ވެކްސިންގެ ކާމިޔާބީއާ ގުޅިގެން އިސްރާއީލުން ފުރަބަންދުގެ ފިޔަވަޅުތައް ލުއިކޮށްފި

އިސްރާއީލުން ވަނީ އެގައުމުގެ އާބާދީގެ 33 ޕަސެންޓު މީހުންނަށް ވެކްސިންގެ ދެ ޑޯޒް ޖަހާފަ -- ފޮޓޯ: އޭޕީ

ގުދުސް (ފެބްރުއަރީ 21): އިސްރާއީލުގެ ކޮވިޑް-19 ވެކްސިން ޕްރޮގްރާމްގެ ކާމިޔާބީއާ ގުޅިގެން އެގައުމުން ފުރަބަންދުގެ ފިޔަވަޅުތައް ލުރި ކުރަން ފަށައިފި އެވެ.

ދުނިޔޭގައި އެންމެ ހަލުވި ކަމާ އެކު ކޮވިޑް ވެކްސިން ޖަހަމުންދާ ގައުމު ކަމަށްވާ އިސްރާއީލުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެގައުމުން މިހާރު ފުރަބަންދުގެ ފިޔަވަޅުތައް ލުއި ކުރަމުން ދަނީ "އާއްމު ދިރިއުޅުމަށް ރުޖޫއަ ވުމުގެ ފުރަތަމަ ސްޓޭޖުގެ ގޮތުގައި" އެވެ.

އިސްރާއީލުގައި ކޮވިޑްގެ ކޭސްތައް އިތުރުވުމުން އެގައުމު ތިން ވަނަ ފަހަރަށް ފުރަބަންދު ކުރީ ޑިސެމްބަރު 27ގަ އެވެ. އަދި މިއަދުން ފެށިގެން ލުއި ކުރާ ފިޔަވަޅުތަކުގެ ދަށުން ފިހާރަތަކާއި ލައިބްރަރީތަކާއި ދާރުލްއާސާރުތައް ހުޅުވޭނެ އެވެ.

މީގެ އިތުރުން ޖިމާއި ހޮޓަލާއި ސިނަމާ ފަދަ ތަންތަން ހުޅުވާލި ނަމަވެސް އެ ތަންތަނަށް ވަދެވޭނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ މީހުންނަށާއި ކޮވިޑުން ރަނގަޅުވުމަށް ފަހު އަދި ވެކްސިން ޖަހަން ޝަރުތު ހަމަ ނުވާ މީހުންނަށެވެ. އަދި އިސްރާއީލުން ވަނީ އެމީހުންނަށް ވެކްސިން ޖަހާފައިވާކަން ސާބިތުކޮށްދޭނެ އެޕެއް ތައްޔާރުކޮށްފަ އެވެ.

އެ ފިޔަވަޅުތައް ލުރި ކުރި ނަމަވެސް އިސްރާއީލުގައި މާސްކު އަޅާ، ގައި ދުރުކަން ބަހައްޓަން ޖެހޭނެ އެވެ. އަދި އެގައުމުގެ އެއާޕޯޓާއި ބޯޑަރުތައް އޮންނާނީ އަންނަ މަހުގެ ހަޔެކާ ހަމަޔަށް ބަންދުކޮށްފަ އެވެ.

އިސްރާއީލުގެ އާބާދީގެ 49 ޕަސެންޓަށް ވުރެ ގިނަ މީހުންނަށް މިހާރު ކޮވިޑް ވެކްސިން ޖަހާފައިވާ އިރު އޭގެ ތެރެއިން 33 ޕަސެންޓު މީހުންނަށް ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހައިފަ އެވެ.

އިސްރާއީލުގެ ހެލްތު މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި ކޮރޯނާވައިރަހުގެ ސަބަބުން ބަލިވުމުގެ ފުރުސަތު ފައިޒާ ވެކްސިން ޖެހުމުން 95.8 ޕަސެންޓު ދަށްވާ ކަމަށް އެގައުމުގައި ހެދި ދިރާސާއަކުން ވަނީ ދައްކާފަ އެވެ. އަދި ހުން އައުމާއި ނޭވާލުމުގެ މައްސަލަތައް ޖެހުން ހުއްޓުވުމުގައި ވެކްސިން 98 ޕަސެންޓު ކާމިޔާބު ކަމަށްވެސް އެ ދިރާސާއިން ދޭހަވި އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭ އެގައުމުގެ 50 އަހަރުން މަތީގެ 95 ޕަސެންޓު މީހުންނަށް ވެކްސިން ޖަހައި ނިމޭނެ ކަމަށް ލަފާ ކުރައްވާފަ އެވެ. އަދި އެގައުމުގައި މަސައްކަތް ކުރާ ފަލަސްތީނުގެ 100،000 މީހުންނަށް ވެކްސިން ޖަހައި ދިނުމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ އެކު އެއްބަސްވުމެއް ހަދާފަ އެވެ.

މީގެ އިތުރުން އިސްރާއީލުން ހިސާރުކޮށްފައިވާ ޣައްޒާއަށް ވެކްސިން ވެއްދުމަށް އެގައުމުން ފުރަތަމަ ހުރަސް އެޅުމުން، އެގައުމަށް ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށް މިދިޔަ ހަފްތާ ތެރޭ ޣައްޒާއަށް ވެކްސިންގެ ޝިޕްމެންޓު ވައްދަން ވަނީ ފުރުސަތު ދީފަ އެވެ. އެގޮތުން ޣައްޒާއަށް ގެންދަނީ ރަޝިއާގެ ސްޕަޓްނިކް ފަހެއް ވެކްސިންގެ 2،000 ޑޯޒް އެވެ.

ފަލަސްތީނުގެ ސަރުކާރުން ދަނީ ކޮވިޑް ވެކްސިން އުފައްދާ ކުންފުނިތަކާ އެއްކޮށް އެއްބަސްވުންތައް ހަދައިގެންނާއި ޑަބްލިޔުއެޗްއޯގެ ކޮވެކްސް ޕްރޮގްރާމް މެދުވެރިކޮށް ވެކްސިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެ ސަރުކާރުން ވަނީ ފަލަސްތީނުގެ 70 ޕަސެންޓު މީހުންނަށްވާ ވަރަށް އަންނަ މަހުގެ މެދުތެރޭގައި ވެކްސިންގެ ޑޯޒްތައް ލިބޭނެ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް