ޖީ7 ގައުމުތަކުން ކޮވެކްސް ސްކީމަށް ހަތް ބިލިއަން ޑޮލަރު ހަދިޔާ ކުރަނީ

ދުނިޔޭގެ ސިނާއީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތައް ހިމެނޭ ޖީ7 އިން ވަނީ ކޮވެކްސްއަށް ފައިސާ ހަދިޔާ ކުރާ މިންވަރު އިތުރު ކުރާނެ ކަމަށް ބުނެފަ -- ފޮޓޯ: ބީބީސީ

ލަންޑަން (ފެބްރުއަރީ 20): ދުނިޔޭގެ ސިނާއީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތައް ހިމެނޭ ޖީ7 ޖަމިއްޔާއިން ކޮވެކްސް ސްކީމަށް ހަދިޔާ ކުރާ ފައިސާގެ އަދަދު 7.5 ބިލިއަން ޑޮލަރަށް އިތުރުކޮށްފި އެވެ.

ޖީ7 ގައުމުތަކުން އިއްޔެ އޮންލައިންކޮށް ބޭއްވި ބައްދަލުވުމަށް ފަހު ނެރުނު ބަޔާނެއްގައި ވަނީ "ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތަށް އެގައުމުތަކުން އެއްބާރުލުންދޭ މިންވަރު އިތުރު ކުރާނެ" ކަމަށް ބުނެފަ އެވެ. އަދި މި ފަހަރު ޖީ7ގެ ޗެޔާއަކަށް ހުންނެވި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ދުނިޔޭގެ އެންމެންނަށްވެސް ވެކްސިން ދިނުމުގެ މުހިއްމުކަން ފާހަގަ ކުރައްވާފަ އެވެ.

"މިއީ މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއްކަމުން ދުނިޔޭގެ އެންމެންނަށްވެސް ވެކްސިން ޖަހަން އެބަ ޖެހޭ، އެއްވެސް ގައުމެއް އެހެން ގައުމަކަށް ވުރެ މާ ކުރީގައި އުޅުމުގެ ބޭނުމެއް ނެތް، އެންމެންވެސް ކުރިއަށް ދާންވީ އެއްކޮށް،" ޖޯންސަން ވިދާޅުވި އެވެ.

ޖީ7ގެ ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެގައުމުން ކޮވެކްސް ސްކީމަށް ހަތަރު ބިލިއަން ޑޮލަރު ހަދިޔާ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޖަރުމަނުން 1.2 ބިލިއަން ޑޮލަރު ދޭނެ ކަމަށް ބުނި އިރު ޔޫރަޕިއަން ޔޫނިއަން އިން ވަނީ މީގެ ކުރިން އެ އިއްތިހާދުން ހަދިޔާ ކުރަން ނިންމި 600 މިލިއަން ޑޮލަރު، އޭގެ ދެ ގުނައަށް އިތުރު ކުރާނެ ކަމަށް ބުނެފަ އެވެ.

ޖީ7އިން އެ އިއުލާން ކުރީ، މުއްސަނދި ގައުމުތަކުން ކޮވިޑް-19 ވެކްސިން ބައްކުރާތީ ފާޑު ކިޔުންތައް އަމާޒުވި ފަހުންނެވެ. އެގޮތުން ފަގީރު ކަމާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ވަން ކެމްޕެއިން އިން ބުނި ގޮތުގައި މުއްސަނދި ގައުމުތަކުން ވަނީ އެގައުމުތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ކޮވިޑް ވެކްސިންގެ އެއް ބިލިއަން ޑޯޒް މިހާރު ގަނެފަ އެވެ. އޭގެ ސަބަބުން މިއަހަރު ތެރޭ ފަގީރު ގައުމުތަކަށް ވެކްސިން ނުލިބުން އެކަށީގެންވެ އެވެ.

މީގެ އިތުރުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވި ގޮތުގައި ދުނިޔޭގައި މިހާތަނަށް ޖަހާފައިވާ ކޮވިޑް ވެކްސިންގެ 75 ޕަސެންޓު ޑޯޒްތައް ޖަހާފައި ވަނީ މުއްސަނދި 10 ގައުމެއްގަ އެވެ. އަދި 130 ގައުމަކަށް ވެކްސިންގެ އެންމެ ޑޯޒްއެއްވެސް އަދި ލިބިފައި ނުވެ އެވެ.

ޑަބްލިޔުއެޗްއޯ އާއި ވެކްސިން އެލަޔަންސްތައް ކަމަށްވާ ގަވީ އާއި ސެޕީއިން އުފައްދާފައިވާ ކޮވެކްސް ފެސިލިޓީއަކީ ދުނިޔޭގެ ގައުމުތަކަށް ހަމަހަމަކަމާ އެކު ވެކްސިން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ސްކީމެކެވެ. އަދި އެ ސްކީމުގެ މަގުސަދަކީ އެ ހަރަކާތުގައި ބައިވެރިވާ ކޮންމެ ގައުމެއްގެ އާބާދީގެ 20 ޕަސެންޓަށް ވެކްސިން ދެވޭ ވަރަށް، މި އަހަރު ވެކްސިންގެ ދެ ބިލިއަން ޑޯޒް ފޯރުކޮށްދިނުމެވެ. އޭގެ ތެރެއިން އެއް ބިލިއަން ޑޯޒް ދާނީ ދުނިޔޭގެ އެންމެ ފަގީރު 92 ގައުމަށެވެ.

comment ކޮމެންޓް