ސިދާތުގެ "ޝޭރްޝާހް" ޖުލައި މަހު ތިއޭޓާތަކަށް

ޝޭރްޝާހް ގެ މަންޒަރެއް---

ބޮލީވުޑްގެ އެކްޓަރު ސިދާތް މަލްހަތްރާ ލީޑު ރޯލުން ފެނިގެންދާ ވަރުގަދަ ފިލްމު "ޝޭރްޝާހް" ރިލީޒްކުރާ ދުވަސް ހާމަކޮށްފިއެވެ.

ސިދާތު އާ އޭނާގެ ލޯބިވެރިޔާ ކިއާރާ އަދުވާނީ ލީޑު ރޯލުން ފެނިގެންދާ މި ފިލްމު ތިއޭޓާތަކުގައި ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ. ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކުރާ މި ފިލްމަކީ ވިޝްނޫވަރުދާން ޑައިރެކްޓްކުރާ ފިލްމެކެވެ.

މި ފިލްމަކީ ސިދާތު އާމީ އޮފިސަރެއްގެ ރޯލުން ފެނިގެންދާނެ ފިލްމެކެވެ. އިންޑިއާގެ އަސްކަރީ އޮފިސަރެއް ކަމަށްވާ ވިކްރަމް ބަޓްރާގެ ބައޮގްރަފިކަލް ޑްރާމާގައި ސިދާތު ޑަބަލް ރޯލު ކުޅޭނެއެވެ. އެއީ ވިކްރަމްގެ ރޯލާއި އޭނާގެ އެއްމާބަނޑު ވިޝާލްގެ ރޯލެވެ.

ޝޭރްޝާހް ވެގެންދާނީ ކިއާރާ އާއި ސިދާތު ސްކްރީނުން އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމަށެވެ. އެހެންކަމުން ދެތަރިންގެ ފޭނުން ތިބީ އެދެމީހުންގެ ކެމިސްޓްރީ ބަލާލަން ކެތްމަދުވެފަ އެވެ. މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. ނަމަވެސް އޭރު ކޮވިޑްގެ ސަބަބުން ސިނަމާތަށް ބަންދުކޮށްފައި އޮތުމުން ފިލްމު އެޅުުވޭނެ ގޮތް ނުވީއެވެ.

އެކްޓަރު ސިދާތު ބޮލީވުޑަށް ތައާރަފްވީ 2012 ވަނަ އަހަރު ނުކުތް ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔާ" އިންނެވެ. އެ ފިލްމަކީ އާލިއާ ބަޓް އާއި ވަރުން ދަވަން ވެސް ބޮލީވުޑަށް ތައާރަފްވި ފިލްމެވެ.

comment ކޮމެންޓް