އައްޑޫގެ މަޝްރޫއުތައް 1.1 ބިލިއަން ރުފިޔާއަށް އިންޑިއާ ކުންފުންޏަކަށް

އައްޑޫ ސިޓީގައި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމާއި މަގުހެދުމަށް އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރުން -- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

އައްޑޫ ސިޓީގައި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމާއި މަގުހެދުމަށް އިންޑިއާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

އިންޑިއަން އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 1.1 ބިލިއަން ރުފިޔާގެ އަގަކަށް، އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑް އާއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެއްބަސްބުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އެވެ. އެފްކޯންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް ރަވީ ޕްރަކާޝް އެވެ.

އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:

އައްޑޫ ސިޓީގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް، އެ ސިޓީގެ ފޭދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައި ފެން ހިންދާ ނިޒާމް ގާއިމުކުރާނެ އެވެ. އެ ނިޒާމުގެ ޖުމްލަ ދިގުމިނަކީ ގާތްގަނޑަކަށް 103 ކިލޯމީޓަރެވެ.

ހަމައެއާއެކު މީހުން ދިރިއުޅޭ ހުރިހާ އަވަށެއް ހިމެނޭގޮތުން ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމަށޤ ވަނީ ހަމަޖެހިފަ އެވެ. ތާރުއެޅުމަށް ކަނޑައަޅާފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް ލޭޔާ އަޅާނެ އެވެ. އެ ފަށައިލައިގެ މަގުސަދަކީ ފެން ހިނަދާ ނިޒާމުގެ ތެރެއަށް ވެލި އެޅި ދިމާވެދާނެ މައްސަލަތަކުން ރައްކާތެރިވުމެވެ.

މީގެ އިތުރުން މިހާރު ތާރު އަޅާފައިވާ މަގުތަކުގެ ތެރެއިން 3.4 ކިލޯމީޓަރުގެ މަގުގެ ރީސާފޭސިން މަސައްކަތް ވެސް ކުރާނެ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ތަރައްގީކުރާ މަގުތަކުގައި މަގުބައްތި، ސީސީޓީވީ ކެމެރާ އަދި އެހެނިހެން ޓްރެފިކް ރައްކާތެރިކަމުގެ ފިޔަވަޅުތައް ގާއިމުކުރާނެ ކަމަށެވެ.

އައްޑޫ ސިޓީގެ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެޑެއަށްނާރާ ގޮތަށް ހިތަދޫ ގައުކެޑި އާއި މަރަދޫއާ ގުޅާލުމަށްޓަކައި 1.463 ކިލޯމީޓަރުގެ އާ ހަތަރު ލޭންގެ ޑީޓުއާ ލިންކް ރޯޑެއް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.

comment ކޮމެންޓް