ރާއްޖޭގައި ލިޔެކިޔުން ނެތި ދިރިއުޅޭ ބިދޭސީން ކޮވިޑް-19 ވެކްސިން ޖެހުމަށް ރެޑް ކްރެސެންޓުގައި ރަޖިސްޓްރީވާން ހުޅުވާލައިފި އެވެ.
ވޯކް ޕާމިޓާއި އެެހެނިހެން ލިޔެކިޔުން ނެތް ބިދޭސީންނަށް ވެކްސިން ޖެހޭނީ ރެޑް ކްރެސެންޓްގެ ބެނެފިޝަރީ ސިސްޓަމްގައި ރެޖިސްޓާވެގެންނެވެ.
މިއަދު ރެޑްކްރެސެންޓުން ވަނީ އެފަދަ ބިދޭސީން ރަޖިސްޓްރީވުމަށް ގޮވާލައި އެކަމަށް އިއުލާނުކޮށްފަ އެވެ. ރެޑް ކްރެސެންޓުން އެކަމަށް ގޮވާލައި ބަންގްލަދޭޝް ބަހުންނާއި ހިންދީ ބަހުންނާއި ތަމަޅަ ބަހުން ވަނީ ބަޔާން އާންމުކޮށްފަ އެވެ.
އެ ޖަމިއްޔާއިން ބުނެފައިވާ ގޮތުން އެފަދަ ބިދޭސީން ރެޖިސްޓާވާން ޖެހޭނީ ރެޑް ކްރެސެންޓްގެ މާލޭ ގޮފީގެ މައިގްރަންޓް ސަޕޯޓު ސެންޓަރުގެ ނަމްބަރު 3307665 އަށް ގުޅައިގެންނެވެ. ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހަކު ހެނދުނު 10:00އިން ހަވީރު 5:00އަށް އެތަނުން ހިދުމަތް ފޯރުކޮށްދޭނެ އެވެ.
ލިޔެކިޔުން ނެތި އުޅޭ ބިދޭސީންނަށް ވެކްސިން ޖަހަން ތައްޔާރުވަމުންދާއިރު، ރެޑް ކްރެސެންޓުން ވަނީ މީގެ ކުރިން އެކަމަށް ދަރުމަވެރިން ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.
ލިޔެކިޔުންތަކާ އެކު، ގަވާއިދާ އެއްގޮތަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އެޗްޕީއޭގެ ވެކްސިނޭޝަން ޕޯޓަލްގައި ރަޖިސްޓާވެގެން ވެކްސިން ޖެހޭނެ އެވެ.