ކޮރަޕްޝަން ހިނގާ ކަމަށް ޓްރާންސްޕޯޓުން ގަބޫލުނުކޮށް އޭސީސީ ކުށްވެރިކޮށްފި

ޑިސެމްބަރު 15، 2019: ކުރޮސްރޯޑުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ ކޮންފަރެންސްގެ ތެރެއިން: ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ލައިސަންސް ދޫކުރުމާއި ވެހިކަލް ރެޖިސްޓްރީ ކުރުމުގެ ކަންކަމުގައި ކޮރަޕްޝަން ހިނގާ ކަމަށް ރާއްޖޭގައި ނެޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީ އެކުލަވާލަމުން އަންނަ ކޮންސަލްޓަންޓުން ވިދާޅުވުމުން ޓްރާންސްޕޯޓު އޮތޯރިޓީން ހިތްހަމަނުޖެހި އެކަން ކުށްވެރިކޮށްފި އެވެ.

އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އެ ވާހަކަތައް ހާމަކުރައްވައިފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން ރާއްޖޭގައި ނެޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީ އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކޮންސަލްޓެންޓް ޑރ. ސިމާދު ސައީދު އެވެ.

ސިމާދު ވިދާޅުވީ ނެޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީގައި ހިމެނުމަށް އެހެން މުއައްސާސާތަކުން އެއްކޮށްފައި ހުރި މައުލޫމާތައް ބަލާއިރު އެންމެ ބޮޑަށް ކޮރަޕްޝަން އެކުލެވޭ މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވުނީ ލައިސަންސް ދިނުމުގެ ކަންކަން ކަމަށެވެ.

އެވާހަކަތާ ގުޅިގެން ޓްރާންސްޕޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލެ ސަރަހައްދަށް ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދެމުން ދަނީ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ވެހިކަލެއް ބާއްވާނެ ގަރާޖެއް ހުރިކަން ކަށަވަރު ކުރުމަށް ފަހު ކަމަށެވެ. އަދި އެކަން ކަށަވަރުކޮށް ދިނުމަށް ޓަކައި ރަޖިސްޓްރޭޝަނަށް ހުށަހަޅާ ފޯމާ އެކު މާލޭ ސިޓީ ކައުންސިލުން ނުވަތަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކުރާ ގަރާޖު ހުއްދައެއް އޮންނަން ޖެހޭ ކަމަށާއި ރަޖިސްޓްރީ ކޮށްދެނީ އެ ލިޔުންތަކަށް ބެލުމަށް ފަހު ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ޓްރާންސްޕޯޓުން ބުނީ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު މާލެއަށް ރަޖިސްޓަރީ ކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރާތީ 2019 ވަނަ އަހަރުން ފެށިގެން ވެހިކަލް ބާއްވާ ގަރާޖަކީ ރަގަޅުތަނެއްތޯ އެ އޮތޯރިޓީން ބަލާ ޗެކްކުރަމުން އަންނަ ކަމަށެވެ. އަދި އެ އޮތޯރިޓީން އެތަން ބަލާއިރު އެތަނަކީ ގަރާޖަކަށް ނުވާނަމަ ނުވަތަ ގަރާޖެއްގެ ޝަރުތު ފުރިހަމަނުވާ ތަނެއްނަމަ އެތަނަކަށް ވެހިކަލް ރަޖިސްޓަރީ ކޮށްދީފައިނުވާނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

"އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން، ދައްކަވާފައިވަނީ މިހާރު ކަންހިނގަމުންދާ ގޮތާއި ކަނޑައެޅިގެން ހިލާފު ވާހަކަތަކެއް ކަމުގައި ދަންނަވަމަމެވެ." ބަޔާނުގައިވެ އެވެ.

ސިމާދު ވިދާޅުވީ މާލޭގައި ޕާކު ކުރާނެ ޖާގަ ނެތުމުގެ ސަބަބުން އުސޫލަށް ބަދަލު ގެނެސް ގަރާޖެއް ދައްކާފައި ވެހިކަލް ރެޖިސްޓްރީކުރެވޭ ގޮތް ހެދި ނަމަވެސް މަގުސަދު ހާލިސްވާ ގޮތަށް އެކަން ތަންފީޒު ވަމުން ނުދާ ކަމަށެވެ.

"ހީވެސް ނުކުރާ ވަރުގެ ބޮޑު ކޮރަޕްޝަނެއް މިކަމުގައި އެބަ އެކުލެވޭ. އެންމެ ގަރާޖަކަށް 70 ވެހިކަލް ރެޖިސްޓްރީ ކުރުން ކަހަލަ ކަންތައްތައް ވެސް އެބަ ހިނގާ. އަދި އެ ގަރާޖަކީ ހަގީގަތުގައި ވެސް ގަރާޖެއްތޯ ނުވަތަ ފާމަސީއެއްތޯ. ބޯކޮށާތަނެއްތޯ. މިކަން ވެސް ބެލޭނެ ގޮތެއް ނެތް،" ސިމާދު ވިދާޅުވި އެވެ.

އޭގެ އިތުރުން ގޭގެ ނަމަށް އުނިއިތުރު ގެނެސްގެންވެސް އެތައް ވެހިކަލެއް ރެޖިސްޓްރީ ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަށް އޮތް ހައްލަކީ ޕޮލިސީތަކަށް ބަދަލުގެނައުން ކަމަށް ސިމާދު ވިދާޅުވި އެވެ

ލައިސަންސް ދޫކުރުމުގެ ކޮރަޕްޝަން ހުއްޓުވޭނެ ގޮތެއް ކަމަށް ސިމާދު ފާހަގަ ކުރެއްވީ ލައިސަންސް ދިނުމުގެ މުޅި ސިސްޓަމް ޑިޖިޓަލައިޒް ކުރުމެވެ. މިހާރު ޓްރާންސްޕޯޓް އޮތޯރިޓީގައި ބޭނުން ކުރާ ސިސްޓަމަކީ ރަނގަޅު ސިސްޓަމަކަށް ނުވާތީ އެއާ ވަރަށް ގިނައިން މީހުންނަށް ކުޅެލާ މައުލޫމާތު އޮޅުވާލުމުގެ ފުރުސަތު އޮންނަ ކަމަށް ސިމާދު ވިދާޅުވި އެވެ. ކޮރަޕްޝަން ހުއްޓުމުގެ ގޮތުން ޑިސެންޓްރަލައިޒް ކޮށްގެންވެސް އެ ހިދުމަތް ދެވިދާނެ ކަމަށް ސިމާދު ވިދާޅުވި އެވެ.

ލައިސަންސް ދޫކުރުމުގެ ކަންކަން ޓްރާންސްޕޯޓް އޮތޯރިޓީ އިން ކުރުމުގެ ބަދަލުގައި ކައުންސިލުތައް މެދުވެރިކޮށް އެކަން ކުރެވިދާނެ ކަމަށް ސިމާދު ވިދާޅުވި އެވެ.

comment ކޮމެންޓް