ރާއްޖޭގެ ޓެލިކިލާސް އަށް ސަރަހައްދީ އެވޯޑެއް

އިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދިޔަ "ޓެލިކިލާސް" އަށް އޭޝިއާ ޕެސިފިކް ސަރަހައްދުގެ "ވެންހުއި އެވޯޑް ފޯ އެޑިޔުކޭޝަނަލް އިނޮވޭޝަން 2020" ލިބިއްޖެ އެވެ.

ވެންހުއި އެވޯޑަކީ ޔުނެސްކޯ އޭޝިއާ ޕެސިފިކް ޕްރޮގްރާމް އޮފް އެޑިޔުކޭޝަނަލް އިނޮވޭޝަން ފޯ ޑިވެލޮޕްމެންޓާއި، ނޭޝަނަލް ކޮމިޝަން އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ފޯ ޔުނެސްކޯ ގުޅިގެން 2010 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދެމުން އަންނަ އެވޯޑެކެވެ.

މިއީ ރާއްޖެއަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ. އެވޯޑާއެކު، އިނާމެއްގެ ގޮތުގައި 20،000 ޑޮލަރު އިނާމެއްގެ ގޮތުގައި ލިބެ އެވެ.

ވެންހުއި އެވޯޑްގެ މަގުސަދަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި ތައުލީމީ ދާއިރާ ކުރިއެރުވުމަށް އީޖާދީގޮތެއްގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރާ މީހުންނާއި އިދާރާތަކުގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް ހިތްވަރު ދިނުމެވެ.

ކޮވިޑް19 ފުރަބަންދާއެކު ސުކޫލްތައް ބަންދު ކުރަންޖެހުމުން، ދަރިވަރުންގެ އުނގެނުން ހުއްޓާނުލައި ކުރިއަށް ގެންދިއުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ޓެލިކިލާސް ފެށީ މިދިޔަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހު އެވެ.

އެ ޕްރޮގްރާމް ގެނެސްދީފައި ވަނީ ޕީއެސްއެމްގެ މުންނާރު ޗެނަލާއި، ޔެސްޓީވީ އާއި ދިވެހި ޗެނަލްއިން މެދުވެރިކޮށެވެ.

މިނިސްޓްރީން ބުނީ ޓެލެކިލާސް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުނީ ސްކޫލްތަކުގެ މެނޭޖްމެންޓާއި ޓީޗަރުންގެ އުފެއްދުންތެރިކަމާއި، އިޖާދީ ވިސްނުމާއި ބުރަ މަސައްކަތުން ކަމަށެވެ. އަދި ދަރިވަރުންނާ ހަމައަށް ފިލާވަޅުތަށް ފޯރުކޮށްދިނުމުގައި ބެލެނިވެރިން އަދާ ކުރި ދައުރަށް ވެސް މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

comment ކޮމެންޓް