ކޮވިޑް19 ފެތުރެމުންދާތީ މޮނީޓަރިން ހާލަތުގައި އޮތް ފުވައްމުލަކު ސިޓީގައި ޖަމާއަތުގައި ނަމާދުކުރުން އިތުރު ހަތް ދުވަހަށް މަނާކޮށްފި އެވެ.
ފުވައްމުލަކުގައި މިފަހުން މިސްކިތުގެ ޖަމާއަތުގައި ނަމާދުކުރުން މަނާކުރީ މި މަހުގެ 11ވަނަ ދުވަހުގަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ފުވައްމުލަކުގެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެހެންކަމުން މިއަދުން ފެށިގެން މި މަހު 26ވާ ހުކުރު ދުވަހުގެ އިޝާ ނަމާދުގެ ނިޔަލަށް ފުވައްމުލަކުގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް ނުހެދުމަށް އެ މިނިސްޓްރީން ވަނީ އަންގާފަ އެވެ.
މިނިސްޓްރީން ވަނީ މި މުއްދަތުގައި މިސްކިތްތަކުގައި ހަމައެކަނި ބަންގި ގޮވުމަށާއި ބަންގީގެ ފަހުގައި "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިގޮތަށް ދެފަހަރު ގޮވުމަށް އިމާމުންނަށް އަންގާފަ އެވެ.
މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރިނަމަވެސް، ފަރުޟު ނަމާދު ބަރާބަރަށް އަދާކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކޮށް އަދި އިސްތިޣުފާރު ކުރުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފަ އެވެ.