ދުބާއީ (ފެބްރުއަރީ 20): ދެހާސްއަށާރަ ވަނަ އަހަރު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އިން ފިއްލަވަން މަސައްކަތް ކުރެއްވި ދުބާއީގެ އަމީރާ ލަތީފާ ހުންނެވީ ގޭގައި، އާއިލާގެ ބެލުމުގެ ދަށުގައި ކަމަށް ދުބާއީގެ ޝާހީ އާއިލާއިން ބުނެފި އެވެ.
އިނގިރޭސިވިލާތުގައި ހުންނަ ޔޫއޭއީގެ އެމްބަސީ މެދުވެރިކޮށް ދުބާއީގެ ޝާހީ އާއިލާއިން ނެރުނު ބަޔާނެއްގައި ވަނީ ލަތީފާގެ ހާލުކޮޅާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅު ކުރި މީހުންނަށް ޝުކުރު އަދާކޮށްފަ އެވެ. ނަމަވެސް މީޑިއާތަކުން އެކަމަނާގެ ވާހަކަ ގެނެސްފައި ވަނީ ހަގީގަތާ އެއްގޮތަށް ނޫން ކަމަށް ވަނީ ބުނެފަ އެވެ.
"އަމީރާ ލަތީފާއަށް އާއިލާ އަދި ސިއްހީ ފަރާތްތަކުގެ އެހީ އާއި އަޅާލުން ލިބެމުންދާ ކަމަށް އެކަމަނާގެ އާއިލާއިން ވަނީ ބުނެފަ،" ޝާހީ އާއިލާގެ ބަޔާނުގައިވެ އެވެ.
ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން ރަޝީދު އަލް މަޚްތޫމްގެ ދަރިކަނބަލުން ލަތީފާ އެގައުމުން ފިއްލަވަން މަސައްކަތް ކުރެއްވީ ފެބްރުއަރީ 2018އިގަ އެވެ. ނަމަވެސް ޖެހިގެން އައި މަހު އޭނާ އިންޑިއާ ކަނޑުން ދަތުރު ކުރަމުން ދިޔަ ބޯޓެއްގައި ހުންނަވަނިކޮށް، ޔޫއޭއީގެ ސިފައިން ގޮސް އޭނާ ހައްޔަރުކޮށްގެން އަނބުރާ ގައުމަށް ގެންދިޔަ އެވެ.
ޔޫއޭއީއިން ފިއްލަވަން ލަތީފާ ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުން، ގާނޫނީ އެހީ ފޯރުކޮށްދޭ ޖަމްއިއްޔާއެއް ކަމަށްވާ 'ޑީޓެއިންޑް އިން ދުބާއީ' އިން އޭނާ ފިއްލެވުމުގެ ކުރިން ރިކޯޑު ކުރި ވީޑިއޯއެއް އާއްމު ކުރި އެވެ. އެވީޑިއޯގައި ލަތީފާ ވަނީ މީގެ ކުރިން ޝެއިހް މަޚްތޫމް އޭނާ އާއި އޭނާގެ ދައްތަ ޖަލަށް ލައި، އަނިޔާކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން މިދިޔަ ހަފްތާގައި ބީބީސީން ވަނީ ލަތީފާ ޔޫއޭއީއަށް އަނބުރާ ގެންދިޔަ ފަހުން އޭނާ ރެކޯޑު ކުރެއްވި ވީޑިއޯތަކެއް އާއްމުކޮށްފަ އެވެ. އެ ވީޑިއޯތަކުގައި ލަތީފާ ވިދާޅުވި ގޮތުގައި އޭނާ ހުންނެވީ ވިލާއެއްގައި ބަންދުކޮށް، ރަހީނެއްގެ ގޮތުގަ އެވެ. އަދި އޭނާއަށް ދެން ވާނެ ގޮތަކާއި ސަލާމަތް ވެވޭނެ ކަމެއް ނޭނގޭ ކަމަށް ވިދާޅުވެފަ އެވެ.
އެ ވީޑިއޯތަކާ ގުޅިގެން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން ވަނީ ލަތީފާ ދިރި ހުންނެވިކަން ސާބިތުކޮށްދޭން ޔޫއޭއީގައި އެދިފަ އެވެ.