ހުކުމަށް އިހުތިރާމް ކުރަމުން ޝަމީމް ވިދާޅުވީ، ގާނޫނު އިސްލާހު ކުރަން މަޝްވަރާ ކުރާނެ ކަމަށް

ޕީޖީ ޝަމީމް --- ފައިލް ފޮޓޯ/ ފަޔާޒު މުސާ

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ޕާސްޕޯޓު މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމަށް އިހްތިރާމް ކުރައްވާ ކަމަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަށް އެދުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލަށް ނެތް ކަމަށް ނިންމައި، ސުޕްރީމް ކޯޓުން މިއަދު ވަނީ ޖިހާދުގެ ޕާސްޕޯޓު ޕީޖީން އެދިގެން ކްރިމިނަލް ކޯޓުން ހިފެހެއްޓީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅާފަ އެވެ.

އެކަމާ ގުޅިގެން ޝަމީމް މިރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ފުރުން މަނާކުރުމުގެ އަމުރާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ މާނަ ކުރުމަށް އިޙްތިރާމް ކުރައްވާ ކަމަށެވެ. އަދި އެކަމަށް ގާނޫނީ ހައްލެއް ހޯދުމަށް، ބަންޑާރަ ނައިބާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އަމަލީ ގޮތުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ގާނޫނަށް ގެނެވޭނެ އިސްލާހެއް އޮތްތޯ ބަލަން ބަންޑާރަ ނައިބާ މަޝްވަރާ ކުރާނަން،" ޝަމީމް ޓްވީޓްގައި ވިދާޅުވި އެވެ.

ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނިކޮށް ޖިހާދު ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދައަކަށް ކޯޓުގައި އެދިވަޑައިގެންފަ އެވެ.

ނަމަވެސް، އޭނާ ފިލައިގެން ދާން އުޅޭ ކަމަށް ބުނެ ދައުލަތުން އެކަމަށް ދެކޮޅު ހެދުމާ ވިދިގެން ކްރިމިނަލް ކޯޓުން ނިންމީ އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ފުރުމުގެ ހުއްދަ ނުދޭށެވެ. ކްރިމިނަލް ކޯޓުގެ އަމުރު ޖިހާދު ހައިކޯޓުގައި އިސްތިއުނާފު ކުރެއްވުމުން އެ ކޯޓުން ނިންމީ އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ނިންމީ ގޯސްކޮށް ކަމަށެވެ.

ހައިކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު އެ ކޯޓުން ވަނީ ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ.

ސުޕްރީމް ކޯޓުން ނިންމީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ބުނާ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަށް އެދެވޭނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކަމަށެވެ. އަދި ގާނުޏު ތަންފީޒު ކުރުމުގެ އިދާރޭއެއްގެ ގޮތުގައި ޕީޖީ އޮފީސް ނުހިމެނޭ ކަމަށެވެ. އެހެން ކަމުން އެފަދަ އަމުރެއް ބޭނުންވާ ނަމަ ޕީޖީން ޖެހޭނީ ތަހުގީގީ އިދާރާ މެދުވެރިކޮށް އެފަދަ އަމުރެއް ކޯޓުން ހޯދަން ކަމަށް އެ ހުކުމުގައި ބުނެ އެވެ.

comment ކޮމެންޓް