިއަލް: އެމްޓީސީސީގެ ކުރިމަގު - ކުންފުނީގެ ދިވެހި މުވައްޒަފުން

އެމްޓީސީސީއޭ ބުނުމުން ޕްރޮޖެކްޓް ސައިޓެއްގައި ކޮންސްޓްރަކްޝަން މަސައްކަތްކުރަން ތިބޭ ބިދޭސީ މުވައްޒަފުންތަކެއް ކަމަށް ބައެއް މީހުންގެ ހިތަށް ސިފަވުމީ ފަހަރުގައި އެކަށީގެންވާ ކަމެކެވެ. ނަމަވެސް ކަންއޮތީ މުޅިއަކުން އެހެންނެއް ނޫނެވެ.

1980 ވަނަ އަހަރު އުފެދުނު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއަކީ، ކުންފުނީގެ ތަރައްގީގެ ދަތުރުގައި ދިވެހި މުވައްޒަފުންގެ ހިއްސާ ބޮޑު ކުންފުންޏެކެވެ. ކުންފުނީގެ ބޯޑާއި މެނޭޖްމަންޓުން ފެށިގެން އެންމެ އާދައިގެ މުވައްޒަފުންނާ ހަމައަށް ފެންނަ މޫނުތަކުގެ ތެރޭގައި ގިނައީ ދިވެހި މުވައްޒަފުންނެވެ. ތަފާސް ހިސާބުތަކަށް ބަލާލާއިރު ކުންފުނީގައި މިހާރު ވަޒީފާ އަދާކުރާ 1800 މުވައްޒަފުންގެ ތެރެއިން ގިނަ މުވައްޒަފުންނަކީ ދިވެހި މުވައްޒަފުންނެވެ.

އެމްޓީސީސީގެ އަމާޒަކީ އެ ކުންފުންނީގެ މަސައްކަތްތަކުގައި ދިވެހި މުވައްޒަފުންގެ ބައިވެރިވުން އެއް އަހަރުން އަނެއް އަހަރަށް އިތުރުކުރުމެވެ. އެމްޓީސީސީގެ ޓީމު މަސައްކަތް ކުރަން ޖެހިފައިވަނީ ބަދަލުވަމުންދާ މާހައުލެއްގައި ކަމަށްވުމާއެކު އެއީ ގާބިލް، ބާރުވެރި ކުރުވިފައިވާ އަދި އެކުގައި މަސައްކަތްކުރުމުގެ ރޫހާއި ކުންފުނީގެ އެކި ދާއިރާތައް ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އޮތް ޓީމަކަށް ވާންޖެހެ އެވެ.

މުވައްޒަފުން ހޯދުމާއި ތަމްރީނުކުރުން އަދި ދެވޭ އުޖޫރަ ކަނޑައެޅުމުގައި އެމްޓީސީސީ ގެންގުޅޭ ސިޔާސަތަކީ ރޭވުންތެރިކަމާއެކު ވިޔަފާރި ހިންގުމަށް މަގުފަހިކޮށްދޭ، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ފުރުސަތު ލިބޭ، ލީޑަޝިޕް ވަރުގަދަކޮށްދޭ، މުވައްޒަފުންގެ ބައިވެރިވުން ހޯދައި، ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ފުރުސަތު ލިބޭ ސިޔާސަތެކެވެ.

މަހާ ޖައްރާފުގައި މަސައްކަތްކުރާ އެމްޓީސީސީގެ ދިވެހި މުވައްޒަފުންތަކެއް-- ފޮޓޯ/އެމްޓީސީސީ

ކުންފުނީގެ މުވައްޒަފުންނަކީ ހުނަރުވެރި ގާބިލު ބަޔަކަށް ހެދުމަށްޓަކައި، މުވައްޒަފުން ތަމްރީން ކުރުމާއި ތަރައްގީ ކުރުމަކީ ކުންފުނިން އަގުވަޒަންކުރާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ތަފާތު ވިޔަފާރިތަކުގައި ކުންފުނިން އަދާކުރަމުންދާ އިސް ދައުރު އަދާކުރަމުން ގެންދިއުމަށް ބޭނުންވާ ހުނަރާއި ފަންނުވެރިކަން ކަށަވަރުކުރުމަށް، ނަތީޖާ ނެރެވޭ ސިޔާސަތުތަކެއްގެ ދަށުން ތަމްރީނު ޕްރޮގްރާމްތައް ހިންގަމުން ގެންދެ އެވެ. އަދި ކުންފުންޏަށް ބޭނުންވާ މުހިއްމު ދާއިރާތަކުން ރާއްޖެއާއި ރާއްޖޭން ބޭރުން ފުރަތަމަ ޑިގްރީ އާއި ޕްރޮފެޝަނަލް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މުވައްޒަފުންނަށް ހޯދައިދެ އެވެ.

އެމްޓީސީސީން ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ނަމުގައި 2018 ވަނަ އަހަރު ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް މިއަހަރު އަލުން ފަށަން ނިންމި ނިންމުމަކީ ކުންފުނީގެ ޓީމުގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުންފުނިން ދޭ މުހިއްމުކަން ރަމްޒުކޮށްދޭ ކަމެކެވެ. ހުނަވަރު ޕްރޮގްރާމްގެ މަޤްސަދަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުމެވެ.

އެމްޓީސީސީއިން ކުރިއަށްގެންދިޔަ ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2018އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ސެޝަންއެއް-- ފޮޓޯ/އެމްޓީސީސީ

އެ ޕްރޮގްރާމްގެ ތެރެއިން ހެވީ ވެހިކަލް އޮޕްރޭޓް ކުރުމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު އޮޕަރޭޓް ކުރުމާއި އިންޖިނިއަރިން، ވެލްޑިންގް، ޑްރެޖިން އަދި އެންވަޔަރަމެންޓަލް ސާވޭއިންގެ ދާއިރާއިން ގިނަ ބައިވެރިންތަކެއް ތަމްރީން ކުރާނެ އެވެ.

ހުނަވަރު ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިއަހަރުގެ ޖެނުއަރީ މަހުގެތެރޭ އައްޑޫ އާއި ފުއައްމުލަކުގައި އެމްޓީސީސީން ކުރިއަށް ގެންދިޔަ "އޯޕަން ޑޭ" މެދުވެރިކޮށް، ގިނަ ބައިވެރިންތަކަކަށް އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ. އެ ޕްރޮގްރާމުގެ ބައިވެރިންނަށް އެމްޓީސީސީގެ ސައިޓްތަކުގައި 5000 ރުފިޔާގެ އެލަވަންސަކާއެކު ތިން މަސް ދުވަހުގެ ތަމްރީން ކުރިއަށްގެންދާނެ އެވެ. އަދި ތަމްރީން ފުރިހަމަކުރާ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ ބޮންޑަކާއެކު އެމްޓީސީސީގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެ ވަޒީފާތަކުގެ މުސާރަ އުޅެނީ މަހަކު 12،000 އާއި 20،000 އާއި ދެމެދުގަ އެވެ.

އެމްޓީސީސީން ގަބޫލުކުރާ ގޮތުގައި ދިވެހި މުވައްޒަފުންނަކީ ހުނަރުވެރި، ކަމަށް ގާބިލު އަދި ވަޒީފާއަށް ކަމޭހިތާ، އިހުލާސްތެރި ބައެކެވެ. ކުންފުނީގެ އަމާޒަކީ އަބަދުވެސް ދިވެހިންނަށް އިސްކަން ދީގެން ދިވެހިންނަށް ފުރުސަތުތައް ހޯދައިދީގެން، ދިވެހިންގެ ބައިވެރިވުމާއެކު ކުންފުނި ކުރިއެރުވުމެވެ. އެގޮތުން 2020، އޮކްޓޫބަރު ހަތްވަނަ ދުވަހު އެމްޓީސީސީގެ ބޮޑު ޑްރެޖަރު މަހާ ޖައްރާފުގެ ހުރިހާ ފަޅުވެރިން ދިވެހިންނަށް ބަދަލުކުރުމަކީވެސް ކުންފުނިން ނިންމި ތާރީހީ ނިންމުމެކެވެ. އެމްޓީސީސީގެ އެ ނިންމުމުގެ ސަބަބުން ބިދޭސީ ފަޅުވެރިންގެ މުސާރައަށް ރާއްޖޭއިން ބޭރުވާ ފައިސާ ރާއްޖޭގައި ހިފެހެއްޓި، ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއް ފަހިވެ، އެކަމުގެ ހެޔޮ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރާނެ އެވެ.

މަހާ ޖައްރާފުގައި މަސައްކަތްކުރާ އެމްޓީސީސީގެ ދިވެހި މުވައްޒަފުންތަކެއް-- ފޮޓޯ/އެމްޓީސީސީ

އެމްޓީސީސީގެ އަމާޒަކީ ކުންފުނީގެ މުވައްޒަފުންނަކީ ގިނަ ދުވަހު ވަޒީފާގައި ދެމިތިބޭ، ކުންފުންޏަށް އެ މުވައްޒަފުންގެ ފަރާތުން ދިގު ރާސްތާގައި ފައިދާތަކެއް ލިބޭ ބަޔަކަށް ހެދުމެވެ. ނަތީޖާ ނެރެދޭ ވަކިވަކި މުވައްޒަފުންނާއި ޓީމުތައް ފާހަގަކޮށް އެ ފަރާތްތަކަށް ހިތްވަރުދީ އެ ފަރާތްތަކުގެ އަގު ކުންފުނިން އަބަދުވެސް ވަޒަންކުރެ އެވެ.

އެގޮތުން "އެމްޕްލޯއީ ޕަފޯމަންސް އިވެލުއޭޝަން އެންޑް ރިވާޑިންގް ޕޮލިސީ"ގެ ދަށުން މުވައްޒަފުންނަށް އަންނަނީ ވަޒީފާގެ ކުރިއެރުންތައް ފަހިކޮށްދެމުންނެވެ. އެ އިވެލުއޭޝަންއަކީ އަހަރަކު ދެ ފަހަރު ހަދާ އިވެލުއޭޝަނެކެވެ. އަދި ރަނގަޅަށް މަސައްކަތްކުރާ މުވައްޒަފުންނަށް "އިންކްރިމެންޓް އެލަވަންސް"އެއް ދެވެ އެވެ. އެންމެ ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުންނާއި ކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުން ފާހަގަކޮށް، އެ މުވައްޒަފުންނަށް "އެކްސެލެންސް އެވޯޑު" ކޮންމެ އަހަރަކުވެސް ދަނީ ދެމުންނެވެ.

އަހަރީ ޕްރޮގްރާމެއްގެ ދަށުން ހައްޖު އަދި އުމްރާގެ އަޅުކަން ގާއިމުކުރަން މުވައްޒަފުންނަށް ފުރުސަތު ފަހިކޮށްދެ އެވެ. އަދި "ހެލްތު އިންޝުއަރެންސް"ގެ ހިދުމަތް ހުރިހާ މުވައްޒަފުންނަށް ވެސް ފޯރުކޮށްދެ އެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެތައް ފަހަރަކު ވިދާޅުވެފައިވާ ފަދައިން ކުންފުނީގެ ކާމިޔާބީގެ ސިއްރަކީ ކުންފުނީގެ މުވައްޒަފުންނެވެ. އެހެންކަމުން ކުންފުނީގެ މުވައްޒަފުންނަށް ހިތްހަމަޖެހޭފަދަ މަސައްކަތުގެ މާހައުލެއް ތަނަވަސްކޮށްދީ އެ މުވައްޒަފުންނާ ދޭތެރޭ ރަނގަޅަށް އަމަލު ކުރުމަކީ ކުންފުނި އިތުރަށް ކުރިއަރާނެ ކަމެކެވެ.

އެމްޓީސީސީގެ މަގްސަދަކީ ތަފާތުތައް އެކުލެވޭ މުވައްޒަފުން ބައިވެރިކޮށްގެން ޓީމު ބިނާކޮށް، އެންމެންގެ ބައިވެރިވުން ލިބޭ، އެކަކު އަނެކަކަށް އިހުތިރާމް ކުރާ މަސައްކަތުގެ މާހައުލެއް ގާއިމުކޮށް، ވިޔަފާރިއަށް ކުރިއެރުން ހޯދުމެވެ. އެމްޓީސީސީ ގާބޫލުކުރާ ގޮތުގައި ޓީމުތަކުގެ ތެރޭގައި ހިމެނޭ ތަފާތުކަމުގެ ސަބަބުން މަސައްކަތުގައި މުވައްޒަފުންގެ ފަރާތުން ލިބޭ ބައިވެރިވުން އިތުރުވެ އެވެ. އަދި މީގެ ސަބަބުން ވިޔަފާރީގެ ކުރިއެރުމަށް މަގުފަހިކޮށްދީ، މުވައްޒަފުން، ކަސްޓަމަރުން، ވިޔަފާރީގެ ބައިވެރިން އަދި ނަފާވެރިންގެ ބޭނުންތައް ދެނެގަތުމަށް އެހީތެރިވެދެ އެވެ. އަދި ޓީމުގައި އެކުލެވޭ ހުނަރު އިތުރުވެ ފުޅާވެގެންދެ އެވެ.

އެހެންކަމުން އެއްވެސް މީހަކަށް ތަފާތުކުރުމެއް ނެތި ޓީމުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންވެސް ހިމެނޭ ގޮތަށް، ވަޒީފާގެ ފުރުސަތު ދިނުމާއި ވަޒީފާގެ ކުރިއެރުން ހޯދައިދިނުން އަދި ތަމްރީނު ކުރުމާއި މުވައްޒަފުންގެ އަގު ވަޒަންކުރުމަކީ އެ ކުންފުނިން މުހިންމުކަންދޭ ކަމެކެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާ ދިނުމުގައި ވަޒީފާގެ މަސްއޫލިއްޔަތަށް ބަދަލުގެނެވޭ މިންވަރަކުން ވަޒީފާގެ ޑިޒައިން ބަދަލުކޮށް، ކަމާގުޅޭ ތަމްރީނު ވެސް އެމްޓީސީސީއިން އެ މުވައްޒަފުންނަށް ފޯރުކޮށްދެ އެވެ.

އެމްޓީސީސީއަކީ ދިވެހި ރައްޔިތުންގެ ކުންފުންޏެވެ. ކުންފުނި ކުރިއަރުވާ ހިންގަން ކުންފުންޏަށް ބޭނުންވަނީ ދިވެހި މުވައްޒަފުންގެ ހިދުމަތެވެ. މެދުކެނޑުމެއް ނެތި އެންމެ ގިނައިން ވަޒީފާގެ ފުރުސަތުތައް ދިވެހިންނަށް ފަހިކޮށްދޭ ކުންފުންޏަކަށް ހަމަ ގައިމުވެސް އެމްޓީސީސީ ވާނެ އެވެ. ވެލްޑަރުންނާއި ކާޕެންޓަރުންނާއި މޭސަނުންނާއި ޑްރައިވަރުންނެވެ. ލޯޑް އޮޕްރޭޓަރުންނާއި ކްރޭން އޮޕަރޭޓަރުންނާއި އެކްސްކަވޭޓާ އޮޕްރޭޓަރުންނެވެ. އެޑްމިން އޮފިސަރުންނާއި ސަޕޯޓް ސްޓާފުންނެވެ. މެނޭޖީރިއަލް އަދި އެގްޒެކެޓިވް ލެވެލްގެ އެކި މަގާމުތަކެވެ.

އެމްޓީސީސީގެ މުވައްޒަފުން-- ފޮޓޯ/އެމްޓީސީސީ

މިއަދު ކުންފުންޏަށް ލިބިފައިވާ ކާމިޔާބީއަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރައްޔިތުންގެ ހިދުމަތުގައި ކުންފުނީގެ މުވައްޒަފުން ކުރަމުންގެންދާ އިހުލާސްތެރި ބުރަ މަސައްކަތުގެ ނަތީޖާ އެވެ. އެމްޓީސީސީގެ ރައުސްމާލަކީ އެ ކުންފުނީގެ މުވައްޒަފުންނެވެ. ފަންނުވެރި، ގާބިލު އެމްޓީސީސީގެ ޓީމަށް ދިވެހި މުވައްޒަފުން މުސްތަގްބަލުގައިވެސް އިތުރުވެގެން ދިއުމަކީ ކުންފުނީގެ އުއްމީދެވެ. އެމްޓީސީސީގެ ކުރިމަގު އޮތީ ދިވެހި މުވައްޒަފުންގެ އަތްމަތީގަ އެވެ.

comment ކޮމެންޓް