ޓްރެފިކް ޖޫރިމަނާ ނުދައްކާ ހުއްޓަސް ކައިވެނި ކުރެވޭނެ: ފެމިލީ ކޯޓް

އޮގަސްޓް 31، 2018: މާލެއާއި ހުޅުލެ ގުޅާލާ ބުރިޖު (ސިނަމާލެ ބުރިޖު) މަތީ ކުރެވުނު ކައިވެނި ޕާޓީތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގަވައިދާ ހިލާފަށް ސައިކަލު ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާތަކަކީ ސާބިތު ދަރަނި ކަމަށް ނުވާތީ އެފަދަ ޖޫރިމަނާ ނުދައްކާ ތިބި މީހުންނަށް ވެސް ކައިވެނި ކުރެވޭނެ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.

ގަވައިދާ ހިލާފަށް ސައިކަލު ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާތަކާ ހެދި ޒުވާނުންނަށް ކައިވެނި ނުކުރެވޭ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ކެމްޕޭން އިވެންޓެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވާތީ "ސަން" އިން ސުވާލުކުރުމުން ފެމިލީ ކޯޓުގެ ރަޖިސްޓްރާ އަހުމަދު ނަޝީދު މިއަދު ވިދާޅުވީ، ކައިވެނި ނުކުރެވޭނީ އެ މީހާގެ މައްޗަަށް ދަރިންނަށް ހަރަދު ނުދީގެން ކޮށްފައިވާ، ސާބިތު ދަރަންޏާއި ގާނޫނާ ހިލާފަށް ވަރިކުރުމުން ކޮށްފައިވާ ޖޫރިމަނާ ނުދައްކާ ފަރާތްތަކާއި ދެ އަންބަން އިންނަ ނަމަ އޮންނަ ސާބިތު ދަރަނި ނުދައްކާ ފަރާތްތައް އެކަނި ކަމަށެވެ. ޓްރެފިކް ޖޫރިމަނާ ފަދަ ދަރަނިތައްް ސާބިތު ދަރަނީގެ ގޮތުގައި ނުބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދު ކިޔައިދެއްވި ގޮތުގައި ސާބިތު ދަރަންޏަކީ އެ ފައިސާ ދައްކަން ކޯޓުން ހުކުމެއް ކޮށްފައި ހުއްޓާ އެ ފައިސާ ނުދައްކާ ހުރުމުގެ ސަބަބުން އަރާފައިވާ ދަރަންޏެވެ.

"ސާބިތު ދަރަންޏަކީ ހުކުމެއް ކޮށްފައި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ހުންނަ ދަރަނި،" ނަޝީދު ވިދާޅުވި އެވެ.

ފެމިލީ ކޯޓުގެ ގަވައިދުގެ 94 ވަނަ މާއްދާގައި ވެސް ބުނަނީ ގާނޫނާ ހިލާފަށް މީހަކު ވަރިކޮށްފައިވާ ނަމަ އެ މީހާގެ ވަރީގެ ޖޫރިމަނާ ދައްކަންދެން ނުވަތަ ކައިވެނި ކުރަން އެދޭ ފިރިހެނާ އަކީ ހަރަދެއް ސާބިތުވެފައިވާ މީހެއް ނަމަ އެ ފައިސާ ދައްކާ ނިމެންދެން ކައިވެނިކޮށްދިނުން ވަގުތީ ގޮތުން ފަސްކުރަންވާނެ ކަމަށެވެ.

ކައިވެނި ނުކުރެވޭނީ އެ މީހާގެ މައްޗަަށް ސާބިތު ދަރަންޏެއް އޮތް ނަމަ

ސާބިތު ދަރަނީގެ ތެރޭގައި ހިމެނެނީ، ދަރިންނަށް ހަރަދު ކުރަން ފެމިލީ ކޯޓުން ހުކުމެއް ކޮށްފައި އޮއްވާ އެ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވުމެވެ.

އެފަދަ ދަރަނިތައް ހުރެގެން ކޯޓުން އެ މީހުން ކައިވެނި ނުކޮށްދީފައި ފަސްކޮށްފައި އެބަ ހުރި ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ނޫން ހާލަތްތަކުގައި ކައިވެނި ކޮށްދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ލޯކަލް ކައުންސިލް ކެމްޕޭން ޖަލްސާއެއްގައި ފުވައްމުލަކު ސިޓީގެ ކެންޑިޑޭޓަކު ވަނީ ޓްރެފިކް ޖޫރިމަނާތަކާ މެދު ޒުވާނުން ކަންބޮޑުވާ ކަމަށް ވިދާޅުވެފަ އެވެ.

އެ ކަންބޮޑުވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ޖަލްސާގައި ވިދާޅުވީ އެފަދަ މައްސަލަތައް ދިމާވާ ކަމުގެ ޝަކުވާ ލިބޭ ކަމަށާއި އެކަމަށް ހައްލެއް ހޯއްދަަވައިދެއްވާނެ ކަމަށެވެ.

https://sun.mv/149203

"މީގައި އަދި ދިމާވާ ކަމެއް އޮންނަ ކަމަށް ވަނީ ޖޫރިމަނާއެއް ދައްކަން އޮތިއްޔާ ކައިވެނި ވެސް ނުކުރެވޭ. ބައެއް ކުދިންނަށް ކައިވެނި ވެސް ނުކުރެވޭ. [ކޯޓަށް] ދިޔައީމާ މި އަންގަނީ އެބަ އޮތޭ ޖޫރިމަނާއެއް. އެހެންވީމަ ޖޫރިމަނާ ނުދައްކަނީހެއް [ކައިވެނި] ނުކުރެވޭ. އެހެންވީމާ އެހެން ތިބި އެތައް ކުދިންނެއް ވެސް އެބަތިބި،" ރައީސް ވިދާޅުވެފައިވެ އެވެ.

ބައެއް ޒުވާނުން ލައިސެންސް ނެތި އުޅަނދު ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ލައްކައަކަށްވެސް އަރާފައި އެބަ ހުއްޓެވެ. އޭގެ ތެރޭގައި 18 އަހަރު ނުފުރެނީސް ސައިކަލު ދުއްވައިގެން ކުރި ޖޫރިމަނާތައްވެސް ހިމެނެ އެވެ. މީގެ އިތުރުން ސައިކަލުގެ އަހަރީ ފީ އާއި ރޯޑް ވާދިނަސް ފަދަ ތަކެތި ނުދައްކާ އެތައް އަހަރުތަކެއް ވުމުން ވެސް ދައްކަން ޖެހޭ އަދަދު ބޮޑުވެފައިވެ އެވެ.

މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކި ވޯޓުތަކާ ދިމާކޮށް ޒުވާނުންގެ މިފަދަ ޖޫރިމަނާތައް މާފުކޮށްދީފައިވެ އެވެ.

comment ކޮމެންޓް