ކޮވިޑްއާ ހެދި ދިނީ ކުރު ހުތުބާއެއް، ނަމަވެސް މުހިންމު މެސެޖެއް

ޖުލައި 10، 2020: ކޮވިޑް19 އާ ގުޅިގެން މާލެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން މެދުކަނޑާލިތާ ތިން މަހަށް ވުރެ ގިނަ ދުވަހަށްފަހު، މާލޭގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ހަފްތާގެ ތެރޭގައި އިސްލާމިކް މިނިސްޓްރީއިން ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހުކުރު ހުތުބާ ކުރު ކުރަން ނިންމައިފަ އެވެ. އެއީ ހުކުރު ނަމާދަކީ ގިނަ ބަޔަކު އެއްފަހަރާ އެއްވާ ނަމާދެއް ކަމުން، ވައިރަސް ބޮޑަށް ފެތުރުމުުގެ ފުރުސަތު ކުޑަކުރަން، މީހުން އެއްވެ އުޅޭ ވަގުތު ކުޑަ ކުރުމުގެ ގޮތުންނެވެ.

އެ ނިންމުމާއެކު މިއަދުގެ ހުކުރު ނަމާދު އާދައާ ހިލާފަށް ކުރެވެ. މިއަދު އިއްވީވެސް އާދައާ ހިލާފަށް ކުރު ހުތުބާއެކެވެ. ނަމަވެސް، އެ ކުރު ހުތުބާއިން މުހިންމު މެސެޖެއް ދިނެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ ތިމާއާއި އަނެކުންގެ މަސްލަތަށް ރައްކާތެރިވުމެވެ. ކޮވިޑް-19އިން އަމިއްލަ ނަފްސާއި އެހެން މީހުންވެސް ރައްކާތެރި ކުރުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމުގެ މުހިންމުކަމާ ބެހޭގޮތުން މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތް ދިނެވެ.

"މިފަދަ ބަލިމަޑުކަމެއްގައި އުޅޭ އިރު އަމިއްލަ ނަފްސާއި، ތިމާގެ އަޚާ ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެވެސް ވާޖިބެކެވެ،" ހުތުބާގައިވެ އެވެ.

އަދި ބަލިން ސަލާމަތްވުމަށް ސަބަބުތަކުގައި ހިފައި އަޅުކަންވެސް ކުރުމަށްވެސް ހުތުބާގައި ގޮވާލި އެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އަޅައިގެން ނަމާދު ކުރުމަކީ ހުއްދަ ކަމެއް ކަމަށް ބުނެ އެގޮތަށް އަމަލު ކުރުމަށްވެސް ގޮވާލި އެވެ. އަދި ކޮންމެ މީހަކުވެސް ހުކުރު ނަމާދަށް ދާއިރު އަމިއްލަ މުސައްލަ ހިފައިގެން ދިއުމަށް ގޮވާލި އެވެ.

މީގެ ކުރިން ރަސޫލުންނާއި ނަބިއްޔުންނަށްވެސް މިފަދަ މުސީބާތްތަކެއް ކުރިމަތިވި ކަމަށާއި އެ ބޭކަލުންވެސް މާޔޫސްނުވެ، ދުއާ ދަންނަވައި، ސާބިތުވެ ތިއްބެވި ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

އަދި ދުނިޔެވީ ހަޔާތުގައި އަންނަ ކޮންމެ ހިތްދަތިކަމަކަށް ފަހު އެތައް ފަސޭހަކަމެއް އަންނާނެ ކަމަށް މާތްﷲ ވައުދުވެވޮޑިގެންފައިވާކަން ފާހަގަކޮށް އެކަން ހަނދާނުގައި ބަހައްޓަން ގޮވާލި އެވެ.

ހުކުރު ހުތުބާ ކުރުކުރުމުގެ އިތުރުން، ހުރިހާ ނަމާދެއް ޖަމާއަތުގައި ކުރުމަށް ހޭދަކުރާ ވަގުތު ކުރު ކުރުމަށް ވެސް އިސްލާމިކް މިނިސްޓްރީން މީގެކުރިން އޮތީ އަންގައިފަ އެވެ.

މި ފިޔަވަޅުތައް އަޅަން ފަށާފައި މިވަނީ، ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑްގެ ހާލަތު ގޯސްވެފައި ވަނިކޮށެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ބަލީގައި ހާލު ސީރިއަސްވެ ފަރުވާ ދޭން ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުން ވެސް ވަނީ އިތުރުވާން ފަށައިފަ އެވެ.

މާލެ ސިޓީގެ އިތުރުން ފުވައްމަލަކު ސިޓީ އާއި އައްޑޫ ސިޓީގައި ވެސް ކާފިއުއެއް ހިންގަމުންދެ އެވެ. އައްޑޫ އަދި ފުވައްމުލަކާއި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން ތިން މަހަށް މާލޭގައި ހުކުރު ނަމާދު ނުކޮށް މެދުކަނޑާލާފައިވެ އެވެ. އަދި މިސްކިތްތަކުގައި ޖަމާއަތުގައި އެހެން ނަމާދުތައް ކުރުންވެސް މެދުކަނޑާލި އެވެ.

comment ކޮމެންޓް