އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެ ވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރަށް މަރުހަބާ ދަންނަވަނީ -- ފޮޓޯ/ ފޮރިން މިނިސްޓްރީ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ޖައިޝަންކަރަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފޮރިން މިނިސްޓްރީގެ އެހެން އިސް ބޭފުޅުންނެވެ.

ޖައިޝަންކަރުގެ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ އެވެ. އަދި ފޮރިން މިނިސްޓަރު ޝާހިދު އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާވެސް ބައްދަލު ކުރައްވަން ހަމަޖެހިފައިވެ އެވެ.

އޭގެ އިތުރުން، ފިނޭންސް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރު އަދި ޕްލޭނިން މިނިސްޓަރާއެކު ޖޮއިންޓް ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވެ އެވެ.

އޭގެ އިތުރުން، އޭނާގެ ދަތުރުފުޅުގައި އިންޑިއާއާއި ރާއްޖެއާއި ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމަށާއި އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގުނު މުހިންމު މަޝްރޫއުތަކެއް އިފްތިތާހު ކުރަން ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފޮރިން މިނިސްޓަރު ޝާހިދުގެ ދައުވަތަކަށް ޖައިޝަންކަރު ރާއްޖެ ވަޑައިގެންފައިވާއިރު، މިއީ އޭނާ ރާއްޖެ ވަޑައިގެންނެވި ދެވަނަ ފަހަރެވެ. އޭނާ އެންމެ ފުރަތަމަ ރާއްޖެ ވަޑައިގަތީ 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުނު 5 ވަނަ އިންޑިއަން އޯޝަން ކޮންފެރެންސް ގައި ބައިވެރިވެވަޑައިގަތުމަށެވެ.

ޖައިޝަންކަރު އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ 2019 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

comment ކޮމެންޓް