ވެކްސިން ޖެހުމަށްފަހު ނިޔާވި ގައްދޫ މީހާގެ އަނބި މީހާ ވެސް ނިޔާވެއްޖެ

ގދ. ގައްދޫ --- ސަން ފޮޓޯ/ މުހައްމަދު ޝަފީއު

ގދ. ގައްދޫގައި ވެކްސިން ޖެހިފަހުން ހާލު ސީރިއަސްވެގެން އިއްޔެ ނިޔާވި 93 އަހަރުގެ ފިރިހެން މީހާގެ އަންހެނުން ވެސް ވެކްސިން ޖަހާފައި ވަނިކޮށް ނިޔާވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ އެ އަންހެން މީހާ މަރުވެފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށެވެ.

"ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ގދ. ގައްދުއަށް ނިސްބަތްވާ 93 އަހަރުގެ ފިރިހެނެއް އިއްޔެގެ ވަގުތެއްގައި ނިޔާވެފައިވޭ. އަޅުގަނޑުމެންނަށް ރިޕޯޓު ލިބިފައިވޭ އުމުރުން 81 އަހަރުގެ އޭނާގެ އަނބިމީހާ މިރޭގެ ވަގުތެއްގައި ވަނީ ނިޔާވެފައި. މި ދެ ކޭސްއާ އެއްކޮށް އިންވެސްޓިގޭޝަން ކުރިއަށްދާކަން ފާހަގަކުރަން،" އަހްމަދު ނާސިރު ވިދާޅުވި އެވެ.

އަހްމަދު ނާސިރު ވިދާޅުވީ އެ ދެ މީހުންނަށް ވެސް ވެކްސިން ޖަހާފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

އެ އަންހެން މީހާ އަކީ ވެސް ގިނަ ދުވަސްތަކެއް ވަންދެން ބަލި އެނދުގައި އޮތް މީހެކެވެ.

އެ ދެމީހުންގެ ތެރެއިން ފިރިހެން މީހާއަކީ ގިނަ އަދަދެއްގެ ބަލިތަކެއް ތަހައްމަލު ކުރަމުން ދިޔަ މީހެކެވެ. އަދި އޭނާއަށް ހިނގާބިނގާވެ ނޫޅެވޭތާ 10 އަހަރު ވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

މި މަހުގެ 17 ވަނަ ދުވަހު ވެކްސިން ޖެހުމަށްފަހު އޭނާގެ ހާލު ގޯސްވެގެން ތިނަދޫ އަބްދުއްސަމަދު ހޮސްޕިޓަލަށް ގެންދިޔައީ ޖެހިގެން އައި 18ވަނަ ދުވަހުގެ ރޭގަ އެވެ.

މިހާތަނަށް ރާއްޖޭގައި 70،009 މީހަކު ކޮވިޑް ވެކްސިން ޖަހާފައި ވާއިރު، ސީރިއަސް ސައިޑް އިފެކްޓެއް ރިޕޯޓުކޮށްފައިވާކަމަށް އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ހުން އައުމާއި ވެކްސިން ޖެހި ތަން ދުޅަވުން ފަދަ ސައިޑްއިފެކްޓުތައް ވަނީ ރިޕޯޓުކޮށްފަ އެވެ.

comment ކޮމެންޓް