ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހައިކޯޓުގެ ފަރާތުން ފަނޑިޔާރު ޝަފީއު އިންތިހާބުކޮށްފި

ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހައިކޯޓުގެ ފަރާތުން އިންތިހާބު ކުރި ފަނޑިޔާރު ހަސަން ޝަފީއު -- ފޮޓޯ/ ހައިކޯޓު

ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހައިކޯޓުގެ ފަރާތުން ފަނޑިޔާރު ހަސަން ޝަފީއު އިންތިހާބުކޮށްފި އެވެ.

ހައިކޯޓުން މިއަދު ވަނީ އެ މަގާމަށް ފަނޑިޔާރު ހަސަން ޝަފީއު އިންތިހާބުކޮށްފައިވާކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަކީ ފަނޑިޔާރަކާ ގުޅޭ ޝަކުވާއެއް ބަލައި، ޖޭއެސްސީއިން ނިންމާ ނިންމުންތަކުގެ ތެރެއިން ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި އުފެއްދި މަޖިލީހެކެވެ.

އެ މަޖިލިސް އެކުލެވިގެން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރާއި، ޖޭއެސްސީގައި ހިމެނޭ އެ ކޯޓުގެ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، އަދި ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ނުހިމެނޭ ފަނޑިޔާރެއް ހިމެނޭ ގޮތަށް ތިން ފަނޑިޔާރުގެ މައްޗަށެވެ.

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އުފެއްދީ ޖޭއެސްސީގެ ގާނޫނަށް ގެނައި ދެވަނަ އިސްލާހުގެ ދަށުންނެވެ.

comment ކޮމެންޓް