އޮސްޓްރޭލިއާގައި ފޭސްބުކުން ހަބަރު ޝެއާ ނުކުރެވޭ ގޮތް ހަދައިފި

ފޭސްބުކުން އެޅި ފިޔަވަޅުތަކުގެ ދަށުން އޮސްޓްރޭލިއާގެ މީޑިއާތަކުން އެ ހިދުމަތް މެދުވެރިކޮށް ހަބަރު ދެއްކުމާއި ޝެއާ ކުރުން ވަނީ ހުއްޓުވާފަ -- ފޮޓޯ: ރޮއިޓާސް

ކެންބެރާ (ފެބްރުއަރީ 18): އޮސްޓްރޭލިއާގެ މީޑިއާތަކުން ފޭސްބުކުގައި ހިއްސާ ކުރާ ހަބަރުތަކަށް އެ ކުންފުނިން ފައިސާ ދިނުމަށް މަޖުބޫރު ކުރާ ގާނޫނެއް ފާސް ކުރަން އުޅޭތީ، އެ ޕްލެޓްފޯމް މެދުވެރިކޮށް އޮސްޓްރޭލިއާގައި ހަބަރު ޝެއާ ނުކުރެވޭ ގޮތަށް ހަދައިފި އެވެ.

ފޭސްބުކުން ނެރުނު ބަޔާނެއްގައިވާ ގޮތުން އޮސްޓްރޭލިއާގެ ޕާލިމެންޓުގެ ތިރީގެއިން މިހާރު ފާސްކޮށްފައިވާ "ނިއުސް މީޑިއާ ބާގެއިނިން ކޯޑް"ގައި އެ ކުންފުންޏާއި ނޫސް އުފައްދާ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން ދޭހަކޮށްފައި ވަނީ ރަނގަޅަކަށް ނޫނެވެ. އެހެންކަމުން ފޭސްބުކަށް ވަނީ އޮސްޓްރޭލިއާގައި އެ ޕްލެޓްފޯމް މެދުވެރިކޮށް ހަބަރު ޝެއާ ނުކުރެވޭ ގޮތަށް ހަދަން މަޖުބޫރުވެފަ އެވެ.

"އެ [ބިލުގެ] ސަބަބުން އަޅުގަނޑުމެންނަށް ވަނީ ވަކި ގޮތެއް ހިޔާރު ކުރަން ޖެހިފައި: އެއީ [ފޭސްބުކާއި މީޑިއާތަކާ ދެމެދު އޮތް] ގުޅުމުގެ ހަގީގަތަށް ނުބަލާ ގާނޫނަކަށް ތަބާވާން މަސައްކަތް ކުރުން ނުވަތަ، އޮސްޓްރޭލިއާގައި އަޅުގަނޑުމެންގެ ހިދުމަތުން ނިއުސް ކޮންޓެންޓް ބޭރު ކުރުން. އަޅުގަނޑުމެން، ވަރަށް ހިތާމައާ އެކު މި ހިޔާރު ކުރަނީ ދެވަނަ ގޮތް،" ފޭސްބުކުގެ ބަޔާނުގައިވެ އެވެ.

ފޭސްބުކުން އެޅި ފިޔަވަޅުތަކާ އެކު، އޮސްޓްރޭލިއާގައި އެގައުމުގެ ހަބަރުތަކާއި ބޭރުގެ ހަބަރުތައް ވެސް އެ ޕްލެޓްފޯމުން ދެން ނުފެންނާނެ އެވެ. އަދި އެގައުމުގެ މީޑިއާތަކަށް ނިސްބަތްވާ ޕޭޖުތަކުން އެއްވެސް ލިންކެއް ޝެއާ ނުކުރެވޭ ގޮތް މިހާރު ވަނީ ހަދާފަ އެވެ.

އޮސްޓްރޭލިއާ އިން ވަނީ ފޭސްބުކުން އެ ފިޔަވަޅު އެޅި ނަމަވެސް 'ނިއުސް މީޑިއާ ބާގެއިނިން ކޯޑް' ގާނޫނު ފާސް ކުރުން ކުރިއަށްގެންދާނެ ކަމަށް ބުނެފަ އެވެ. އެ ގާނޫނުގައިވާ ގޮތުން ނޫސް މީޑިއާތަކުން އުފައްދާ ލިޔުންތަކުގެ ތެރެއިން ފޭސްބުކާއި ގޫގުލްގައި ހިއްސާ ކުރާ ލިޔުންތަކަށް، އެ ދެ ކުންފުނިން ފައިސާ ދޭން ޖެހޭނެ އެވެ. އަދި ފައިސާ ދޭނެ ވަރެއް ނިންމާނީ އެ ކުންފުނިތަކާއި މީޑިއާތަކުން މަޝްވަރާ ކުރުމަށް ފަހު އެވެ.

އޮސްޓްރޭލިއާގެ ސަރުކާރުން ބުނާ ގޮތުގައި ހަބަރު ކިޔަން ބޭނުންވާ މީހުންގެ ފަރާތުން ގޫގުލް އާއި ފޭސްބުކަށް ކަސްޓަމަރުން ލިބޭތީ އެ ދެ ކުންފުނިން މީޑިއާތަކަށް ފައިސާ ދޭން ޖެހެ އެވެ. އަދި އެއީ ޑިމޮކްރަސީގެ މުހިއްމު ބައެއް ކަމަށްވާ ނޫސްވެރިކަމަށް ލިބިގެންދާނެ ބޮޑު އެހީއެކެވެ.

ނަމަވެސް ފޭސްބުކުން ބުނި ގޮތުގައި ހަބަރު އުފައްދާ ފަރާތްތަކުން އެ ހިދުމަތް ބޭނުން ކުރަނީ އަމިއްލައަށް ބޭނުންވެގެންނެވެ. އަދި އޭގެ ސަބަބުން މީޑިއާތަކަށް ސަބްސްކްރައިބް ކުރާ މީހުންނާއި ހަބަރުތައް ކިޔާ މީހުން އިތުރުވެ، އެ މީޑިއާތަކަށް އިޝްތިހާރުކޮށްގެން ފައިދާ ލިބެ އެވެ.

މީގެ އިތުރުން ފޭސްބުކުން އޮސްޓްރޭލިއާގެ ހަބަރުތައް ނެގުމުން އެ ކުންފުންޏަށް މާބޮޑު ގެއްލުމެއް ނުލިބުނު ނަމަވެސް އޭގެ ސަބަބުން ނޫސް ވެބްސައިޓުތަކަށް ވަންނަ މީހުންގެ އަދަދު މަދުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މިދިޔަ އަހަރު އޮސްޓްރޭލިއާގެ މީޑިއާތަކަށް 316 މިލިއަން ޑޮލަރު ހޯދައި ދިނުމަށް އެ ކުންފުނިން އެހީވި ކަމަށް ވެސް ފޭސްބުކުން ބުންޏެވެ.

ފޭސްބުކްގެ އިތުރުން ގޫގުލްއިން ވެސް ވަނީ އެ ގާނޫނަށް ފާޑު ކިޔާފަ އެވެ. އަދި އެ ގާނޫނު ތަންފީޒުކޮށްފި ނަމަ އޮސްޓްރޭލިއާގައި ގޫގުލް ސާޗް އިންޖީން ބޭނުން ނުކުރެވޭ ގޮތް ހަދާނެ ކަމުގެ އިންޒާރު ދީފަ އެވެ.

comment ކޮމެންޓް