ލަގެޖުގައި ބޮމެއް އޮތީތޯ ސަމާސާއަކަށް އެހި ދިވެއްސަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މީހެއްގެ ލަގޭޖު ފާސް ކުރަމުން ދިޔަ ވަގުތު ބޮމެއް އޮތީތޯ ސަމާސާއަކަށް ސުވާލު ކުރި މީހަކު ހައްޔަަރުކޮށްފި އެވެ.

އިއްޔެ ހަވީރު ހިނގި އެ ހާދިސާގައި އެ މީހާ ހައްޔަރު ކުރީ ސެކިއުރިޓީ ކޮމާންޑުން އޭނާގެ ފޮށި ބެލުމުގެ ތެރޭގައި އަޑެއް ގޮވުމުން، ފޮށި ތެރެ އިތުރަށް ބަލައި، އޭނާ ކަސްރަތު ކުރަން ގެންގުޅޭ ދަގަނޑު ޑަމްބެލް ނެގުމުން، "އަނެއްކާ ބޮމެއް އޮތީހޭ" އެ މީހާ ސުވާލު ކުރުމުންނެވެ.

އެ މީހާ އެއާޕޯޓުގައި ގިނަ އިރުތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު އެންމެ ފަހުން މާލޭ ކަސްޓޯޑިއަލްއަށް ބަދަލު ކުރީ އެވެ.

ހައްޔަރު ކުރި މީހާގެ ވަކީލު އަބްދުﷲ ހަސީން "ސަން"އަށް ވިދާޅުވީ އޭނާގެ މުވައްކިލު އެއާޕޯޓުގައި އެހެން ސުވާލު ކުރީ ސަމާސާއަކަށް ކަމަށެވެ. އެއީ އެއްވެސް ހާލެއްގައި ޓެރަރިޒަމްގެ އިންޒާރެއް ދިނުމުގެ ގޮތުން ބުނި އެއްޗެއް ނޫން ކަމަށް ހަސީން ވިދާޅުވި އެވެ.

ހަސީން ވިދާޅުވީ ގިނަ އިރުތަކެއް ވަދެން އެ މީހާ ބަންދުގައި ބަހައްޓައި، އޭނާއަށް ވަކީލަކަށް ގުޅަން ފޯނު ކޯލެއް ދިނީވެސް ރޭގަނޑު 8:00ގައި ކަމަށެވެ.

ހަސީން ވިދާޅުވި ގޮތުގައި އެ މީހާ އަކީ ހީމޮފީލިއާ، ހިތުގެ ބަލި، ލޭ މައްޗަށް ދިޔުން އަދި ޑިޕްރެޝަން ހުންނަ، ވަރަށް ބޮޑަށް ބަލި މީހެކެވެ. އޭނާގެ ބަލި ހާލަތު ބަޔާންކޮށް، އޭނާއާ ބައްދަލުކުރަން އާދޭސްކުރުމުންވެސް ހުކުރު އަދި ހޮނިހިރު ދުވަހު ބައްދަލުނުކުރެވޭނެ ކަމަށް ބުނެ، ފުލުހުން އެކަން ހަމަޖައްސައިދީފައި ނުވާ ކަމަށް ހަސީން ބުނެފައިވެ އެވެ.

އޭނާގެ މުވައްކިލާ މެދު އަމަލު ކުރަމުން ދަނީ އިންސާނިއްޔަތު ކަމާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި ހަސީން މިހާރު ވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.

comment ކޮމެންޓް