ފުލުހުން ހުރަސްއަޅައި އަނިޔާކުރާތީ ނޫސްވެރިން މުޒާހަރާކޮށްފި

މިއަދު ނޫސްވެރިން އެމްއެމްސީއާއި ބްރޯޑްކޮމް ކުރިމަތީ ކުރި މުޒާޙަރާގެ ތެރެއިން --

މުޒާހަރާތަކާއި އެއްވުންތަކުގައި ނޫސްވެރިންނަށް ފުލުހުން ހުރަސްއަޅާ އަނިޔާވާ ގޮތަށް އަމަލު ކުރާތީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ކުރިމަތީގައި ނޫސްވެރިން މުޒާހަރާކޮށް އަޑުއުފުލައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ޗެނަލް-13ގެ ނޫސްވެރިއަކު އިދިކޮޅުގެ މުޒާހަރާ ކަވަރު ކުރަމުން ދަނިކޮށް، އޭނާއަށް މުޒާހަރާ ކަވަރު ކުރުމުގެ ތެރޭގައި ފުލުހުންގެ ފަރާތުން އަނިޔާވެ، އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ކަމަށް އެ ޗެނަލުން ބުނެ އެވެ.

އޭގެ އިތުރުން، އެ ރޭ ޕީޕީއެމް އޮފީސް ކައިރީގައި ހުންނަ ކެފޭއެއްގައި ޗެނަލް-13ގެ ދެ މުވައްޒަފަކު ތިއްބައި އެތަނަށް ފުލުހުން ވަދެ ގަދަކަމުން އެ މީހުން ނެރެ އެ ދެ މީހުން ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް، ފަހުން އެ ދެ މީހުން ދޫކޮށްލީ އެވެ.

އެކަމާ ހެދި، މިއަދު ބައެއް މީޑިއާތަކުގެ ނޫސްވެރިން ވަނީ އެމްއެމްސީއާއި ބްރޯޑްކޮމް ހުންނަ ގ. ބިއްލޫރިޖެހިގެ ކުރިމަތީގައި މުޒާހަރާކޮށްފަ އެވެ. އެ މީހުންގެ ކަންބޮޑުވުމަކަށްވީ ފުލުހުން ނޫސްވެރިންނަށް ހުރަސް އަޅާ އަނިޔާވާ ގޮތަށް އަމަލު ކުރުމެވެ. އަދި ފުލުހުންގެ މިފަދަ އަމަލުތަކަށް އިންސާފު ނުލިބުމެވެ.

ނޫސްވެރިންނަށް އަނިޔާ ނުކުރުމަށާއި ކުރިން ރާއްޖެޓީވީއަށް ހެދި ގޮތަށް ނުހެދުމަށް ބައެއް ނޫސްވެރިން ގޮވާލި އެވެ. އަދި ޗެނަލް-13އަށް ފުރައްސާރަ ކުރުން ހުއްޓާލަން ގޮވާލި އެވެ. މުޒާހަރާ ކުރި ނޫސްވެރިން ތިބީ ބިއްލޫރި ޖެހިގެ ކުރިމަތީ މަޖީދީ މަގު ޕޭމަންޓް މަތީގައި ދުރުދުރުގައި ހުއްޓިގެންނެވެ. އަދި އެ މީހުން ތިބީ އަޑުއުފުލާ ޕޯސްޓަރުތައް ހިފައިގެންނެވެ.

އެ މުޒާހަރާގެ ބައިވެރިންނާ އެމްއެމްސީގެ ރައީސް ޝަހުބާން ފަހުމީއާއި ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ވަނީ ބައްދަލުކުރައްވައިފަ އެވެ. އަދި އެބޭފުޅުން ވަނީ ނޫސްވެރިންގެ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ޗެނަލް-13ގެ ނޫސްވެރިންނަށް އަނިޔާ ކުރުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުންވެސް އިއްޔެ ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އެ މައްސަލަ ބަލައިދިނުމަށްވެސް އެ ޖަމިއްޔާއިން ގޮވާލައިފަ އެވެ.

comment ކޮމެންޓް