އެމެރިކާއިން ލަސްތަކެއްނުވެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެކަމުގެ ޔަގީންކަން އެބައޮތް: އީރާން

ތެހެރާން (ފެބްރުއަރީ 21) : އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އަމިއްލައަށް ވަކިވެ އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އެމެރިކާގެ މިހާރުގެ ސަރުކާރުން ލަސްތަކެއްނުވެ އުވާލާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އީރާނުން ބުނެފި އެވެ.

އީރާން ސަރުކާރުގެ ތަރުޖަމާން އަލީ އައްރުބައިޢީ ވިދާޅުވިގޮތުގައި ޓްރަމްޕް އީރާނާ ދެކޮޅަށް އެޅުއްވި ދަތިކުރުމުގެ ފިޔަވަޅުތައް ޖޯބައިޑެންގެ ސަރުކާރުން އުވާލަން ތައްޔާރުވާ ކަމުގެ ނުރަސްމީ މައުލޫމާތު އެތައް މަސްދަރަކުން އީރާނަށް ލިބެމުންދާކަމުގައެވެ. އެހެންކަމުން ލަސްތަކެއްނުވެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވެ އެމެރިކާ އަލުން އެނބުރި ނިއުކްލިޔާ އެއްބަސްވުމަށް ރުޖޫޢަވާނެކަން ގާތްގަނޑަކަށް ޔަގީންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހަފްތާގައި އެމެރިކާވަނީ އީރާނުގެ ނިއުކްލިޔާ މައްސަލާގައި އީރާނަށް އީޖާބީ މެސެޖެއް ދިނުމަށް ދެ ފިޔަވަޅެއް އަޅާފައެވެ. އެއީ ނިއުކްލިޔާ އެއްބަސްވުމާ ޚިލާފަށް އީރާނުން އަމަލުކުރާކަމަށްބުނެ އީރާނާ ދެކޮޅަށް އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލައި ޓްރަމްޕްގެ ސަރުކާރުން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ހުށަހެޅުން އަނބުރައި ގެންދިޔުމާއި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އަލުން އަމަލުކުރަން ފެށުމާބެހޭގޮތުން އީރާން ހިމެނޭގޮތަށް ޔޫރަޕްގެ އިއްތިޙާދާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ބާއްވާ މަޝްވަރާތަކެއްގައި ބައިވެރިވުމަށް އެމެރިކާ ނިންމި ނިންމުމެވެ. އީރާންވެސްވަނީ މި ބައްދަލުވުމުގައި ބައިވެރިވުމަށް ނިންމާފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން އެނބުރި ރުޖޫއަވާން ތައްޔާރަށް އޮތްކަމާއި އެ އެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރަން އީރާން ފަށައިފިނަމަ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން އުވާލާނެ ކަމަށް އެތަށްފަހަރަކު ވިދާޅުވެފައެވެ. އީރާނުންވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ ނިއުކްލިޔާ އެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރާނެކަން އެތަށްފަހަރަކު ހާމަކޮށްފައެވެ. ނަމަވެސް ފުރަތަމަ ފިޔަވަޅު އަޅަންޖެހޭނީ އީރާނުންކަމަށް އެމެރިކާ ބުނަމުން ގެންދެއެވެ.

އީރާނުގެ ތަރުޖަމާން ވިދާޅުވިގޮތުގައި ނިއުކްލިޔާ އެއްބަސްވުމުގެ މައްސަލަގައި އެމެރިކާ ސަރުކާރުގެ ފަރާތުން އަދި ފެންނަނީ އީޖާބީ ކަންތައްތަކެވެ. ބައެއްފަހަރު އީރާނަށް އަމާޒުކޮށް އެމެރިކާގެ ޑިޕްލޮމެޓިކް ބަސްމަގު ކޮންމެވެސް ވަރަކަށް ހަރުކަށިކޮށް ހުރިނަމަވެސް އެއްބަސްވުމަށް އެނބުރި ރުޖޫއަވުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގައި އެމެރިކާގެ ނިޔަތް ރަނގަނޅުކަން ހާމަވަމުންދާކަން އޭނާވަނީ ފާހަގަ ކުރައްވާފައެވެ.

މުހައްލިލުން ވިދާޅުވާ ގޮތުގައި އެމެރިކާއާއި އީރާން ދަނީ ވާހަކަތައް ފެށުމަށް މަގުފަހިކުރުމުގެ ގޮތުން ޑިޕްލޮމެޓިކް ގޭމެއް ކުޅެމުންނެވެ. މި ގޭމަށްފަހު އެދެގައުމުން ސީދާ ގޮތެއްގައި ލަސްތަކެއްނުވެ ވާހަކަތައް ފަށާނެއެވެ.

އީރާނުގެ ނިއުކްލިޔާ މައްސަލަ ހޫނުކުރުމަށާއި އީރާން ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައި ބޭއްވުމަށް އެމެރިކާއަށް ފިއްތުންތައް ކުރިމަތި ކުރަނީ އެންމެ ދެގައުމަކުންނެވެ. އެއީ އީރާނުގެ ދެ ދުޝްމަނުންކަމަށްވާ އިސްރާއީލާއި ސައޫދީ އަރަބިޔާ އެވެ. ނަމަވެސް އެމެރިކާގެ ޔޫރަޕްގެ ބައިވެރިން ގެންދަނީ އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކޮށް ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާން ސަލާމަތް ކުރުމަށް އެމެރިކާއަށް ބާރުއަޅަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު