މިޔަންމާގެ މުޒާހަރާއެއް ތެރެއަށް ބަޑި ޖެހުމުން ޒަހަމްވި މީހަކު މަރުވެއްޖެ

މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގައި ޒަހަމްވި 20 އަހަރުގެ ޒުވާނަކު ވަނީ މަރުވެފަ -- ފޮޓޯ: އީޕީއޭ

ނޭޕިޑޯ (ފެބްރުއަރީ 19): މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް މި މަހުގެ ނުވައެއްގައި ބޭއްވި މުޒާހަރާއެއް ރޫޅާލުމަށް ފުލުހުން ބަޑި ޖެހުމުން ޒަހަމްވި 20 އަހަރުގެ އަންހެނަކު މިއަދު މަރުވެއްޖެ އެވެ.

މިޔަންމާގެ ވެރިރަށް ނޭޕިޑޯގައި ބޭއްވި މުޒާހަރާއެއްގައި ބައިވެރިވި މާޔާ ތުވޭ ތުވޭ ކުއަންގް މަރުވީ އޭނާގެ ބޮލަށް ވަޒަނެއް އެރުމުގެ ސަބަބުން ލައިފް ސަޕޯޓުގައި އޮއްވާ ކަމަށް ޑޮކްޓަރުން ބުންޏެވެ. އެހެންކަމުން އޭނާ އަކީ މި މަހުގެ އެކެއްގައި އަސްކަރިއްޔާއިން ކުރި ބަޣާވާތާ ދެކޮޅަށް ބާއްވަމުންދާ މުޒާހަރާތަކުގައި މަރުވި ފުރަތަމަ މީހާ އެވެ.

މި މަހުގެ 11އިގައި 20 އަހަރު ފުރުނު ކުއަންގް މަރުވުމުން، މުޒާހަރާ ކުރާ ފަރާތްތަކުގެ މެދުގައި އަސްކަރިއްޔާއަށް އޮތް ނުރުހުން ވަނީ އިތުރުވެފަ އެވެ. އަދި ކުއަންގް ޒަހަމްވެ، ބިން މައްޗަށް ވެއްޓުނު ފަހުން ނަގާފައިވާ ފޮޓޯއެއް މުޒާހަރާތަކުގައި ދަނީ ބޭނުން ކުރަމުންނެވެ.

މިޔަންމާގެ ފުލުހުން ވަނީ މި މަހުގެ ނުވައެއްގައި ނޭޕިޑޯގައި ބޭއްވި މުޒާހަރާ ރޫޅާލުމަށް ބަޑި ނުޖަހާ ކަމަށް ބުނެފަ އެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިންނަށް ފަރުވާ ދިން ޑޮކްޓަރުން ވަނީ އިތުރު ދެ މީހެއްގެ ގަޔަށް ވަޒަން އަރާފައިވާ ކަމަށް ބުނެފަ އެވެ.

މިޔަންމާގައި އަސްކަރިއްޔާއާ ދެކޮޅަށް ސިލްސިލާ މުޒާހަރާތައް ފެށީ މި މަހުގެ އެކެއްގައި އޭރުގެ ލީޑަރު އަންގް ސަން ސޫޗީ އާއި އެ ސަރުކާރުގެ އިސް ވެރިން ހައްޔަރު ކުރި ފަހުންނެވެ. އަސްކަރިއްޔާއިން ބުނި ގޮތުގައި އެގޮތަށް އަމަލު ކުރަން ޖެހުނީ މިދިޔަ ނޮވެމްބަރު މަހުގެ އަށެއްގައި ބޭއްވި އާއްމު އިންތިހާބުގެ ނަތީޖާ އޮޅުވާލާފައި ވާތީ އެވެ. އެ އިންތިހާބުގައި ޕާލިމެންޓުގެ 476 ގޮނޑިއަށް މެމްބަރުން ހޮވި އިރު އޭގެ ތެރެއިން 396 ގޮނޑި ކާމިޔާބު ކުރީ ސޫޗީގެ ޕާޓީންނެވެ. އަދި އަސްކަރިއްޔާއިން ތާއިދު ކުރާ ޕާޓީއަށް ލިބުނީ އެންމެ 33 ގޮނޑި އެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ވަނީ އާ އާއްމު އިންތިހާބެއް ބާއްވާ، އެ ވޯޓު ކާމިޔާބު ކުރާ ޕާޓީއަކާ ވެރިކަން ހަވާލު ކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ އިންތިހާބު ބާއްވާނެ އިރެއް އަސްކަރިއްޔާއިން ހާމަ ނުކުރެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް