މުހައްމަދު އިސްމާއިލް ދޫކޮށްލައިފި

މުހައްމަދު އިސްމާއިލް ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

މިދިޔަ އަންގާރަ ދުވަހުގެ ހަވީރު ޕީޕީއެމް، ޕީއެންސީން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ބަންދުން ދޫކޮށްލައިފި އެވެ.

މުހައްމަދު އިސްމާއިލް ބަންދުން ދޫކޮށްލާފައި ވަނީ މިރޭގެ ވަގުތެއްގަ އެވެ.

ހައްޔަރުކުރުމަށްފަހު ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން އަމުރު ކުރީ ތިން ދުވަހަށް ފުލުހުންގެ ބަންދުގައި އޭނާ ބެހެއްޓުމަށެވެ.

ބަންދު ދޫކޮށްލުމާއެކު ޕީޕީއެމް އޮފީސް ކުރިމަތީގައި މިރޭ ބޭއްވި މުޒާހަރާގައި ބައިވެރިވެ، މީޑިއާއަށް މައުލޫމާތު ދެއްވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ އޭނާ ހައްޔަރުކުރި ސަބަބެއް ކަމަށް ފުލުހުން ބުނީ އެޗްޕީއޭގެ ގަވާއިދާ ހިލާފުވެ، ފުލުހުންނަށް އެއްބާރުލުން ނުދިނުން ކަމަށެވެ.

އެހެން ނަމަވެސް އިދިކޮޅުން ބާއްވާ މުޒާހަރާތަކަކީ ގާނޫނާ އެއްގޮތަށް ބާއްވާ މުޒާހަރާތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު އިސްމާއިލް ވިދާޅުވީ އޭނާ ހައްޔަރުކުރި ކަމުގައި ވިޔަސް މުޒާހަރާތައް ނުހުއްޓޭނެކަން މިއަދު އެނގިގެން ގޮސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ގާނޫނީ ހަމަތަކުގެ ތެރެއިން މުޒާހަރާތައް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް