ރަށްރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން 500 މިލިއަން ރުފިޔާގެ ލޯނު ދެނީ

މި ސަރުކާރުން ކުރާނެ މަސައްކަތްތަކާއި، ރައީސް ކުރަން ބޭނުންވާ ލަނޑުދަނޑުތައް ކަނޑައަޅައި އެކުލަވާލި ސްޓްރެޓަޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އަތޮޅުތެރޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން 500 މިލިޔަން ރުފިޔާގެ ލުއި ލޯނު ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ބައެއް ކެންޑިޑޭޓުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ އަތޮޅުތެރެއަށް ރާވާފައިވާ ހައުސިން މަޝްރޫއުތަކާ ގުޅޭ ގޮތުން ވާހަކަދައްކަވައިފަ އެވެ.

ރަށްރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދޭން ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ލުއި ލޯނުގެ ގޮތުގައި މި އަހަރުގެ ތެރޭގައި 500 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކަން ވެގެންދާނީ ރަށްތަކުގައި ބޯހިޔާވަހިކަން ބޭނުންވި ނަމަވެސް މަސައްކަތް ނުފެށި ތިބި ރައްޔިތުންނަށް ދެވޭނެ ވަރަށް ބޮޑު އެހީއަކަށް ކަމަށެވެ. ނަމަވެސް އެ ލުއި ލޯނުގެ އިންޓަރެސްޓަކީ ކޮބައި ކަމެއް އަދި އަނބުރާ ދައްކަން ޖެހޭނެ މުއްދަތެއް ރައީސް ވިދާޅެއް ނުވެ އެވެ.

މީގެ ކުރިން ރައީސް ވަނީ އަތޮޅުތެރޭގެ ރަށްތަކުގައި ހަދާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ވެސް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ޅ. ނައިފަރާއި ބ. ތުޅާދޫ އަދި ތ. ތިމަރަފުށީގައި 300 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ރަށްރަށުގައި ހުރި އަމިއްލަ ގޯތިތަކުގައި ހައުސިން ޔުނިޓް އިމާރާތްކުރުމަށް އެދޭ ފަރާތްތަަކުން ޝައުގުވެރިކަން ފާޅުކުރުމަށް ބައެއް ކައުންސިލްތަކުން 2019 ވަނަ އަހަރު ހުޅުވާލި އެވެ. އަދި އެކަމަށް އެދި ގިނަ ބަޔަކު ކުރިމަތި ވެސް ލި އެވެ.

ނަމަވެސް މިދިޔަ ހަފްތާގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ރަށްރަށުގައި ހައުސިން ޔުނިޓް ނުވަތަ ގެދޮރުއެޅުމަށް ހުޅުވާލީ، އެކަމަށް ޑިމާންޑް އޮތްވަރު ބެލުމަށް ކަމަށާއި ގެދޮރު އަޅައިދޭނެ ކަމަށް ސަރުކާރުން ބުނެފައި ނުވާނެ ކަމަށެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި 25 ރަށަކުން 99 އަހަރަށް ބިން ކުއްޔަށްދިނުމަށްޓަކައި އެކަން މަޖިލީހުގެ ކޮމިޓީއަކަށް ހުށަހަޅުއްވާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މަޖިލީހަށް ހުށަހެޅި ހުށަހަޅުމުގައި، އެ ރަށްރަށުން ބިން ކުއްޔަށް ދޭން ކަނޑައަޅާފައިވާ ބޭސް ވެެލިއު އިން ބަލާއިރު، ކުއްޔަށްް ދެވެން ހުރި ބިންތަކުން 1.3 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް އަަންދާޒާ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް