ރާއްޖޭގެ ތަރައްގީ ގުޅިފައިވަނީ އިންޑިއާގެ ކުރިއެރުމާ: މަޖިލިސް ރައީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު --- ސަން ފޮޓޯ/ފަޔާޒު މޫސާ

ރާއްޖޭގެ ތަރައްގީ ގުޅިފައިވަނީ އިންޑިއާގެ ކުރިއެރުމާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ސުބްރަމަންޔަން ޖައިޝަންކަރު ރާއްޖެ ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާ ގުޅިގެން މިއަދު އެކުވެނި ސިންތެޓިކް ޓްރެކުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އިންޑިއާއަކީ މިއަދު ދުނިޔޭގައި އެންމެ ބާރަށް ތަރައްގީވަމުން އަންނަ އެއް ގައުމު ކަމަށެވެ.

ހަމައެއާއެކު ރާއްޖެއަށް ދިމާވި ކޮންމެ ކަމެއްގައިވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނީ އިންޑިއާއިން ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.

"މިއީ ރާއްޖެއަށް ދިމާވި ކޮންމެ ކަމެއްގައި، އެއީ ބަޣާވަތަކަށް ވިޔަސް، ފެން ނެތިގެން އުޅެން ޖެހުނަސް، ބޮޑު ރާޅެއް އެރިކަމުގައި ވިޔަސް، އަދި ބަލިމަޑުކަމަކަށް ވެކްސިން ޖަހަން ކަމުގައި ވީނަމަވެސް އެންމެ ފުރަތަމަ އަޅުގަނޑުމެން ގާތަށް އަބަދުވެސް އައިސްފައިވަނީ އިންޑިއާ. އެހެންވީމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަރަށް ސާފު ސީދާކޮށް މި ބުނަނީ އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތަކީ އިންޑިއާ ފުރަތަމައޭ. އެއަށްފަހުއޭ އެހެން ކަންކަމާ ވިސްނުން ބުއްދިވެރީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިން ވިސްނަންވާނީ ދިވެހިންނަށް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ. އަދި ރާއްޖޭގެ ކުރިއެރުން ގުޅިފައިވަނީ އިންޑިއާގެ ކުރިއެރުމާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ދިވެހިން އަބަދުވެސް ވިސްނަން ޖެހޭނީ ދިވެހިންގެ ރަނގަޅަށް. ރާއްޖޭގެ ކުރިއެރުން، ރާއްޖޭގެ ސަލާމަތް ރާއްޖޭގެ ތަރައްގީ ގުޅިފައި އޮތީ އިންޑިއާގެ ކުރިއެރުމާއި އިންޑިއާ ކަނޑުގެ ހަމަޖެހުމާ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފަ އެވެ.

comment ކޮމެންޓް